ﷲ ތަޢާލާ ތިމާގެ މަތިން ހަނދުމަ ނުކުރައްވަވާކަމަށް، ތިމާ ދޫކޮށްލައްވަވައިފިކަމަށް ވިސްނޭ ނަމަ ވިސްނަންވީ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ﷲ ތަޢާލާ ތިމާގެ މަތިން ހަނދުމަ ނުކުރައްވަވާކަމަށް، ތިމާ ދޫކޮށްލައްވަވައިފިކަމަށް ވިސްނޭ ނަމަ ވިސްނަންވީ ކަންކަން-

މާޔޫސްކަމުގައި ނުވަތަ މުޞީބާތެއްގައި އުޅެންޖެހުމުން ތިމާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމާއިމެދުގައިވެސް ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ތިއަފަދަ ދަށުދަރަޖައިގެ ވިސްނުން ނުވެސް ވިސްނާށެވެ!  

ތިބާ އުފެއްދެވީ ﷲ ތަޢާލާއެވެ. އުޅެންޖެހިފައިވާ ޙާލު ﷲ ތަޢާލާ ދެނެވޮޑިގެން ނުވާ ހަމައެކަކުވެސް މިދުނިޔެއަކު ނުހުންނާނެއެވެ. އުޅެފައެއްވެސް ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އަހުރެމެން އެންމެންގެ ނަންތައްވެސް ދެނެވޮޑިގެންވެއެވެ. މައިންބަފައިންވެސް ދެނެވޮޑިގެންވެއެވެ. އެކަމުގެ ދަލީލަކީ ޤިޔާމަތް ދުވަހު ކޮންމެ މީހަކާއިވެސް ﷲ ތަޢާލާ މުޚާޠަބް ކުރައްވަވާނީ އެމީހެއްގެ ނަމުން ކަމެވެ.  

ވީމާ ތިމާގެ ޙާލު ﷲ ތަޢާލާ ދެނެވޮޑިގެންނުވާކަމަށް ހީކުރަންވެސް ހެޔޮނުވާނެއެވެ. އަދި ﷲ ތަޢާލާ ތިމާ ނިކަމެތިކުރައްވަވައި ދޫކޮށް ލެއްވެވީކަމަށް ހީކުރަން ޢަމްދުން ނުވާނެއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުންދާ ހަމައެކަކުވެސް ﷲ ތަޢާލާ ދޫކޮށް ނުލައްވަވާނެތެވެ. އިން ޝާ ﷲ 

މީސްތަކުންނޭވެ! ގިނަ ފަހަރަށް އެފަދަ ވިސްނުންތައް އަންނަނީ ބައެއް މީހުން ދައްކާ ވާހަކަތަކުންނެވެ. އެފަދަ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ! ކޮންމެ ފަދަ ޙާލެއްގައިވީ ނަމަވެސް  ކޮންމެ ދުވަހަކުވެސް ޔަޤީންކުރަންވީ ތިމާއަށް އުޅެންޖެހިފައިވާ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ. ބައްލަވައިވޮޑިގެންވާކަމެވެ. މިއަދުވެސް މިހުރެވެނީ މިއަދަށް ﷲ ތަޢާލާ އިރާދަކުރެއްވެވި އެންމެ ހެޔޮ ރަޙްމަތުގައިކަމެވެ.  

ދެން އޮތީ ތިބާގެ އަތްމަތީގައި އޮތްކަމެކެވެ. އެއީ ތިބާއަކީ ﷲ ތަޢާލާ ތިބާގެމަތިން ގިނަގިނައިން ހަނދުމަކުރައްވަވާ އަޅަކަށްވުމެވެ. އެމަތިވެރި ނިޢުމަތް ޙާޞިލްކުރަން ތިބާއަށް ކުރަން އޮތް ކަމަކީ ނުވަތަ ކުރަންޖެހޭ ކަމަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. ތިބާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާވަރަކަށް ﷲ ތަޢާލާ ތިބާގެމަތިން ހަނދުމަކުރައްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން