އަހުރެމެން ގަދައަޅައި މަސައްކަތް މިކުރަނީ ސުވަރުގެ ލިބުން އެދިގެންނެވެ. މަސައްކަތް މިކުރަނީ ވީހައި ގިނަ އަޅުަކްނކުރެވޭތޯއެވެ. އެގޮތުން މަސައްކަތްކުރަމުން އަންނައިރު އިތުރަށް ވިސްނައިލުން މުހިންމު ކަމެއްގެ ވާހަކަ ބުނެލާނަމެވެ.
ވިސްނައިލާށެވެ! އަހަރެމެން ކޮންމެ މީހަކުވެސް ބޮޑުވެފައި މިތިބީ އެއްވެސް ޒިންމާއެއް އަމިއްލައަށް ނުއުފުލޭ ކުޑަކުއްޖެއްގެ ގޮތުގައި އެތައް އަހަރުތަކެއް ފާއިތުވުމަށްފަހުގައެވެ. އެދުވަސްތަކުގައި އަހަރެމެންގެ ހުރިހާ ޒިންމާތަކެއް އުފުލަނީ އަހަރެމެންގެ މައިންބަފައިންނެވެ.
އެއަށްފަހު ދެން މިއަންނަނީ އުމުރުން ދުވަސްވެ މައިންބަފައިން މުސްކުޅިވާ ދުވަހެވެ. އެމީހުންގެ އުމުރުގެ އެންމެ ފަހު ދުވަސްތަކެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށްޓަކައި ތައްޔާރުވާން އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭނެ ދުވަސްތަކެވެ.
ދަރިންގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާނީ މިދުވަސްތަކުގައެވެ. ވީމާ އެދުވަސްތަކުގައި މައިންބަފައިންނަކީ ކުރިން ކުރިފަދައިން ދިރިއުޅެން މަސައްކަތްކުރަންޖެހޭ ބައަކަށް ހަދައިގެން ނުވާނެއެވެ! އެމީހުންގެ ހުރިހާ ބޭނުންތަކެއް ފުއްދައިދީ އަޅުކަންކުރަން ހުސްކޮށްދޭންވާނެއެވެ. އެއީ ދަރިންގެ މައްޗަށް އެންމެ ބޮޑަށް ލާޒިމުކުރާ އެއްކަންތަކެވެ.
އެކަންކޮށްދިނުމަކީ ބުރައަކަށް ނުހަދާށެވެ! އަހަރެމެންނަށް އަހަރެމެންގެ ޒިންމާތައް ނުނެގުނު ދުވަސްތައް ހަނދާނަށް ގެންނާށެވެ! އެއިރު އަހަރެމެންގެ ހުރިހާ ބޭނުންތަކެއް ފުއްދައިދީންގޮތް ހަދާންކުރާށެވެ. އަހަރެމެންނަށްޓަކައި ބުރަ މަސައްކަތްކުރަމުން ވެސް އަހަރެމެން ބަލިވެއްޖެނަމަ އަޅާލައި ޑޮކްޓަރަށް ދައްކައިދީ އަހަރެމެންނަށް ޚިދުމަތްކުރިގޮތް ހަނދާނަށް ގެންނާށެވެ.
މިބުނިފަދައިން މައިންބަފައިންނާއިމެދު ޢަމަލުކޮށްފި މީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ! އެކްން ވެގެންދާނީ ތިމާއަށް ސުވަރުގެ ވަދެވިގެންދާ އެންމެ ބޮޑު ސަބަބުކަމަށެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން