ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެއް!: މިހާރުގެ ދަރިން ކުރާ ސުވާލުތައް ވަރަށް ތަފާތުވާނެ! ހޯދައިގެންވެސް ރަނގަޅު ޖަވާބު ނުދެވޭނަމަ ދަރިން މަގުފުރެދުން ގާތްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެއް!: މިހާރުގެ ދަރިން ކުރާ ސުވާލުތައް ވަރަށް ތަފާތުވާނެ! ހޯދައިގެންވެސް ރަނގަޅު ޖަވާބު ނުދެވޭނަމަ ދަރިން މަގުފުރެދުން ގާތްވާނެ!

ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިންނޭވެ! މިއަދުގެ ކުޑަކުދިން ވަރަށް ގިނަ ސުވާލުތައް ކުރާނެއެވެ. އެއިގެ ތެރޭގައި ދީނާއި ބެހޭގޮތުންވެސް ހީވެސް ނުކުރެވޭފަދަ ސުވާލުތައް ކުރިމަތިކުރުވާނެއެވެ. 

އެއީ އެކުދިންގެ ކުށެއް ނޫނެވެ! ބައްދަލުވާ އެހެން ދީނަތަކުގެ އާއި އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންގެ ދަރިންގެ ފަރާތުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކުރިމަތިކުރުވާ ސުވާލުތަކެކެވެ. 

ވީމާ ސުވާލެއް ކުރުމުން ކަންބޮޑުވެ ރުޅި ނުއަންނާށެވެ! ޖަވާބު ނުއެނގޭނަމަ އެނގޭވަރުގެ މީހެއްގެ ކިބައިން އޮޅުންފިލުވާފައި ނަމަވެސް ދަރިން ކުރާ ސުވާލުތަކުގެ ޖަވާބު ހޯދައިދޭށެވެ. ނޫންނަމަ އެކުދިންގެ ހިތުގައި ދީނާއިމެދު ޝައްކުތައް އުފެދުމުގެ ފުރުޞަތު ބޮޑުވެގެންދާށެވެ. 

ދަރިންގެ ހިތުގައި ސުވާލުތައް އުފެދެނީވެސް އެކުދިންގެ ވިސްނުން ތޫނުވީމައެވެ. ވިސްނައިލާށެވެ. އިބްރާހީމްގެފާނުގެ ބައްޕާފުޅަކީ ބުދަށް އަޅުކަންކޮށް، ބުދުހަދައި އެއިގެ ވިޔަފާރިކޮށް އެކަމުން ޢާއިލާ ބަލަހައްޓަމުން އައި މީހެކެވެ. ނަމަވެސް އިބްރާހީމްގެފާނުގެ ހިތްޕުޅުގައި ބުދުތަކާއިމެދު ސުވާލުތައް އުފެދި ސުވާލުތައް ކުރައްވަވަން ފެށްޓެވީ ނުހަނު ތުއްޕުޅު އިރުގައެވެ.

މިޒަމާނުގައި ދަރިއަކު ކޮންމެ ފަދަ ސުވާލެއް ކުރިނަމަވެސް އެސުވާލުގެ ޖަވާބު ހޯދައިދޭން ގަދައަޅައި މަސައްކަތް ނުކޮށްފިނަމަ ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. އަދި ރުޅިއައިސް އެފަދަ ސުވާލުތައް ނުކުރަން ބުނެފިނަމަ ދެން ނުކުންނަ މައްސަލަތައް މާނުރައްކާތެރިވާނެއެވެ. 

ވީމާ ކޮންމެ ބެލެނިވެރިއަކުވެސް އަދި މައިންބަފައިންވެސް މިކަންކަމަށް ވިސްނައި ސަމާލުކަންދޭށެވެ. އަދި ދީން އުނގެނެން މަސައްކަތްކުރާށެވެ. ދަރިންގެ ސުވާލުތަކަށް ޖަވާބުދެވޭނެ ވަރަށް ބެލެނިވެރިން ހޭލުންތެރިވާށެވެ. ކުރިން މިބުނިފަދައިން ޖަވާބު ނުއެނގޭ ސުވާލެއް ދަރިއަކު ކޮށްފިނަމަ އަވަހަށް ޖަވާބު އޮޅުންފިލުވައިގެން އޯގާތެރިކަމާއިއެކު ދަރިފުޅަށް ބުނެދޭށެވެ! ޙައްލު ލިބޭނެއެވެ. އިން ޝާ ﷲ 

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ދަރިއަކު މިފަދަ ސުވާލުތައް ކުރާނަމަ އެދަރިފުޅަކާއި ގުޅުން ބަދަހިކުރަން އިތުރަށް މަސައްކަތްކުރާށެވެ! އެހެން ނޫންނަމަ ޙިއްޞާކުރަން ބިރުގަންނާނެއެވެ. އެއިރުން ނުކުންނަ ނަތީޖާ މާބޮޑަށް ހިތިވެދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން