ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ ހެކިތައް އެންމެންނަށްވެސް ދައްކަވަތެވެ. އެކިމީހުންނަށް އެކި ގޮތަށެވެ. އެކި މިންވަރަށެވެ. އެއްބައެއްގެ ވިސްނުން ކޮށިކަމުން ބަލައިގަންނަން ނުއެނގެނީއެވެ. އަނެއް ބައަކު ބުއްދީގެ ބޭނުންކޮށް ބަލައިގަންނަނީއެވެ. މިކިޔައިދެނީ ބަލައިގަތް އަންހެނެއްގެ ވާހަކައެވެ.
އޭނާބުނެފައިވަނީ އޭނާގެ އުމުރުން 21 އަހަރުވަންދެން ދިރިއުޅެމުން އައީ ކަލަކުވޮޑިގެންވާކަން ޤަބޫލުނުކުރާ އެތީސްޓެއްގެ ގޮތުގައި ކަމަށެވެ.
އޭނާ އުޅޭގޭގައި ޖިންނީގެ އުނދަގޫތަކެއް ފޯރަމުންދިއައެވެ. ނަމަވެސް އޭނާއަކަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. ޤަބޫލުކުރެވޭ ހިސާބަށް ކަންކަން ދިއައީ ގޭގެ ބޮކި ނިއްވާ/ދިއްލައި ހެދުމުގެ އިތުރުން ނިދާ ކޮޓަރީގެ ބޮރުގައި ބޭރުންޖެހިގަތުމުންނެވެ.
އެވަގުތު އޭނާއަށް ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނެވެ. އެހީތެރިވެދެވިދާނެފަރާތަކާއިމެދު ސުވާލުކުރވުނެވެ. އަދި މަދަދަށް އެދި ދެންނެވީ ﷲ ތަޢާލާއަށެވެ. އެހިސާބުން އޭނާކުރި ދުޢާ ޢިޖާބެކުރެއްވެވިތަން ފެނިގެން ދިއައެވެ.
ކޮންމެއަކަސް މިއަދު އޭނާއަކީ "އުފަން މުސްލިމަކަށްވުރެ" ބޮޑަށް އިސްލާމް ދީނަށް ޚިދުމަތްކުރަމުން ގެންދާ ބޭކަނބަލެކެވެ! އޭނާ ބުނަނީ އޭނާކުރާ ކަމެއް އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރާނެ ކަމަށާއި އެގޮތުން އިސްލާމް ދީނަށް ޚިދުމަތްކުރުމުގައިވެސް ނަމޫނާ ދައްކާނެ ކަމަށެވެ!
މިއީ ދިގުވާހަކައެއްގެ ކުރުޚުލާޞާއެކެވެ. އޭނާވަނީ މިވާހަކަތައް ސޯޝަލް މީޑިއާގައިވެސް ޢާންމުކޮށްފައެވެ. ކިޔައިދީ ވީޑިއޯވެސް ޢާންމުކޮށްފައެވެ. ނަޞޭޙަތަކީ ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުރިމަތިވާ ކަންކަމަށް ވިސްނައި ފިކުރުކުރުމެވެ. ވިސްނައި ފިކުރުކުރާ މީހަކަށް ހެޔޮ ވިސްނުން ދެއްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން