ﷲ އެންގެވި ގޮތަށް ފޭރާންލައި ނިވާވިޔަސް، ނަމާދުކުރިޔަސް ފާޑުކިޔާނެ! ކަންބޮޑުނުވާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ﷲ އެންގެވި ގޮތަށް ފޭރާންލައި ނިވާވިޔަސް، ނަމާދުކުރިޔަސް ފާޑުކިޔާނެ! ކަންބޮޑުނުވާތި!: މުފްތީ މެންކް

އެއްވެސް މީހަކު ތިބާ އާއިމެދު ދެކޭ ގޮތަށް ކަންބޮޑުނުވާށެވެ. ފޭރާން ލައި ނުވާވެގެން ހުރިނަމަވެސް ފާޑުކިޔާ ބައަކު އުޅޭނެއެވެ. ﷲ ތަޢާލާއަށް އަޅުކަންކުރިނަމަވެސް ފާޑުކިޔާ ބައަކު އުޅޭނެއެވެ. އެއީ ހުއްޓުވޭނެ ކަމެއް ނޫނެވެ. 

އެންމެ 3 ކަމެއް ޔަޤީންކުރާށެވެ! ތިމާއަށް ޢަމަލު މިކުރެވެނީ ﷲ ތަޢާލާ އެންގެވިގޮތަށް ކަމެވެ. މަސައްކަތް މިކުރަނީ ﷲ ތަޢަލާގެ ރުހިވޮޑިގަތުން ހޯދަން ކަމެވެ. ބޭނުންވެގެން މިއުޅެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަނުމަށް ކަމެވެ. 

މި 3 ކަންތައް ޙާޞިލްކުރަން މަސައްކަތްކުރުމުގައި ފަސްއެނބުރި ނުބަލާށެވެ! މީހުން ކިޔާ އެއްޗަކަށް ނުވަތަ ބުނެފާނެ ބަހަކަށް ކަންބޮޑުނުވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ކަމެއް ލިބުމެއް ނެތެވެ. އަދި އެއްވެސް ގެއްލުމެއް ލިބުމެއްވެސް ނެތެވެ. 

ދަރަޖަ މަތިވެރިކުރައްވަވާނީވެސް، އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތަނަވަސްކަން އަދި މިނޫން ނިޢުމަތެއްވެސް ލިބޭނީ ހަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ. އިންސާނުންނަށް ބޭނުންވާ އެއްވެސް ނިޢުމަތެއް ލިބުމަކަށް އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުމެއް ނުވާނެއެވެ. މީހަކު މެދުވެރިކުރައްވަވައިވެސް ކަންކަން ހިންމަވައިދެއްވަވާނީ ހަމަ ﷲ ތަޢާލާއެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމުން ސުވަރުގެ ވައްދަވާނީ ވެސް ﷲ ތަޢާލާއެވެ. ޤިޔާމަތް ދުވަހު އެއްވެސް މީހެއްގެ އެހީތެރިކަމަކަށް ބޭނުމެއް ނުވާނެއެވެ. އެއްވެސް މީހަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުވެސް އޮންނާނެއެވެ. 

ﷲ ތަޢާލާއީ: 

مَالِكِ يَوْمِ الدِّينِ

"ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ." 

ވީމާ މީހުން ނުވަތަ މީހަކު ކިޔައިފާނެ އެއްޗަކަށް ކަންބޮޑުނުވާށެވެ! ކަންބޮޑުވާންވީ ހަމައެކަނި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުނުކުރެވިދާނެ ކަމަށްޓަކައެވެ. އެނޫން އެއްވެސް ކަމަކަށް ކަންބޮޑުވުމެއް ނެތެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން