ޛިކުރުކުން ގިނަކޮށް ދުޢާކުރުން ގިނަކުރުމާއެކު އެކަންކަން ޙާޞިލުކުރަން ކުރަންޖެހޭ ބައިވެސް ފުރިހަމަކުރަން މަސައްކަތްކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޛިކުރުކުން ގިނަކޮށް ދުޢާކުރުން ގިނަކުރުމާއެކު އެކަންކަން ޙާޞިލުކުރަން ކުރަންޖެހޭ ބައިވެސް ފުރިހަމަކުރަން މަސައްކަތްކުރާށެވެ!: މުފްތީ މެންކް

"ﷲ ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ ފާސިޤުންނެވެ."

(އަލް ޙަދީދް: 16) 

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި އެއޮތީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް، ޛިކުރުކުރުމާއި ހެޔޮ ޢަމަލުތައް ކުރަންވީ ވަޤުތު އަދިވެސް ނުޖެހެނީހެއްޔެވެ؟ 

ވަޤުތު އޮތީ މާބޮޑަށްވެސް ޖެހިފައެވެ. މަރުވުމުގެ ވަޤުތު ހަމައެކަކަށްވެސް ނުއެނގެއެވެ. ވީމާ ވަޤުތު މިވަނީ ކުޑަތަންވެސް ވެފައެވެ. އަހުރެމެންނަށް ޢަމަލު ނުކުރެވެނީއެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ދަޢުވަތާއިމެދު ވިސްނާލައި ޢިޖާބަދޭން ފަސްޖެހިފައި ތިބެވެނީއެވެ. 

މީސްތަކުންނަށް ވަރަށް ބޮޑު ޣާފިލުކަމެއްގެ ތެރޭގައި ތިބެވޭތީއެވެ. އެއީ ޢުމުރުގައި އަދިވެސް ވަރަށް ގިނަ ދުވަސްތަކެއް ބާކީ އެބައޮތްކަމަށް ޤަބޫލުކުރެވޭތީއެވެ. ކޮންމެ ވަޤުތަކުވެސް ތިމާގެ ފުރާނަ ހިއްޕަވައިފާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ. އެހެން ނޫންނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކޮށް ޛިކުރުކުރުން ގިނަކޮށް ފާފަފުއްސެވުން އެދި ދުޢާކުރުން ގިނަކޮށް ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން އަވަސްވެގަތީހެވެ. 

އަދި ކީއްހެއްޔެވެ؟ ޛިކުރުކުރާ މީހުންވެސް އެބަތިއްބެވެ. ސުވާލަކީ ޛިކުރުކުރިފަދައިން ޢަމަލުކުރުންމަތީގައި ޘާބިތުވުމަށް ކުރަންޖެހޭ މަސައްކަތް ކުރެވޭހެއްޔެވެ؟ ﷲ ތަޢާލާ ކަންކަން ހިންމަވައި ދެއްވަވަނީ އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. ވީމާ ދުޢާކޮށްފައި ދެއަތް އުރާލައިގެން ބަލަން ތިބުމަކުން ނުފުދޭނެއެވެ. 

މީސްތަކުންނޭވެ! ދުޢާކޮށް ދުލުން ޛިކުރުކޮށްލުމަކުން އަދި ނުފުދެއެވެ. ހެޔޮ ޢަމަލުތައްކުރުން ގިނަކުރަންޖެހެއެވެ. ޛިކުރުކުރުމާއި ދުޢާކުރުން ފުރިހަމަވެގެންދާނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން