މާބޮޑުކަމެއް ދިމާނުވިނަމަވެސް މޫޑް ގޯސްވަނީތަ؟ ޙައްލު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މާބޮޑުކަމެއް ދިމާނުވިނަމަވެސް މޫޑް ގޯސްވަނީތަ؟ ޙައްލު މިއޮތީ!

ދިރިއުޅުމުގައި މާބޮޑެތި މައްސަލަތަކެއް ކުރިމަތިނުވިނަމަވެސް ހިތްހަމަނުޖެހުން ކުރިމަތިވެދާނެއެވެ. ވަރަށް އާދައިގެ، ވަރަށް ކުދިކުދި ކަންތައްތަކާއިވެސް ހިތަށް ނުތަނަވަސްކަން ލިބިދާނެއެވެ. އެކަން ރީތިކޮށްލަން މިހާރު ކިޔާނީ "މޫޑީ" ވުމެވެ. މޫޑް ގޯސްވުމެވެ.

މިފަދަ ގޮތްގޮތް މެދުވެރިވުމަކީ ވަރަށް ޢާންމު ކަމެކެވެ. އެކަން މެދުވެރިވާނީ ކޮންމެވެސް ގޮތަކުން ހިތްނުތަނަވަސްވުމުންނެވެ. އެކަން ކުރިމަތިވީ ކީއްވެގެންކަންވެސް ނުއެނގިދާނެއެވެ. އެއީ ފާހަގަކުރެވޭވަރުގެ ބޮޑުކަމެއް ކުރިމަތިވެފައި ނެތުމުންނެވެ. ނުވަތަ ކުރިމަތިނުވާތީއެވެ. 

ބުނަން ބޭނުންވަނީ ކިތަންމެ ބޮޑުކަމެއް ކުރިމަތިވެގެންނަމަވެސް އަދި އެއްވެސް ކަމެއް ކުރިމަތިނުވެ ނަމަވެސް ހިތަށް ނުތަނަވަސްކަން ލިބޭނަމަ، މޫޑްގޯސްވާނަމަ ކުރަން އޮތް ކަންތައް ޙަޑީޘްފުޅުން އެނގެން އެބައޮތެވެ. އެއީ އިސްތިޣްފާރުކުރުމެވެ. 

ވީމާ ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ކޮފީ ނުވަތަ ސައި ބޮއެއުޅޭ އުޞޫލުން ކޮންމެ ދުވަހަކުވެސް މަދުވެގެން 100 ފަހަރު އިޚްލާޞްތެރިކަމާއިއެކު އިސްތިޣްފާރުކުރާށެވެ. ފަތިސްނަމާދަށްފަހު ޛިކުރުކުރުމުގެ ތެރޭގައި ހިމަނައިގެންވެސް ކުރެވިދާނެއެވެ. 

އެންމެ 100 ފަހަރު އަސްތަގްފިރުﷲ، ނުވަތަ އަސްތަޣްފިރުﷲ ވައަތޫބް އިލައިހި ކިޔަން ބޭނުންވާނީ އެންމެ 2،3 މިނިޓެވެ. އެވަޤުތުކޮޅު އެކަމަށް ބޭނުންކުރުމުން މުޅި ދުވަހުގައިވެސް ހިތްހަމަޖެހުން ލިބިގެން ހުރެވޭނެއެވެ. އިން ޝާ ﷲ 

ތިމާ ދުވަސް ފެށީ ޛިކުރުކުރުމާއި އިސްތިޣްފާރުކުރުމުން ކަމުގައި ހަދާ މީހަކު ހުންނާނީ އެކަންކުރެވުނީތީވެސް ހިތްހަމަޖެހުން ލިބިގެންނެވެ. ތިމާ މިހުރީ އިސްތިޣްފާރު ކޮށްގެންކަމާއި ތިމާއަށް ސަލާމަތްތެރިކަން މިންވަރު ކުރައްވަވާނެކަމާއި ދެރަގޮތެއް މިންވަރު ނުކުރައްވަވާނެކަން ޤަބޫލުކުރެވުމަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ނުވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން