"އަޅުގަނޑަކީ ދަމުނަމާދުކުރަން ހޭލަން މަސައްކަތް ފަށައިގެން އެކަމަސް މަސައްކަތްކުރަމުން އަންނަ މީހަކީމެވެ. އެކަމަކުވެސް ބައެއް ރޭރޭ ނުހޭލެވިއެބަދެއެވެ. އެެހންވެ އަޅުގަނޑު ވަރަށް ކަންބޮޑުވެއެވެ. މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"
ފުރަތަމަ ކަމަކަށްވެސް ދަމުނަމާދުކުރަން ކިޔުންތެރިޔާ ތިއަކުރައްވާ މަސައްކަތަށް ހިތްވަރުދީ ހެޔޮ ދުޢާކުރަމެވެ. ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާ ބޭނުންވާ މައުލޫމާތު ލިބިލައްވާނެކަމަށް އުންމީދު ކުރަމެވެ.
ގިނަބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. "އަހަރެން ދަމުނަމާދު ކުރަން ބޭނުމެވެ. ނަމަވެސް ނުހޭލެވެނީއެވެ. ހޭލަން މަސައްކަތްވެސް ކުރަމެވެ. ނަމަވެސް ބައެއް ދުވަސްދުވަހު ހޭލެވެނީ ފަޖުރުލާފަހުންނެވެ. އަނެއްބައި ދުވަސްދުވަހު ހޭލެވެނީ އިރުއަރާފަހުންނެވެ. ޙައްލަކީ ކޮބައިހެއްޔެވެ؟"
މިމައްސަލައަށް އޮތް ޙައްލަކީ އިޚްލާޞްތެރިކަމާއިއެކު ދަމުނަމާދަށް ހޭލަން ބޭނުންވުމެވެ. ހާމަ ބޭނުންވެއޭ ބުނުމަކުން ނުފުދޭނެއެވެ. އިޚްލާޞްތެރި ނިޔަތެއް ބޭނުންވާނެއެވެ.
އިޚްލާޞްތެރި ނިޔަތެއް އޮތް މީހާ ފުރަތަމަ ކަމަކަށް އަވަހަށް ނިދަން އާދަކުރަންވާނެއެވެ! ޢިޝާ ނަމާދަށްފަހު ކޮންމެހެން ކުރަންޖެހޭ ކަމެއް އޮވެގެން ނޫނީ ހޭލައިހުރެގެން ނުވާނެއެވެ. އަދި ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔައި ޛިކުރުތައްވެސް ކިޔަންވާނެއެވެ. ގަޑި ނުވަތަ ފޯނު ސޯނާކުރަންވާނެއެވެ.
މިއީ އެމީހަކު އަމިއްލައަށް ކުރަންޖެހޭނެ ކަންކަމެވެ. މިކަންކުރުމުން އިން ޝާ ﷲ އެމީހަކަށް ހޭލެވެން ފަށާނެއެވެ. ފަށައިގަންނައިރު 2، 1 ގަޑިއިރު ނަމާދުކުރަން ވިސްނުމުގެ ބަދަލުގައި ބައިގަޑިއެއްހައި ނުވަތަ 15 މިނިޓް ނަމާދުކުރަން މަސައްކަތްކުރާށެވެ! އެއީ ފުރަތަމަ ފަށައިގަންނައިރު އެހައިކުރިން ނުހޭލެވިދާނެކަމަށްޓަކައެވެ.
ފުރަތަމަ ރޭ ގަޑި ދެގަޑިއިރު ނަމާދުކޮށްފައި ފަހުން ނުކުރެވުމަކީ މާދެރަގޮތެކެވެ. އެހެނީ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެންމެ ހެޔޮކަންބޮޑު ޢަމަލަކީ އެއީ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭ ހެޔޮ ޢަމަލެވެ.
ހަމައެއާއިއެކު ދަމުނަމާދަށް ކުރިން ހޭލާފައި ވަރުބަލިވެގެން ނިދާލާފައި ފަތިސްނަމާދަށް ނުހޭލެވުމަކީ އަދި މާދެރަކަމެކެވެ. ދަމުނަމާދަކީ ސުންނަތެކެވެ. ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ ފައިދާހުރި ނަމާދެވެ. ފަތިސްނަމާދަކީ ފަރުޟެކެވެ.
އެންމެ އުފާވެރިކަމަކީ ކުރިން މިބަޔާންކުރިފަދައިން ދަމުނަމާދުކުރުމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްގެން ނިދުމުންވެސް ނުހޭލެވިއްޖެނަމަ ދަމުނަމާދުކުރިކަމުގެ ޘަވާބު ދެއްވަވާނެކަމެވެ. އަދި އެރޭގެ ނިންޖަކީ އެމީހާގެ މައްޗަށް ޞަދަޤާތެއްކަމުގައި ލައްވަވައި ދެއްވަވާކަމެވެ. ވީމާ ދަމުނަމދުކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހަކަށް ނިދިން ނުހޭލެވުނު ނަމަވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ! އޮތީ އުފާވެރިކަމެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން