ދަރިންނަށް ޚަރަދު ނުކޮށް މިދުނިޔޭގެ ކޯޓުތަކަށް ފިލައިގެން އުޅޭ ބައްޕައިންނަށް ޤިޔާމަތްދުވަހު ވެސް ﷲ ގެ ދަރުބާރަށްވެސް ފިލާނީތަ؟ ފިލޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ދަރިންނަށް ޚަރަދު ނުކޮށް މިދުނިޔޭގެ ކޯޓުތަކަށް ފިލައިގެން އުޅޭ ބައްޕައިންނަށް ޤިޔާމަތްދުވަހު ވެސް ﷲ ގެ ދަރުބާރަށްވެސް ފިލާނީތަ؟ ފިލޭނެތަ؟

"އަޅުގަނޑަށް ލިބިފައި ތިބި 3 ކުދިންގެ ބައްޕަ، އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ދިއަފަހުން ކުދިންގެ ޚަރަދަށް އެންމެ ރުފިޔާއެއްވެސް ނުދެއެވެ. މިހާރު އެހެން މީހަކާ އިނދެގެން ދަރިއަކުވެސް ހޯދައިފިއެވެ.

3 ކުދިން އަދިވެސް ސްކޫލުގައި ކިޔަވަނީއެވެ. އަޅުގަނޑަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހިގެން ކޮންމެ މަހަކު ސަލާންޖަހަން އެބަ ޖެހެއެވެ. ކޯޓުންވެސް އެހީތެރިކަމެއް ނުލިބެއެވެ. ދެން ކުރެވޭނީ ކޮންކަމެއްތޯ؟"

ކިޔުންތެރިޔާގެ ތިއަ ކަންބޮޑުވުމަކީ ހަމަ ވަރަށް ގިނަ އެކަނިވެރިމައިންގެ ކަންބޮޑުވުމެކެވެ. ސަލާންޖަހައިގެން ދަރިން ބަލާ އެކަނިވެރިމައިންވެސް އެބަތިއްބެވެ.

ދަރިންނަށް ޚަރަދުނުކުރާ ބައްޕައިންނަށް އެޅޭނެ ފިޔަވަޅެއް ނެތްއިރު ދެން އޮތީ އެމީހުން ހޭލުންތެރިކުރުވަން މަސައްކަތްކުރުމެވެ. ތިރީގައި އެވާ ލިޔުމަކީވެސް ފައިދާކުރާނެ ލިޔުމެކެވެ. އެމީހެއްގެ ހިތުގައި އާޚިރަތަށް ބިރުވެތިކަމެއް އޮތްނަމައެވެ.

ދަރިންނަކީ މައިންބަފައިންނާއި ހަވާލުކުރެވޭ ﷲ ތަޢަލާގެ ހައްޤެއްކަމާއި ދަރިން ލިބިމުން ވާޖިބުވެގެންވަނީ ﷲ ތަޢާލާ އެންގެވި ގޮތުގައި ތަރުބިއްޔަތުކުރުންކަމާއި އަދި އެ އަމާނާތަށް ޚިޔާނާތްތެރިވެއްޖެނަމަ ސަލާމަތެއް ނުވެވޭނެކަމާއި ﷲ ތަޢަލާގެ ޙަޟްރަތުގައި ޖެހޭނީ ޖަވާބުދާރީވާންކަން ނުއެނގެނީ ކޮންބައްޕައަކަށް ނުވަތަ މަންމައަކަށް ހެއްޔެވެ؟

ޚަރަދުކުރަން ފިލާ ބައްޕައިންނޭވެ! ތިބާ ދަރިންނަށް ޚަރަދުކުރަނީ ތިބާގެ އަމިއްލަ ފައިސާ ކަމަށް ހީނުކުރާށެވެ. ދަރިންނާއިއެކު ދަރިންގެ ރިޒްޤް ވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވައެވެ. ދަރިންނަށް ޚަރަދު ކުރަން ތިބާއާއި ﷲ ތަޢާލާ ޙަވާލު ކުރައްވަވާ ފައިސާ ރަނގަޅު ގޮތުގައި ދަރިންނަށް ހޭދަ ނުކޮށް ތިބާ ބޭނުންވާހައި ކަމަކަށް ހޭދަކުރުމަކީ ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމެކެވެ.

ބައެއް މައިންބަފައިންނަށް ޤަބޫލު ކުރެވިފައި އޮންނަނީ އެމީހުންނަށް ލިބޭ ދަރިންނަކީ އެމީހުންގެ އަމިއްލަ މިލްކެއް ކަމަށެވެ. ތަރުބިއްޔަތުކުރަން ޖެހޭނީ އަދި ދަރިންގެ ބޭނުން ހިފަން ޖެހޭނީ ބައްޕައިންނަށް ބޭނުންވާހައި ގޮތަކަށް ކަމަށެވެ. އެފަދައިން ވިސްނާ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ދަރިންނަށް ޚަރަދުކުރަނީ އެމީހުންގެ ފައިސާ ކަމަށެވެ. އެހެންވީމާ ދަރިންނަކީ އަގުދީފައި ގަނެފައިވާ އެމީހުންގެ ތަރިކަ މުދާ ގަނޑެއް ކަމަށެވެ. މިއީ ވަރަށް ކުށް ހީތަކެކެވެ.

ދަރިންނަށް ކުރަންޖެހޭ ޚަރަދު ނުކޮށް ދަރިންނަށާއި ދުނިޔޭގެ ކޯޓުތަކަށް ފިލައިގެން ތިބާއަށް އުޅެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ކޯޓަކަށް ނުފިލޭނެއެވެ. ދަރިންނަށްޓަކައި އުފުލަން ޖެހުނު ޒިންމާއިން ޒައްރެއްގެ މިންވަރަށް ވެސް ޖަވާބުދާރީ ނުވެ ސަލާމަތެއް ނުވެވޭނެއެވެ.

ތިބާއަށް 5 ދަރިން ލިބުމުން ދަރިންގެ މައިމީހާ ވަރިކޮށްފައި ގޮސް އެހެން އަންހެނަކާއި ކައިވެނިކޮށް ދަރިން ޙޯދުމަކީ ކުރިން ލިބުނު 5 ދަރިންނަށް ޚަރަދު ނުކުރަން ދެއްކޭނެ އުޒުރެއް ކަމުގައި ހީނުކުރާށެވެ! އެއްވެސް ބައްޕައަކަށް އެންމެ ދަރިއެއްގެ ޚަރަދުންވެސް ސަލާމަތެއް ނުވެވޭނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެމީހެއްގެ ބެލެނިވެރިކަމުގައި ދަރިން ތިބި މައިން ބަފައިން މިކަންކަމަށް ފުންކޮށް ވަރަށް ރަނގަޅަށް ވިސްނާށެވެ! ދަރިން ތަރުބިއްޔަތު މިކުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމާއިމެދުގައެވެ. ދަރިންގެ ޒިންމާތައް އުފުލޭ ގޮތާއިމެދުގައެވެ. ދަރިންނަށް ކުރަންޖެހޭ ޚަރަދު ކުރެވޭ ކަމާއިމެދުގައެވެ.

ބައްޕައިންގެ ތެރގައި ހިމެނޭ އެންމެ ނުބައިކަންބޮޑު އެއްބައަކީ ވަރިކޮށްލުމަށްފަހު ދަރިންނަށް ބުއްދަޅު ގަނެގެން ގެންދާ ކޮންމެ ރެއަކު ދިރިފުޅުގެ މަންމަގެ ބޭނުންކުރަން ބޭނުންވުމެވެ. ބަލަ ބުއްދަޅު ތިއަ ގެންދިއައީ މައިމީހާއަށް ހަދިޔާއަކަށް ނޫނެވެ. ތިބާ ޚަރަދުކޮށް، ބުއްފުޅި ގިރާފައި ބޯންވެސް ދޭންޖެހޭ ތިމާގެ އަމިއްލަ ދަރިފުޅަށެވެ. އޮޅުވައިނުލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން