ޢާއިލާއަށާ އަނބިދަރިންނަށް ޚަރަދުކުރަން ފަސްނުޖެހޭށެވެ! ތަނަވަސްކަން ވާނީ އިތުރެވެ! އިން ޝާ ﷲ: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޢާއިލާއަށާ އަނބިދަރިންނަށް ޚަރަދުކުރަން ފަސްނުޖެހޭށެވެ! ތަނަވަސްކަން ވާނީ އިތުރެވެ! އިން ޝާ ﷲ: ޝައިޚް ޢަލީ ހައްމުދާ

މުދަލުގެ އަގުތައް އުފުލެނީއެވެ. ފައިށާގެ އަގު އަރަނީއެވެ. ޢާއިލާގެ ކަންކަމަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން ބޮޑުވަނީއެވެ. އެކަމާއިހުރެ ކަންބޮޑުވާ މީހުން ގިނަވަނީއެވެ. އެހެންވެ ނަޞޭޙަތުގެ ގޮތުން ބަހެއް ބުނެލާނަމެވެ. 

އަތުގައި ފައިސާ ހުރިނަމަ ނުވަތަ ހުރިވަރަކުން ޢާއިލާގެ ބޭނުންތަކަށް ޚަރަދުކުރަން ފަސްނުޖެހޭށެވެ. އެއީ ގެއްލޭ އެއްޗެއް ނޫނެވެ. ސަބަބަކީ އެންމެ މަތިވެރި ޞަދަޤާތަކީ ޢާއިލާއަށް ކުރާ ޚަރަދުކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މީގެ މާނައަކީ އިސްރާފް ޚަރަދުތައް ކުރުމެއް ނޫނެވެ. ނެތް ފެންވަރުން އެންމެ ބޮޑެތި ޚަރަދުތައް ކުރުމެއްވެސް ނޫނެވެ. ކުޅިވަރާއި މަޖަލަށް ޚަރަދުކުރުމެއްވެސް ނޫނެވެ. އަދި ގަންނަން ނުޖެހޭ ތަކެތި ގަތުމެއްވެސް ނޫނެވެ. ކުރިންވެސް މިބުނި ފަދައިން ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ކުރުމެވެ. 

އިޤްޠިޞޯދުކުރުމަށް ދީނުގައި ބާރުއަޅައެވެ. އެއިގެ މާނަވެސް އޮޅުވައިނުލާށެވެ. އިޤްޠިޞޯދުކުރުމަކީ ކުރަންނުޖެހޭ ޚަރަދުތައް ނުކުރުމާއި ކުރަންޖެހޭ ޚަރަދުތައް ކުރުމެވެ. ދިރިއުޅުމުގައި ކޮންމެހެން ފުއްދަން ޖެހޭ ބޭނުންތައް ފުއްދުމަކީ އިޤްޠިޞޯދު ނުކުރުމެއް ނޫނެވެ. 

ޢާއިލާއަށް ދީލަތިވާ މީހުންނަށް ﷲ ތަޢާލާ ދީލަތިވެވޮޑިގަންނަވާނެއެވެ. އިން ޝާ ﷲ. އެއީ ކީއްވެގެންހެއްޔެވެ؟ އެއީ ﷲ ތަޢާލާގެ މަގުގައި ކުރާ ކަމަކަށްވާތީއެވެ. ވީމާ ފަޤީރުވެދާނެކަމުގެ ބިރަށް ޢާއިލާއަށް ޚަރަދުނުކޮށް ނުތިބޭށެވެ! 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން