އެތައް ބައެއްގެ މެދުގައި ކުރެވުނު ވަރަށް ހޫނުގަދަވެގެންދިއަ ބަހެސެކެވެ. "މިހާރު ފިރިހެނުން ޙައިޟުނުވާކަމަށް ބުނެވިދާނެހެއްޔެވެ؟"
އެއްކޮޅުން މިވަކާލާތުކުރަނީ ފިރިހެނުން މިހާރު ޙައިޟުވާކަމަށެވެ. އަނެއްކޮޅުން މިބުނަނީ އެއީ ވާނޭ ކަމެއް ނޫންކަމަށެވެ.
ބަހުސްކުރަން ޖެހިގެން މިއުޅެނީ އަންހެނުންގެ ތެރެއިން ޖިންސް ބަދަލުކޮށް ފިރިހެނުންނަށް ބަދަލުވާ އަންހެނުން ޙައިޟުވާތީއެވެ. އެއީ ފިރިހެނުން ކަމުގައި ބަލައިގެންނެވެ. އަނެބައަކު ބުނަނީ އަންހެނެއްގެ ހުރިހާ ގުނަވަންތަކެއް ނަގައި ޚުންސާއަކަށް ހެދިނަމަވެސް އޭނާ ވާނީ ހަމަ އަންހެނަކަށް ކަމަށެވެ. އެހެންވީމާ ޖިންސް ބަދަލުކުރުމަށްފަހުގައި ޙައިޟު އެވަނީ އަންހެނުންގެ ގޮތުގައި ދުނިޔެއަށް އުފަންވި މީހުން ކަމަށެވެ.
ބަޙުސްގެ ފޯރިމާގަދަވެ މޭޒުތައް މަތިން ދުވާހިސާބަށް ދިއުމުން މުސްކުޅިއަކު ތެދުވެފައި ބުންޏެވެ. "ތިއަގެންދަނީ މާމައްޗަށެވެ. އަދި ތިއަ ހިސާބަށް ކަންކަން ގެންދަންޖެހެން ކައިރިވެސް ނުވޭ ނޫންހެއްޔެވެ؟ ތިއަ ބުނާ ގޮތެއް ހަދައި ކުރާ ކަމެއް ކުރީމާ ތިއަ ބުނާ ގޮތަށް ޖިންސް ބަދަލުވާނަމަ، ފިރިހެނެއްގެ ގޮތުގައި ދުނިޔެއަށް އުފަންވެ މިހާރު އަންހެނަކަށް ބަދަލުވެގެން ތިބި ފިރިހެނުންގެ ތެރެއިން ޞިއްޙީ މަކަރެއް ނުހަދައި އޮޅުވާ ނުލައި ޤުދްރަތީ ގޮތުން ޙައިޟުވާ ހަމަ އެންމެ ފިރިހެނަކުވެސް ހޯދައިގެން ނިކަން ގެނެސްދީބަލާށެވެ!
ބޭބެގެ ގެއާއި ހުރިހާ މުދަލަކާއި އަދި މިތަނަށް އަންނަން ބޭނުންކުރި ކާރުވެސް އެމީހަކަށް ދޭނަމެވެ. ނުދޭނީ ހަމައެކަނި އަނބިމީހާ އާއި އަހަރެންނެވެ. އެއީ ކަލޭމެން ތިއަ ކަމަކަށް މޮޔަވެފަ ތިއަތިބިވަރުން އަހަރެމެން ދެމީހުންގެ ޖިންސް ބަދަލުކޮށްލައިފާނެތީ އެކަންކުރިއަ ނުދޭންވެގެންނެވެ."
މުސްކުޅި މީހާގެ ވާހަކަކޮޅާއިއެކު މުޅިތަން ހަމަހިމޭންވެއްޖެއެވެ. މައިތިރިވެއްޖެއެވެ. ދޭނެ ޖަވާބެއް ނެތި އަނގަތައް ބަންދުވީއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ބައިކޮޅުގެ ގޯލަށް ބޯޅަތައް ވަދެ މުޅި ގޯލު ފުރައިލީއެވެ. އަމިއްލައަށް މޮޅުވާން މިފަފަ ބަޙުސްތައް ކުރިވަރަކަށް ހާމަވެގެންދަނީ ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަމުގެ ބޮޑުކަމެވެ. ވާނީ ބޭޒާރެވެ!
- އަލަފް