"އަޅުގަނޑުގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުކޮށް ﷲ ތަޢާލާ ލޯބިން ހިތްފުރާލަން ވަރަށް ބޮޑަށް ބޭނުންވެއެވެ. އެކަން އެހައި ބޮޑަށް ބޭނުންވަނީ އަޅުގަނޑު އެ ބައަކު ދެކެ އެންމެ ބޮޑަށް ލޯބިވެ ހިތް އެކުގައި އެމީހުންނަށް ދިން އެންމެން ވަނީ އަޅުގަނޑުގެ ހިތް އެއްލާލައިފައެވެ. ވީމާ އަޅުގަނޑުގެ ހިތް އެއްވެސް މީހަކަށް ދޭކަށް މިހާރު ބޭނމެއް ނުވެއެވެ.
އަޅުގަނޑު މިގެންދަނީ އަޅުގަނޑުގެ ހިތް ﷲ ތަޢާލާއަށް ހަދިޔާކުރަން މަސައްކަތްކުރަމުންނެވެ. ނަމަވެސް ކުރިއަށްދަނީ މާ "ސްލޯ"ކޮށެވެ. ވީމާ އެކަން ތަންކޮޅެއް "ފާސްޓްކޮށް" ކުރެވޭނެ ދުޢާއެއް ވިދާޅުވެދެއްވަފާނަންތޯއެވެ؟"
ޖަވާބު:
ފުރަތަމަކަމަކަށް ކަނބުލޭގެއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަމެވެ! ތިއަކުރާ ހިތްވަރަށް ސާބަސްދެމެވެ. ތިއަ ނިންމުމަކީ ހަމަ ސަތޭކައިން ސަތޭކައިގެ ނިންމުމެކެވެ.
ﷲ ތައާލާގެ މައްޗަށް ލޯބި އިތުރުކުރައްވަވައިދެއްވެވުން އެދި ދާވޫދުގެފާނު ކުރެއްވެވި ދުޢާއަކީ އެންމެ ފުރިހަމަ އެއް ދުޢާއެވެ. ދާވޫދުގެފާނުގެ ދުޢާއަކީ ޙަދީޘްފުޅުން ސާބިތުވާން އޮތް ޔަޤީން ، މުޖައްރިބް ދުޢާއެކެވެ. ހަމައެކަނި ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު އެކަމަށް އެދުމެވެ.
ޙަދިޘްފުޅުގައިވަނީ ދާވޫދުގެފާނުގެފާނު މިފަދައިން ދުޢާ ކުރެއްވެވިކަމަށެވެ!:
نْ أَبِي الدَّرْدَاءِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ مِنْ دُعَاءِ دَاوُدَ يَقُولُ
اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَالْعَمَلَ الَّذِي يُبَلِّغُنِي حُبَّكَ اللَّهُمَّ اجْعَلْ حُبَّكَ أَحَبَّ إِلَيَّ مِنْ نَفْسِي وَأَهْلِي وَمِنْ الْمَاءِ الْبَارِدِ
3490 سنن الترمذي كتاب الدعوات باب ما جاء في عقد التسبيح باليد
(ތިރުމިޒީ- 3490)
"ހައްދަވާ ގެންގުޅުއްވާ އިލާހް އެވެ! އިބަ ﷲ އާއި އިބަ ﷲ ދެކެ ލޯބިވާ މީސްތަކުންދެކެ ލޯބިވުމުގެ ތައުފީގް މިއަޅާ އަށް ދެއްވަވައިފާންދޭވެ. އަދި އިބަ ﷲ އަށް ލޯބިވުމަށް މަގުފަހިވާފަދަ ޢަމަލުތައް ކުރުމުގެ ތައުފީގް ދެއްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ އަމިއްލަ ނަފްސަށްވުރެ އަދި އަހްލުވެރިންނަށްވުރެ އަދި ފިނިފެނަށްވުރެ އިބަ ﷲ ދެކެވާ ލޯބި އިތުރުކޮށްދެއްވާފާންދޭވެ!"
- އިސްލާމީ ތިލަފަތުގެ ދަރުސަކުން