އަމިއްލަ ބޭނުންތައް ނުފުދިގެން ދަތިޙާލުގަ އުޅެންޖެހޭތީ ކަންބޮޑުވާއިރު އެންމެ ކުޑަމިނުން ދުވަސްފެށީ މިދުޢާއިން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
އަމިއްލަ ބޭނުންތައް ނުފުދިގެން ދަތިޙާލުގަ އުޅެންޖެހޭތީ ކަންބޮޑުވާއިރު އެންމެ ކުޑަމިނުން ދުވަސްފެށީ މިދުޢާއިން ހެއްޔެވެ؟

މީސްތަކުންގެ ޢާންމު ދިރިއުޅުމަށް ބެލިނަމަވެސް ތިމާ ދަރާއޮވެމެ ޚާއްޞަ ޙާލަތެއް މެދުވެރިވެގެން މެނުވީ އިތުރު އެހީއަށް އެދުމަކީ ދުނިޔަވީ ގޮތުން ބެލި ނަމަވެސް ލަދުވެތިކަމެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އިތުރު އެހީއަކަށް އެދޭނަމަ ކުރީގެ ދަރަނި އަދާކުރަން މަސައްކަތްކުރާނެއެވެ. 

ވީމާ ފަތިހު ހޭލައި އެއަށްފަހު ކުރަން އަންގަވާފައި ކަންކަން ނުކޮށް ހުރެ ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެން އަހަރެމެން ލަދުގަންނަން ނުޖެހޭނެ ހެއްޔެވެ؟ އަމިއްލަ ނަފްސަށް ތެދުވެރިކަމާއިއެކު މިސުވާލުގެ ޖަވާބު ދޭން ބޭނުންވާ ފަތިސް ނަމާދެއް ނުއަޅާނެއެވެ. އަދި ކަމެއް ދިމާވެގެން ނުހޭލެވުނު ނަމަވެސް ދުވަސް ފަށާނީ ފަތިސް ނަމާދު ޤަޟާ ކުރުމާއިއެކުގައެވެ. 

މުސްލިމުންނަށް ނިދީން ހޭލެވުމާއިއެކު ފުރަތަމަ ވެސް އޮތީ ﷲ ތަޢާލާއަށް ޙަމްދު ކުރުމާއި ޛިކްރް ކުރުމެވެ. ނިދުމަކީ މަރުވުމެއް ފަދަ ކަމަކަށްވާއިރު އެނިދީން ހޭލެވުމަށް އިރާދަކުރެއްވެވި ކަމަށްޓަކައެވެ. އެހެން އިބާރާތަކުން ނަމަ މަރުވުމަކުން ދިރުއްވުމަކަށް މިންވަރުކުރެއްވެވި ކަމަށްޓަކައެވެ. އެނބުރިދާން އޮތީ ހަމަ އިނބަ ﷲގެ ޙަޟްރަތަށްކަން ޤަބޫލުކޮށް އެކަންވެސް ދުލުން ބަޔާން ކުރުމާއިއެކުގައެވެ. 

الحَمْدُ لِلهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ 

މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ދުވަހަކު ދުވަސް ފެށްޓެވި ގޮތެވެ. ނިދީން ހޭފުޅު ލެއްވެވުމާއިއެކު ފުރަތަމަ ވެސް ކުރެއްވެވިކަމަކީ ދުޢާ ކުރެއްވުމެވެ. 

މިއަދު ބަލައިލަންވީ އަޅުގަނޑުމެންގެ ޙާލަތަށެވެ. ނިކަން ބުނެބަލާށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ދުވަހަކު ކުރެއްވެވި މި ދުޢާ އެންމެ ކުޑަމިނުން ހިތުން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މި ދުޢާ ކުރަނީ ކިތައް މީހުން ހެއްޔެވެ؟ ނިދީން ހޭލެވުމަކީ ﷲ ތަޢާލާއަށް ޝުކުރުވެރިވާންޖެހޭ ނީޢްމަތެއްކަން އެނގެނީ އަދި ޤަބޫލުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

އެހެންކަމާއިއެކު ހެނދުނު ހޭލީންސުރެ މިގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަންކަމަށް އެދެމުންނެވެ. އެދޭ ކަމެއް ނުވިނަމަ މާޔޫސްވެސް ވަމުއެވެ. ދެރަވެސް ވަމުއެވެ. މިހުރިހާ ކަމެއް ވަމުންދާއިރު ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ދުވަސް ފެށީ ކިތައް މީހުން ހެއްޔެވެ؟ ތިބާ ދުވަސްފެށީ ނިދީން ހޭލެވުމާއިއެކު ޛިކްރްކޮށް ފަތިސް ނަމާދުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ﷲ ތަޢާލާއީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހްއެވެ. އަހަރެމެން ކުރަން އަހަރެމެންނަށް އެކަލާނގެ އެންގެވި ކަންތައްތައް ނުކުރާ ކޮންމެ މީހަކު ރަހްމަތްފުޅުން ބޭރެއް ނުކުރައްވަވައެވެ. އެހެންކަމުން ދުވަހަކު ނަމާދެއް ނުކުރާ މީހާގެ ބޭނުންތައްވެސް ފުއްދަވައި ދެއްވަވައެވެ. އެއީ އޭނާއަށް އެކަން ވިސްނި ތައުބާވޭތޯއެވެ! ތައުބާ ވެއްޖެނަމަ ތައުބާ ޤަބޫލު ކުރައްވަވަތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން