ކައިވެނިކުރުމުގައި އަންހެނުންނަށް އަދި ފިރިހެނުންނަށްވެސް ހެދޭ ވަރަށް ބޮޑު ގޯހެއް ފާހަގަކޮށްލާނަމެވެ. އެއީ އިޞްލާޙްވާނެކަމަށް ބުނާ މީހުންނާއި ކައިވެނިކުރުމެވެ. އަހުރެން ދެކޭ ގޮތުގައި ލޯބިވާނަމަ އޮތީ އިޞްލާޙްވުމެވެ. އިޞްލާޙްވެ ތިބާ ދެކެ ލޯބިވާތީ ތިބާ ނުރުހޭ ަކމެއް ނުކުރަންވެގެން އަހުރެން މިހުރީ އިޞްލާޙްވެގެން ކަމަށް ނުބުނަނީސް ކައިވެނި ނުކުރާށެވެ.
މިހެން ބުނަން މިޖެހެނީ ލިބޭ ޝަކުވާތަކުން އެނގޭ ގޮތުގައި އިޞްލާހްވާނެ ކަމަށް ބުނީމާ ކައިވެނިކުރުމުން ލިބެނީ އަނިޔާއެވެ. އޭނާ އިޞްލާޙެއް ނުވެއެވެ. ކައިވެނިކުރާތަނުން ދަރިންވެސް ލިބެނީއެވެ. ދަރިން ލިބުނީމާ އިޞްލާޙްވާނެކަމަށް އުންމީދުކޮށް ދަރިން ހޯދުމުންވެސް އިޞްލާޙްނުވީމާ އުފުލަންޖެހޭ ތަކްލީފްތައް މާބޮޑެވެ.
މިޘާލެއްގެ ގޮތުން އަންހެނަކަށް ދިމާވި ގޮތެއްގެ ވާހަކައެއްވެސް ކިޔައިދޭނަމެވެ. އޭނާ ވަރަށް ލޯބިވާތީ ކައިވެނިކުރީ ރޭގަނޑު އެކުވެރިންނާއިއެކު ބޭރަށްދާ ފިރިހެނަކާއެވެ. ކައިވެނިކުރިއިރު ބުނީ ކައިވެންޏަސް ފަހު އިޞްލާޙްވާނެ ކަމަށެވެ. އެކަމަކު 3 ދަރިން ލިބުނުއިރުވެސް އިޞްލާޙެއް ނުވިއެވެ.
ލިބޭ މުސާރައިން ޢާއިލާއަށް ކުރާ ޚަރަދަށްވުރެ ގިނައިން ޚަރަދުކުރަނީ ރޭގަނޑު ބޭރަށް ގޮހެވެ. އަނބިމީހާއަށް 3 ދަރިން ގޮވައިގެން އުޅެންޖެހުނީ ވަރަށް ދަތިޙާލުގައެވެ. އެންމެފަހުން އޭނާއަށް މަޖުބޫރުވީ ވަރިވެ އެހެން މަގެއް ހޯދަން މަސައްކަތްކުރުމެވެ.
އޭނާގެ ނަބީބު ރަނގަޅުކަމުން ވަރިވިތާ މާގިނަދުވަސްތަކެއް ނުވެ ހެޔޮލަފާ ފިރިއަކު ލިބުނެވެ. އެއީ އޭނާއަކީ ތަޤްވާވެރި، ފިރިމީހާއަށް ކިޔަމަންތެރި، އަޚްލާޤް ރަނގަޅު އަންހެނަކަށްވާތީ ކަމަސްވެދާނެއެވެ.
ކޮންމެއަކަސް އަހުރެން ބުނާނީ ކައިވެންޏަށްފަހު އިޞްލާޙްވާނެކަމަށް ބުނާ މީހުންނާއި ކައިވެނިކުރުމަކީ ނަގަން ހެޔޮވާވަރުގެ ރިސްކެއް ނޫން ކަމަށެވެ. އެއީ ކުރަން މާނުރައްކާތެރި ކަމެއް ކަމަށެވެ.
- އަލަފް