މުސްލިމުން ކަންކަން ފާހަގަކުރަންވީ ސުންނަތުންނެވެ. ޛުލްޙިއްޖާ މަހުގެ ފުރަތަމަ 9 ދުވަހުގެ ރޯދައާއި މުޙައްރަމް މަހުގެ ރޯދައަކީ ފަރުޟު ރޯދަތަކެއް ނޫނެވެ. ނަމަވެސް އެއީ ހިފުން އިތުރުކަން ބޮޑުވެގެންވާ ރޯދަތަކެކެވެ. ޚާއްޞަކޮށް ޢަރަފާތު ދުވަހުގެ ރޯދައާއި އާޝޫރާ ދުވަހުގެ ރޯދައެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ ފަހު އަހަރުތަކުގައި މުޙައްރަމް މަހުގައި ވަރަށް ގިނައިން ރޯދަ ހިއްޕެވިއެވެ. އަހުރެމެން މަސައްކަތްކުރަންވީ އެ ސުންނަތުގައި ހިފެހެއްޓުމަށެވެ.
މީސްތަކުންނޭވެ! އަހުރެމެން ގަދައަޅައި މަސައްކަތްކުރަންވީ ސުންނަތުގައި ހިމެނޭ ވީހައި ގިނަ އަޅުކަންކުރުމަށެވެ. ޚާއްޞަކޮށް ވީހާ ގިނައިން ރޯދަހިފުމަށެވެ. ކޮންމެ މުސްލިމަކަށްވެސް އެނގޭނެ ފަދައިން ކޮންމެ ރޯދައަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ އިތުރުކަން ބޮޑު އަޅުކަމުގެ ތެރެއިންވެސް އެންމެ އިތުރުކަން ބޮޑު އަޅުކަން ބޮޑު އަޅުކަމެވެ. ވަކި މިނެއް ނެތި ޘަވާބު ދެއްވެވުން އެއީ މިބުނި ބަހުގެ ދަލީލެވެ.
އަހުރެމެން ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާކަން ހާމަކުރަންވީ ޢަމަލުންނެވެ. ކުރާ އަޅުކަމުންނެވެ. ފަރުޟުވެގެންވަނީ މަދު ކަމެކެވެ. ގިނަ އަޅުކަން ފެންނަން ހުރީ ސުންނަތުންނެވެ. ވީމާ ކުރި ހޯދަން ބޭނުންނަމަ އޮތީ ވީހާ ގިނައިން ސުންނަތް އަޅުކަން ކުރުމެވެ. ވީމާ އާޝޫރާ ދުވަހުގެ ރޯދަ ހިފުމުގެ އިތުރުން މުޙައްރަމް މަހުގައި ވީހައިގިނަ ރޯދަ ހިފަން މަސައްކަތްކުރާށެވެ!
- މުފްތީ މެންކްގެ ދަރުސަކުން