އިސްލާމް ދީނަށްޓަކައި ޤުރްބާންވުމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އިސްލާމް ދީނަށްޓަކައި ޤުރްބާންވުމަކީ ކޮބާ؟

ޞަޙާބީ ބޭކަލަކަސް ނުވަތަ ބޭކަލުންނަށް ދެރަބަހެއް ނުބުނަންވީ ސަބަބު ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެ ސަބަބަކީ އެބޭކަލުންނަކީ އިސްލާމް ދީނަށްޓަކައި ޤުރްބާންވެވަޑައިގެންނެވި ބޭކަލުންކަމެވެ. ހަމައެކަނި ޖާނަކުން ނުވަތަ މާލަކުންނޫނެވެ. ޖާނާއި މާލުންނެވެ. 

ސުވާލަކީ އިސްލާމް ދީނަށްޓަކައި އަހުރެމެންނަށް ޤުރްބާންކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ބޭރުފުށުން މުސްލިމެއްގެ ސިފަތައް ދައްކާލައި ދީނުގެ ވާހަކަ ދައްކައިލުމުން ދުރިހަމަ މުސްލިމަކަށް ވެވޭނެހެއްޔެވެ؟ އިސްލާމް ދީނަށްޓަކައި ޤުރްބާންވުމަކީ އެއީ ހެއްޔެވެ؟ 

އިސްލާމް ދީނަށްޓަކައި ޤުރްބާން ވުމުގެ މާނައެއަށްވުރެ މާމަތިވެރިއެވެ. އެމީހާގެ ބަހާއި އަޚްލާޤް އަދި ޢަމަލުތައް އިސްލާމްދީނަށްޓަކައި ޤުރްބާންކުރަންޖެހޭނެއެވެ. ބަހާއި ޢަމަލުތައް ޤުރްއާނާއި ސުންނަތާއި ސީދާކުރަންޖެހޭނެއެވެ. ހަވާ ނަފްސް ކިތަންމެ ވަރަކަށް އެދުނަސް ދީން ހުއްދަނުކުރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. 

ﷲ ތަޢާލާގެ ދީން މަތިވެރިކުރުމަށް ޞަޙާބީން ފަދައިން ޤުރްބާންވާ މީހާއަށް އޮތީ އުފާވެރިކަމެވެ. ދެން އުފައްދާނެ ސުވާލަކީ ޞަޙާބީންނާއި އެއްފެންވަރަށް ކަންކަން ކުރެވިދާނެ ހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ ހިތުގައި އިސްލާމް ދީނާއިމެދު އެވަރަށް ލޯބި އުފެއްދިއްޖެނަމަ ކުރެވޭނެއެވެ. ހުރިހާވެސް މައްސަލައަކީ ހިތެވެ. މަސައްކަތްކުރަންވީ ހިތް ޘާބިތުކުރުމަށެވެ. 

ކުޑަކުޑަ މިޘާލެއް ބުނެފާނަމެވެ. ބައެއް ޞަހާބީން ދުވާލަކު ދިހަ ހާސް ބާރަ ހާސް ފަހަރު ޛީކުރުކުރެއްވެވިއެވެ. އަހުރެމެންނަށް އެޢަދަދަށް ނުކުރެވުނަސް ސުވާލަކީ އެންމެ 1000 ފަހަރު ޛިކުރުކުރެވޭ ހެއްޔެވެ؟ ހަމަ އެފަދައިން ކުރަން އަންގަވާފައި ހުރި ހެޔޮ ޢަމަލުތަކުގައި އެހާރެކޭ މިހާރެކޭ އެއްވެސް ތަފާތެއް ނެތެވެ. ހުރީ ހަމަ އެއް ޢަމަލުތަކެކެވެ. 

އެހެންކަމުން ސުވާލެއް ކޮށްލާނަމެވެ! އެންމެ ގާތް މީހުން ބަލިވުމުން އެބަ ޒިޔާރަތްކުރެވޭ ހެއްޔެވެ؟ މަޖުބޫރުވެގެން ނޫނީ ޖަނާޒާއެއްގައި ބައިވެރިވެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިހިރީ އިޞްލާޙްކުރަންޖެހިފައިވާ ކަންކަން ނޫންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން