ދަމުނަމާދު ނުކުރެވިގެން ކަންބޮޑުވާ މީހުންނަށް: މީހަކު އައިސް ތިބާ ހޭލައްވައި ގަދަކަމުން ނަމާދެއް ނުކުރުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދަމުނަމާދު ނުކުރެވިގެން ކަންބޮޑުވާ މީހުންނަށް: މީހަކު އައިސް ތިބާ ހޭލައްވައި ގަދަކަމުން ނަމާދެއް ނުކުރުވާނެ!: މުފްތީ މެންކް

މީސްތަކުންނޭވެ! ތިއަ ބުނަނީ ރޭއަޅުކަންކުރަން ބޭނުންވާ ކަމަށެވެ! ދަމުނަމާދުކުރަން ބޭނުންވާ ކަމަށެވެ. އެކަމަކު ތިއަ އޮންނަނީ ނިދަން އެނދުގައެވެ. ތިއަ ހީކުރަނީ މީހަކު އައިސް ނުވަތަ މަލާއިކަތުން ވަޑައިގެން ތިބާ ތެދުކުރުވައި ވުޟޫކުރުވައި ނަމާދުކުރުވާނެ ކަމަށް ހެއްޔެވެ؟ 

އެހެންކަމަށްވާނަމަ ތިއަ ކުރުވެނީ ކުށްހީއެކެވެ. އެއީ ހިނގާނެ ކަންކަމެއް ނޫނެވެ. ހޭލެވޭނީވެސް ހޭލެވުމުން ނަމާދުކުރަން ހިތްވަރު ލިބޭނީވެސް އެކަމަށް އެމީހަކު މަސައްކަތްކޮށްގެންނެވެ. އަޅުކަމެއް ކުރަން މީހާކުރާ މަސައްކަތަށްވެސް ޘަވާބު ދެއްވަވަތެވެ. އިން ޝާ ﷲ. ގެއިން ވުޟޫކޮށްގެން ނަމާދުކުރަން މިސްކިތަށްދާން އަޅާ ކޮންމެ ފިޔަވަޅަކަށްވެސް ޘަވާބު ދެއްވަވާކަން އެއީ މިބުނި ބަހުގެ ދަލީލަކަށް ފުދޭނެއެވެ. 

މިސްކިތުގެ ޖަމާއަތަށް ނަމާދަށް ދިއުންވެސް އޮތީ ހަމައެފަދައިންނެވެ. ދާނަ ހިތަށް އަރުވައިގެން ހުއްޓަކަސް ނުދެވޭނެއެވެ. ދެވޭނީ އެމީހަކު ދާން މަސައްކަތްކުރުމުންނެވެ. ކޮންމެ އަޅުކަމެއް ކުރަން ނަމަވެސް ހިތްވަރުލައި އެކަމެއް ކުރަން މަސައްކަތްކުރާނަމަ އެމީހަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ 

މީސްތަކުންނޭވެ! ތެދުމަގު ދެއްކެވުމަށް އެދުންވެސް އޮތީ ހަމަ އެފަދައިންނެވެ. ތިމާއަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރުމަކުން އެކަނި ނުފުދޭނެއެވެ. ދުޢާކުރުމާއިއެކު އެކަމަށް އެދިގެން މަސައްކަތްވެސް ކުރަންވާނެއެވެ. ހެޔޮ ޢަމަލުތައްކުރުން ގިނަކުރަންވާނެއެވެ. ފާފަތަކަށް އަރައިނުގަނެ ހުންނަންވެސް މަސައްކަތްކުރަންވާނެއެވެ. 

އެހެނީ ތެދުމަގު ދެއްކެވުމަށް އެދޭ މީހާއަށް ކުރަން މިއޮތީ މައިގަނޑު 3 ކަމެކެވެ. އެއީ ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރުމާއި ހެޔޮ ޢަމަލުކުރުން ގިނަކުރުމާއި ފާފަ ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. މި 3 ކަންތަކުގައި ހިފަހައްޓައިފި މީހަކަށް ތެދުމަގުދައްކަވާނެތެވެ! ޘާބިތުކަންވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން