އެސްފީނާ ޢާއިބެހޭ ގޮތުން ދެކެވޭ ބައެއް ވާހަކަތައް ޤަބޫލުކުރަން ކޮންމެވެސް ބައަކަށް އުނދަގޫވެދާނެއެވެ. މިކިޔައިދޭ ވާހަކައަކީ އަހަރެންގެ އަމިއްލަ ލޮލުން ދެކެފައިވާ ކަމެއްގެ ވާހަކައެވެ.
އެއީ އަންހެނެކެވެ. ތަނަކީވެސް މިސްކިތެވެ. އޭނާ އަޅައިގެންހުރި ބުރުގާ ދޫ އެއްޗަކަށްވުމުން ކަރުން ބައެއް ފެންނަން ހުއްޓެވެ. އެތަން ފެނިފައި އަންހެނަކު އޭނާގެ ރީތިކަމަށް ތަޢްރީފްކުރިއެވެ. އޭނާ އެކަމަށް ސަމާލުކަމެއް ނުދެއެވެ.
ގެއަށް ގޮސް ބެލިއިރު ކަރުދޮށުގައި ކަޅު އެއްޗެއް ހުއްޓެވެ. އޭނާ އަވަސް އަވަހަށް އަމިއްލައަށް ރުޤްޔާކުރިއެވެ. އެއެއްޗެއް ފިލައިގެންވެސް ދިއައެވެ.
މިއީ އަހުރެމެން ޙައިރާންވާންވީ ކަމެއް ނޫނެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމައަށް ކުޑަކުއްޖެއްގެ ގައިން އެފަދަ ފާހަގައެއް ފެނިވަޑައިގަތުމުން އެކުއްޖާއަށް އެހުރީ އެސްފީނާ ޖެހިފައިކަމަށް ޙަދީޘްކުރައްވައި އަދި ރުޤްޔާކުރަން ޙަދީޘްކުރެއްވެވިއެވެ.
ދެކަމެއް ފާހަގަކޮށްލާނަމެވެ. އެއްކަމަކީ ވީހައި ބޮޑަށް ފޮރުވި، އިސްލާމްދީނުގައިވާ މަގުން ހެދުންއަޅައި ނިވާވެގެން ތިބެންވީ މިފަދަ ކަންކަން މަދުވެރިވާތީއެވެ. އަންހެނުން އަންހެނުންނަށްވެސް ހަށިގަނޑު ނުދައްކަންވީ މިހެންވެގެންނެވެ.
ދެވަނަ ކަމަކީ އެސްފީނާ ޖެހުމުން ކޮންމެ މީހަކަށް ވަޤުތުން މިފަދަ ޢަލާމާތެއް ނުފެނިދާނެއެވެ. އެކަން ނުއެނގި ކިތަންމެ ދުވަހެއްވަންދެންވެސް ހުރެދާނެއެވެ. ވީމާ އަބަދުވެސް ތިބެންވާނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.
- އުސްތާޛާ ދުންޔާ ޝުއަޢިބްގެ ދަރުސަކުން