ސަމާލުވެވެބަލަ! ކުރެވޭ ވަރިތަކުގެ އެންމެ ބޮޑު ސަބަބަކަށް އެންމެ ގާތް 2 "އެކުވެރިން" ވާކަން ވަކީލުން ހާމަކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ސަމާލުވެވެބަލަ! ކުރެވޭ ވަރިތަކުގެ އެންމެ ބޮޑު ސަބަބަކަށް އެންމެ ގާތް 2 "އެކުވެރިން" ވާކަން ވަކީލުން ހާމަކުރޭ!

ކައިވެނި ރޫޅާލުމަށްފަހު ދެމީހުންވެސް ތަފާތު ވާހަކަތައް ދައްކާނެއެވެ. މެދުވެރިވި ސަބަބުތަކުގެ ޥާހަކަވެސް ދައްކާނެއެވެ. ނަމަވެސް މިއަދު ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ. އަދި އެއީ ސަމާލުކަންދޭންޖެހިފައިވާ ކަމެއްވެސް މެއެވެ. ސަމާލުކަންދީފިނަމަ ކައިވެނި ދެމެހެއްޓިވެސްދާނެ ކަމެކެވެ. 

އެކަމުގެ ވާހަކަ ބުނާއިރަށް ގިނަ ބައަކު ވަރަށް ރުޅިގަދަވާނެއެވެ. އެއީ އެމީހުންގެ އެންމެ ގާތް އެކުވެރިޔާގެ ވާހަކަ ދައްކަންޖެހޭތީއެވެ. ނަމަވެސް ޙަޤީޤަތް ވާނީ ހަމަ ޙަޤީޤަތަށެވެ. ދައްކަން މިޖެހެނީ އެންމެ ގާތް އެކެއްވެސް ނޫނެވެ. 2 އެކުވެރިންގެ ވާހަކައެވެ. އެއީ ސޯޝަލް މީޑިއާ އާއި ގެންގުޅޭ ފޯނެވެ.

ވަރިގެ މައްސަލަތަކުގައި ވަކާލާތުކުރާ އެންމެ މަތީފެންވަރުގެ ޤާނޫނީ ވަކީލުންގެ ކިބައިން އެނގޭ ގޮތުގައި އެމީހުންނަށް ހުށަހެޅޭ ވަރީގެ މައްސަލަތަކުގައި ސޯޝަލްމީޑިއާގެ ދައުރެއް ނެތް މައްސަލައެއް ވަރަށް މަދެވެ. ސޯޝަލްމީޑިއާގެ ބޭނުން ގިނައިން ހިފަނީ ފޯނުންނެވެ. 

ބައެއް ވަކީލުން ވަރަށް ސާބިތުކަމާއިއެކު އެބުނަނީ ވަރީގެ މައްސަލަތައް އުފެދިގެން އަންނަނީ ސޯޝަލްމީޑިއާއިން ބައްދަލުވާ މީހުންނާއި ދައްކަން ނުޖެހޭނެ ވާހަކަތައް ދެއްކުމުން ކަމަށެވެ. އެވާހަކަތައް ކުރިލައި ހެދުމުން ގޮސް ކައިވެނި ރޫޅާލާހިސާބަށް ކަންކަންދަނީ އެވެ. މިކަމުގައި ހަމަ އަންހެނުންވެސް ފިރިހެނުންވެސް އެއްވަރެވެ. 

މިއީ އަހުރެން ދައްކާ ވާހަކައެއް ނޫނެވެ. އެވަކީލުން ދައްކާ ވާހަކައެވެ. ނިކަން ބުނެބަލާށެވެ! ޙާލަތު މިހިށާބަށްދިއުމުން ވިސްނާލަން ނުޖެހޭހެއްޔެވެ؟ އެއްވެސް ޙާލެއްގައި ކުށްވެރި މިކުރަނީ ސޯޝަލްމީޑިއާ ނޫނީ ފޯނެއް ނޫނެވެ. އެއިގެ ބޭނުންހިފޭގޮތެވެ! ބޭނުން ހިފަން ނުޖެހޭ ގޮތަށް ބޭނުންހިފުމެވެ. 

މިކަމުގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. އެއީ ކައިވެންޏާއި ޢާއިލީ ގުޅުން ބަދަހިކަމާއިއެކު ދަމަހައްޓައިދޭ ވަސީލަތަކަށްވެސް ސޯޝަލްމީޑިއާއާއި ފޯނު ހެދެންވެސް އެބައޮތެވެ. ސުވަރުގެ ވަންނަންކުރާ ކުރާ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިއަކަށްވެސް ހެދެން އެބައޮތެވެ. އެކަންކަމަސްވުރެ ބޮޑު ފައިދާއެއް ކުރާނީ ކޮން ކަމަކުންހެއްޔެވެ؟ 

ބުނެވެން އޮތީ ހޭލައި ހޭލުންތެރިވާށެވެ! ސޯޝަލްމީޑިއާވެސް އަދި ފޯނުވެސް ތިމާއަށް އެންމެ ފައިދާހުރި ގޮތުގައި ބޭނުންހިފާށެވެ! 

- އަލަފް

މިއަދު އޮންލައިން