ކައިވެނިކުރުމަށްފަހު ހެދޭ އެންމެ ބޮޑު ގޯހާ، އެންމެ ބޮޑު އުފާވެރިކަމެއް ލިބޭނެ މަގު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކައިވެނިކުރުމަށްފަހު ހެދޭ އެންމެ ބޮޑު ގޯހާ، އެންމެ ބޮޑު އުފާވެރިކަމެއް ލިބޭނެ މަގު

އަހުރެމެންގެ ތެރެއިން ގިނަ ބައަކު ދެކެނީ ކައިވެނިކުރުމަކީ ލިބޭނެ އެންމެ ބޮޑު އުފާވެރިކަން ކަމަށެވެ. ތިމާ ބޭނުންވެގެން ހުރި ހުރިހާ އުފާވެރިކަމެއް ކައިވެނިކުރެވުމުން ލިބެންފަށާނެ ކަމަށެވެ. އަދި ކައިވެނިކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އުފާވެރިކަން ލިބިގަތުން ކަމަށެވެ. 

މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކައިވެނިކުރުމުގެ ވެސް އެންމެ ބޮޑު ބޭނުމަކަށް ހަދަންޖެހޭނީ ﷲ ތަޢާލާ ޢާއި އިތުރަށް ކުއްތަންވުމެވެ. ކުރާ އަޅުކަން ގިނަކުރުމެވެ. ކުރިން ކުރެވުނު ކިތަންމެ ކުޑަކުޑަ ފާފަ (ހުއްދަނޫން މީހަކަށް ބެލުން ނަމަވެސް) ނުކުރުމެވެ. 

ބައެއް މީހުން ހިލޭ އަންހެނުންނަށް ނުވަތަ ފިރިހެނުންނަށް ބެލުން ހުއްޓާލައެވެ. ނަމަވެސް އެމީހުން ސޯޝަލް މީޑިއާގައި ލިޔެފައި ހުންނަ ލިޔުންތަކަށާއި ފޮޓޯތަކަށް ބެލުން ހުއްޓައެއް ނުލައެވެ. 

ނަތީޖާޢަކަށްވަނީ ކިޔޭ ބައެއް ޕޯސްޓްތަކުންނާއި ފެންނަ ބައެއް ޕޯސްޓްތަކުން ތިމާގެ ބައިވެރިޔާގެ ކިބައިން ތިމާއަށް ނުލިބޭ އުފާތަކެއް އެހެން މީހެއްގެ ބައިވެރިޔާގެ ކިބައިން އޭނާގެ ބައިވެރިޔާއަށް ލިބޭކަން އިޙްޞާޞްކުރެވެން ފެށުމެވެ. އެކަމުގެ ނަތީޖާއަށްވެގެންދަނީ ތިމާގެ ބައިވެރިޔާ ރަނގަޅުނޫން ކަމުގެ އިޙްޞާޞްތައް ކުރެވެން ފެށުމެވެ. ރަނގަޅު ބައިވެރިއަކު ހޯދަން މަސައްކަތްކުރުމުގެ މުހިންމުކަން އިޙްޞާޞްކުރެވެން ފެށުމެވެ. 

ދެން އެހިސާބުންވާ ގޮތަކީ ތިމާގެ ބައިވެރިޔާދެކެ ފޫހިވެވެން ފެށުމެވެ. ދެމީހުން ދުރުވާން ބޭނުންވެވެން ފެށުމެވެ. މިފެނުނީ ފޭކްޕޯސްޓްތަކެއް ކަމާއި ތިމާގެ ބައިވެރިޔާގެ ކިބައިން ތިމާއަށް ލިބެމުން އައި ލޯތްބާއި އަޅައިލުން މާބޮޑުކަން ވިސްނެނީ ދެމީހުންގެ ގުޅުން ކެނޑިގެންދާ ހިސާބުންނެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ކަންކަން މިގޮތަށް ވިޔަނުދޭށެވެ! ކައިވެނިކުރުމަށްފަހުގައި ވެސް އެންމެ ބޮޑު އުފާވެރިކަމެއް ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަމަށް ޤަބޫލުކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އެކަން ޤަބޫލުކޮށް ތިމާއަށް ލިބުނު ބައިވެރިޔާއާއިއެކު ދިރިއުޅެން މަސައްކަތްކުރާނަމަ އެމީހަކަށް ބޭނުންވާ ހިތްހަމަޖެހުމާއި އުފާވެރިކަން ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން