"މީސްމީހުންގެ ބޭންކް އެކައުންޓްތަކުގައި މިލިއަނުން ލާރިއެބަހުރެއެވެ. ކުންފުނިތަކާއި ފިހާރަތަކުގެ ތަނަވަސްކަން ހުންނަވަރު ދައުލަތަށް އެނގެއެވެ. އޮޑިޓް ރިޕޯޓްތައް މީރާއަށް ހުށަހަޅަން ޖެހެއެވެ. ވީމާ މުދަލުޒަކާތް ވާޖިބުވާ ފަރާތްތައް ދައުލަތަށް ވަރަށް ރަނގަޅަށް އެނގެއެވެ.
އަޅުގަނޑުގެ ސުވާލަކީ އެކަންކަން ދައުލަތަށް އެނގޭއިރުވެސް މުދަލު ޒަކާތް ދެއްކުމަކީ އިޚްތިޔާރީކަމެއްކަމަށް ދޫކޮށްލާފައި ބޭއްވުން ދައުލަތަށް ހުއްދަވާނެތޯއެވެ؟ މިހެން މިދަންނަވަނީ މުސްލިމުން އެންމެ ބޮޑު ތަނަވަސްކަމެއްގައި އުޅުނީ ޤަވާއިދުން މުދަލު ޒަކާތް ނަގައި ޙައްޤުވެރިންނަށް ބެހި ދުވަސްވަރުކަމަށް ޢިލްމުވެރިން ބަޔާންކުރައްވާތީއެވެ."
ކިޔުންތެރިޔާގެ ތިއަ ޒުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ މުދަލު ޒަކާތް ނެގުމަކީ ސަރުކާރަށް ލާޒިމް ކަމެއްކަމަށް ރާއްޖޭގެ ކުރީގެ ހުރިހާ އިސްލާމިކް މިނިސްޓަރުންވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް ޢަމަލުނުކުރަނީއެވެ.
ސުވާލުގެ ޖަވާބު ތިރީގައިވާ ޙަދީޘްފުޅުން ލިބިގެންދާނެއެވެ! އިން ޝާ ﷲ
އިބްނު ޢުމަރު رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ: ހަމަކަށަވަރުން ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ:
”ﷲ ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް މީސްތަކުން ހެކިވެ، އަދި އެބައިމީހުން ނަމާދު ގާއިމުކޮށް، (މުދަލު) ޒަކާތް ދީފުމަށް ދާންދެން، އެބައިމީހުންނާ ހަނގުރާމަ ކުރުމަށް ތިމަން ނަބިއްޔާއަށް ވަނީ އަމުރުވެވިގެންނެވެ. ފަހެ އެބައިމީހުން އެފަދައިން ކަންކޮށްފިނަމަ، އެ ވަނީ އެބައިމީހުންގެ ލެޔާއި މުދާ ތިމަން ނަބިއްޔާގެ ކިބައިން ރައްކާތެރިކޮށް ސަލާމަތްކޮށްފައެވެ. އެއީ އިސްލާމް ދީނުގެ ހައްގެއްގެ ސަބަބުން މެނުވީއެވެ. (އެބަހީ: ދީނުގައިވާ އުގޫބާތަކަށް އަރައިގަނެގެން މެނުވީއެވެ.) އަދި އެބައިމީހުންގެ ހިސާބު ބެއްލެވުން ވަނީ ﷲ ތަޢާލާއަށެވެ.“
މި ޙަދީޘް ރިވާ ކުރެއްވީ ބުޚާރީއާއި މުސްލިމެވެ.