މީހަކު ބުނާ ބަހަކުން ނުވަތަ ކުރެވޭކަމަކުން ހިތްހަަމނުޖެހޭއިރަށް އޭނާގެ ޢަބުރަށް އަރައިގަތުން އަންނަނީ ގިނަވަމުންނެވެ. އެއްވެސް ޙަޤީޤަތެއް ނެތް އިލްޡާމްތައް އެމީހެއްހެ ބޮލުގައި އަޅުވަނީ އެއްވެސް ބިރެއް ނެތިއެވެ. މިއީ އެކަން ކުރަން އޮތްގޮތެއް ނޫނެވެ.
މީހަކު ދެކެ ވަރަކަށް ރުޅި އައިނަމަވެސް އެމީހާގެ އަބުރަށް އަރައި ނުގަންނާށެވެ! އެކަންކުރުމުން ލިބެން އޮތް ހަމައެކަނި ފައިދާއަކީ އެމީހެއްގެ އަބުރަށް އަރައިގަނެވުނުކަމުގެ ހިތްހަމަޖެހުމެވެ. އެމީހާ ރުޅިއަރުވައިލެވުނުކަމާއި ހިތްދަތިކޮށްލެވުނުކަމާއި ފަޟީޙަތްކޮށްލެވުނުކަމުގެ ހިތްހަމަޖެހުމެވެ.
ނަމަވެސް އެއިގެ ބަދަލުގައި ފަހަތުން ދެން ލިބެން އޮތް ނިކަމެތިކަން މާބޮޑެވެ.
"މީހެއްގެ އަބުރަކީ ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ."
އިމާމް އިބްން ދަޤީޤް އަލް ޢީދް
ވީމާ ތިބާ ނަރަކައިގެ ވަޅުގަނޑަކަށް އެއްލައިލެވޭ ސަބަބަކީ މީހެއްގެ މީހެއްގެ އަބުރަށް އަރައިގަތުން ކަމުގައި ވެދާނެކަމަށް ބިރުވެތިވާށެވެ! މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އެމީހެއްގެ އަބުރަށް އަރައި ނުގަންނާށެވެ!
މީހުންގެ އަބުރަށް އަރައި ނުގަނެ ބުނަން ބޭނުން ބަސްތައް ބުނަން ދަސްކުރާށެވެ! ސޯޝަލް މީޑިއާގައި ނަމަވެސް މީހެއްގެ އަބުރަށް އަރައިގަނެ ބަސްތައް ލިޔެ ޢާންމުކުރުމަކީ ދުލުން ބުން ފަދަ ކަމެކެވެ. ފާފަވެރިވުމުގައި އެއްވެސް ތަފާތެއް ނެތެވެ.
ވީމާ އިމާމުގެ މި ބަސްފުޅަށް ބަލާއިރު ލިޔާ ބަހެއްގެ ސަބަބުން ވެސް އެމީހަކު ނަރަކައިގެ ވަޅުގަނޑަކަށް ވެއްޓުމުގެ ފުރުޞަތު އެބައޮތެވެ. ކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ ގިނަފަހަރު މީހަކު ދެކެ ރުޅި އައިސް އަބުރަށް އަރައިގަނެފިނަމަ އެމީހަކުވެސް އަންނާނީ ރުޅިއެވެ. މާބޮޑު އަސަރެއް ނުކުރާނެއެވެ.
އެއިގެ ބަދަލުގައި ރިވެތި ބަހުން މުޢާމަލާތުކުރުމުން އެމީހަކަށް ކުރާ އަސަރުވެސް މާބޮޑުވާނެ ކަމަށް ޢިލްމްވެރިން ވިދާޅުވެއެވެ.