ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުންނަ މީހަކު ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ޙުކުމްފުޅަކާއި ގުޅިގެން އެއްވެސް ސުވާލެއް ނުކުރާނެއެވެ. ހިތުގެއަޑިން ކޮންމެ ކަމެއްވެސް ޤަބޫލުކުރާނެއެވެ. އެކަމަށްޓަކައި ﷲ ތަޢާލާ ޤިޔާމަތް ދުވަހު ދެއްވަވާ މަތިވެރި ދަރަޖަ ނިކަން ދެކިބަލާށެވެ! ތަޤްވާވެރިންގެ ތެރޭގައި އެމީހަކު ހިމަނުއްވަވައި ދެއްވަވާނެތެވެ! އެކަމުގެ ސަބަބުން ޞިރާޠުމަގު ހުރަސްކުރެވޭނެތެވެ! އިން ޝާ ﷲ
ﷲ ތަޢާލާ އެއްވެސް ކަމެއް ހުއްދަކުރެއްވެވުމުން ނުވަތަ ޙަރާމް ކުރެއްވެވުމުން އެއީ ކީއްވެގެންކަމާއިމެދު ހިތުގައި އެއްވެސް މިންވަރަކަށް ޝައްކު ނުއުފެއްދުމަކީ ޞިރާޠުމަގު ހުރަސްކުރެވޭނެ މީހުންގެ ތެރޭގައި ހިމެނޭނެ ސަބަބެކެވެ.
އެއީ ތަޤްވާވެރިންގެ ސިފައެކެވެ. ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރާކަމުގެ ހެއްކެކެވެ.
މުސްލިމަކަށްވެވޭނީ ފުރިހަމަގޮތުގައި އީމާންވެގެންނެވެ. ފުރިހަމަގޮތުގައި އީމާންވުމަކީ ﷲ ތަޢާލާ ކުރައްވަވާފައިވާ ހުރިހާ އަމުރުފުޅުތައް ބަލައިގަތުމެވެ. ވަކިކަމެއް ދޫނުކޮށް ކޮންމެ ކަމެއްގައިވެސް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމެވެ.
--ބިލާލް އައްސަދުގެ ދަރުސަކުން