ބައިވެރިޔާ ވާހަކަދެއްކުން މަދުކުރާތީ، ފިރުމައިނުލާތީ ކަންބޮޑުވާންޖެހިއްޖެނަމަ ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބައިވެރިޔާ ވާހަކަދެއްކުން މަދުކުރާތީ، ފިރުމައިނުލާތީ ކަންބޮޑުވާންޖެހިއްޖެނަމަ ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

ބައިވެރިޔާ ތިބާގެ ގައިގައި ފިރުމާ ނުލައިގެންވެސް އަދި ވާހަކަދެއްކުން މަދުކުރިނަމަވެސް  ކަންބޮޑުނުވާށެވެ. މާނައަކީ އެކަމާ ދެރަވިނަމަވެސް އެއީ އެހައި ބޮޑަށް މާޔޫސްވާ ކަމަކަށް ނުހަދާށެވެ. އަމިއްލައަށް ހިތްވަރު ލިބިގަންނަން މަސައްކަތްކުރާށެވެ! 

ފުރަތަމަވެސް ގޮސް ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓިހުރެ އަމިއްލަ ނަފްސަށް ރަނގަޅަށް ބަލައިލާށެވެ! އެއިރުން ތިބާގެ ގައިން އެއްވެސް ތަނެއް މަދުނުވާކަން އިޙްޞާޞްކުރެވޭނެއެވެ. ހިނިތުންވެލާށެވެ. އެހިނިތުން ލޯގަނޑުން ފެންނާނެއެވެ. އެއިރުން ތިމާއަށް އަދިވެސް ހިނިތުންވެވޭނެކަންވެސް ޔަޤީންކުރެވޭނެއެވެ. ދެން އަމިއްލަ ދެއަތުން ގައިގައި ފިރުމައިލާށެވެ. އެއިރުން ގައިގައި ފިރުމައިލެވުނުކަންވެސް އިޙްޞާޞްކުރެވޭނެއެވެ. 

ބައިވެރިޔާގެ ކިބައިން މާޔޫސްވާހިނދު އޮތީ ހިތްވަރު ލިބިގަންނަން އަމިއްލައަށް މަސައްކަތްކުރުމެވެ. އެމަސައްކަތް އަމިއްލައަށް ނުކުރާނަމަ ދުވަސްކޮޅެއްވާއިރު މީހާ ހުންނާނީ އެކަންކަމުން އަރައިގަންނަން އުނދަގޫވާވަރަށް ބަލިކަށިވެފައެވެ. އެއީ މީހަކަށް ކުރިމަތިވާނެ އެންމެ ނިކަމެތި ޙާލަތެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ. 

ކިތަންމެ ލޯބިން ފަށާދަތުރުވެސް ތިމާ އުންމީދުކުރި ގޮތަށް ނިންމައިނުލެވުމަކީ ހަމަ ވަރަށް ޢާންމު ކަމެކެވެ. އެއީ އެއްވެސް ޙާލެއްގައި ޚާއްބަކަމެއް ނޫނެވެ. ބުއްދިވެރިންނަކީ އެދަތުރުގެ ކޮންމެ ހިސާބަކުން އިންޖީނު ހުއްޓުނު ނަމަވެސް އަލުން ސްޓާޓްކޮށްގެން ކުރިއަށް ދިއުމުގެ ޢަޒުމުގައި ދިރިއުޅޭ މީހުންނެވެ. 

މުޅި ދުނިޔެއަށް ޢާންމުވެފައިވާ ކަމެއް ތިމާއަށްވެސް ކުރިމަތިނުވާނެ ކަމަށް ޔަޤީންނުކުރާށެވެ! އެހެނަސް އުންމީދުކުރެވިޑާނެއެވެ. އުންމީދުކުރުމަކީ މުޅިން ތަފާތުކަމެކެވެ. މައްސަލައަކީ ތިމާގެ އަމިއްލަ އިޚްތިޔާރާއި ބާރު ނުހިންގޭނެ ކަންކަން ޔަޤީންކުރެވޭތީއެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ އަމިއްލައަތް ނުފޯރާފަށުން އެއްވެސް ކަމެއް ޔަޤީންނުކޮށް ދިރިއުޅެން މަސައްކަތްކޮށްގެންނެވެ! 

- އަލަފް

މިއަދު އޮންލައިން