އިސްކޮޅުން ބޮޑުވެލާއިރަށް، ވަޒީފާއެއް ލިބި ނުވަތަ އެނޫންވެސް ކަމަކުން ފައިސާ ލިބެންފަށާއިރަށް، އަންހެންކުދިން ކަޅިއަޅަންފަށާއިރަށް އަހަރެމެން ގިނަ ފިރިހެނުންނަށް މިހީވަނީ ތިމާއަށް މިހުރެވެނީ ފިރިހެނަކަށް ވެވިފައި ކަމަށެވެ. ދަރިންނޭވެ! އަދި އެވަރަކުން ފިރިހެނަކަށް ނުވެވޭނެއެވެ. ފުރިހަމަ ފިރިހެނަކަށްވެވޭނީ ޒިންމާތަކަކާއިއެކުގައެވެ.
ފިރިހެނަކަށްވާން ބޭނުންނަމަ ފުރަތަމަ ކަމަކަށް ތިމާގެ ފުއްޕާމެއާއި ހިތާއި ފުރަމެއާއި މިހެންގޮސް ތިމާގެ އެތެރެހަށީގެ ގުނަވަންތައް ރައްކަތެރިކުރަން އެބަޖެހެއެވެ. ފިރިހެނުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލޭނީ ފުރިހަމަ ޞިއްހަތެއްގައި ހުރެގެންކަމަށްވާތީއެވެ. އެހެންކަމަށްވާއިރު ބަނގުރަލާއި މަސްތުވާތަކެއްޗާއި އެނޫންވެސް ޞިއްހަތަށް ގެއްލުންދޭތަކެތި ބޭނުންކުރާނަމަ އޭނާގެ ފިރިހެންކަން ކޮބައިހެއްޔެވެ؟
ފިރިހެނަކަށްވާން ބޭނުންނަމަ އަނބިދަރިންނާއި މައިންބަފައިންގެ ޒިންމާތައް އުފުލަން އެބަޖެހެއެވެ. ކުރިން މިބުނި ކަންކަމުގެ ޝިކާރައަކަށްވެގެން މިބުނި ޒިންމާތައް ނަގާނީ ކިހިނަކުންހެއްޔެވެ؟
ފިރިހެނަކަށްވާން ބޭނުންނަމަ މިބުނި މިސްރާބަށް ތިމާގެ ޢަމަލުތައް ގެންދިއުމަށްޓަކައި ބުއްދި ސަލާމަތުން ބަހައްޓަން އެބަޖެހެއެވެ. އަނެއްކާވެސް ކުރަން މިޖެހެނީ ހަމަ އެއް ސުވާލެކެވެ. ކުރިން މިބުނި ކަންކަމުގެ ޝިކާރައަކަށްވެގެން ބުއްދިސަލާމަތުން ބެހެއްޓޭނީ ކިހިނަކުންހެއްޔެވެ؟
ހަމައެފަދައިން ފިރިހެނަކަށްވާން ބޭނުންނަމަ ފެންނަހައި އަންހެނެއްގެ ފަހަތުން ނުދުވާ، ވަޤުތު ބޭކާރުނުކުރާ، ވަޤުތުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފާ މީހަކަށްވާން އެބަޖެހެއެވެ. އަނބިދަރިންނަށް ލޯބިދީ އަޅާލައި، ޚަރަދުކުރާ މީހަކަށްވާން އެބަޖެހެއެވެ. އަނެއްކާވެސް ކުރަން މިޖެހެނީ ހަމަ އެއް ސުވާލެކެވެ. ކުރިން މިބުނި ކަންކަމުގެ ޝިކާރައަކަށްވެގެން މިބުނި ކަންކަން ކުރާނީ ކިހިނަކުންހެއްޔެވެ؟
މިބަޔާންކުރީ މިސްކިތުގައި ކުރަންޖެހޭ އަޅުކަމުގެ އިތުރުން ކޮންމެ ފިރިހެނަކުވެސް ޙަޤީޤީ ފިރިހެނަކަށްވުމަށްޓަކައި އުފުލަންޖެހޭ ބައެއް ޒިންމާތަކެވެ. އެހެންކަމަށްވާއިރު ފިރިހެނެއްގެ ސިފައި އުފަންވެ، ބޮޑުވެ އަދި އަތަށް ފައިސާ އެރިނަމަވެސް އެމީހަކީ ފުރިހަމަ ފިރިހެނަކަށްވެވޭނެ ހެއްޔެވެ؟
ފުރިހަމަ ފިރިހެނަކަށްވެ، ފިރިހެނެއްގެ ޒިންމާތައް އުފުލަން ފަށާށެވެ! ބަސްވިކޭނީވެސް އެހެންމީހުންގެ ލޯތްބާއި އިޙްތިރާމް ލިބޭނީވެސް އެއިރުންނެވެ. މިޒަމާނުގައި ހޭލުންތެރި ރަނގަޅު އަންހެންކުދިން އެމީހުންގެ ބައިވެރިއަކަށް ބޭނުންވާނީ މިބަޔާން ކުރި ހަރުދަނާ ސިފަތައް އެމީހެއްގެ ކިބައިގައި ހުންނަ ފިރިހެނުންނެވެ.
- އަލަފް