ކާފިރުންނަށް ކީރިތި ޤުރްއާން ޤަބޫލުނުކުރެވިގެން އުޅެނީ މުސްލިމުން ޤުރްއާނަށް ޢަމަލު ނުކުރާތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކާފިރުންނަށް ކީރިތި ޤުރްއާން ޤަބޫލުނުކުރެވިގެން އުޅެނީ މުސްލިމުން ޤުރްއާނަށް ޢަމަލު ނުކުރާތީ!: މުފްތީ މެންކް

މިއަދު ބައަކަށް ކީރިތި ޤުރްއާނުން ކުށްދައްކަން ފުރުޞަތު ލިބިގެން އެއުޅެނީ ކީރިތި ޤުރްއާނުގައި އެންމެ ކުށެއްވެސް އޮވެގެނެއް ނޫނެވެ. މުސްލިމުން ކީރިތި ޤުރްއާނަށް ޢަމަލުނުކުރާތީއެވެ. ކީރިތި ޤުރްއާނުގައިވާ މަގު ދޫކޮށް އެހެން ގޮތްގޮތަށް އުޅޭތީއެވެ. 

މިޘާލަކަށް ބުނާނަމަ ތަރިކަ ބެހުން ފަދަ ކަންކަމުގައި އުޚުތާގެ ޙައްޤުތައް އޭނާއަށް ނުދީ މަކަރުހަދައި އޮޅުވައިލާނަމަ އެއީ ޤުރްޢާނުގައި އެކަން އޮތް ގޮތެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ޙައްޤުވެގެންވާ މިންވަރު ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ އެއަށް ބަދަލުގެނައުމުގެ ޙައްޤު ހަމައެކަކަށްވެސް ލިބިގެނެއް ނުވެއެވެ. 

ޤުރްއާނަށް މުސްލިމުން ޢަމަލުކުރާނަމަ ޤުރްއާނުގައި ވަނީ އެންމެ ޙައްޤު މަގުކަމާއި ޤުރްއާނުގައިވަނީ މީސްތަކުންނަށް އެންމެ ފައިދާ ބޮޑު ގޮތްކަން ކާފިރުންނަށްވެސް ޖެހޭނީ ޤަބޫލުކުރާށެވެ! އެކަން ކާފިރުންވެސް ޤަބޫލުކުރާނެއެވެ. މިއަދުގެ މިޙާލަތުގައިވެސް ޤުރްޢާނުގައިވަނީ އެންމެ ފައިދާހުރި ގޮތްކަން ވިސްނި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބައަކު އިސްލާމްވަމުން އެއަންނަކަން މިބުނާ ބަހުގެ ހެއްކަކަށް ފުދޭނެއެވެ. 

މިފަދަ ޙަޤީޤަތްތައް ކޮންމެ ދުވަހަކު ލޮލަށް ފެންނަމުން އަންނައިރު މުސްލިމުން ކީރިތި ޤުރްޢާނަށް ޢަމަލުކުރާނަމަ އެކަމުން ކުރާނެ ފައިދާ ބޮޑުވެގެންދާނެ މިންވަރަށް ނިކަން ވިސްނައިލަބަލާށެވެ! ވީމާ އިސްލާމް ދީނަށް ނަޞްރުދޭންވެސް އެންމެ ފުރަތަމަ ކުރަން އޮތް ކަމަކީ ކީރިތި ޤުރްޢާނަށް ޢަމަލުކުރުމެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް އީމާންވާށޭ! ކީރިތި ޤުރްއާނުގައިވަނީ އެންމެ ފައިދާހުރިގޮތޭ! ކިތަންމެ ގިނައިން ދުލުންކީނަމަވެސް ޢަމަލުން އެކަން ނުދެއްކޭނަމަ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ އާދޭސްކޮށްފައި ބުނަމެވެ. ކޮންމެ މީހަކީވެސް ޤުރްޢާނަށް ޢަމަލުކުރާ މީހަކަށްވާށެވެ! އާޚިރަތް ހޯދަން މިކުރާ ދަތުރުގައި އެއަސްވުރެ ވަކިން މުހިންމު ކަމެއް ނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން