މުނާފިޤުން ނަރަކައިގަ ވާހުށީ އިބިލީހަށްވުރެވެސް އަޑީގައެވެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މުނާފިޤުން ނަރަކައިގަ ވާހުށީ އިބިލީހަށްވުރެވެސް އަޑީގައެވެ!: ބިލާލް އައްސަދު

މުނާފިޤުންގެ އެންމެ ޢާންމު ސިފަތައްކަމުގައި ޙަދީޘްފުޅުން 4 ސިފައެއް އެނގެން އެބައޮތެވެ. ޢިލްމުވެރިން ވިދާޅުވެފައިވަނީ އެތަނުން އެންމެ ސިފައެއް ހުރިނަމަވެސް އެމީހެއްގެ ކިބައިގައި މުނާފިޤް ކަމުގެ ސިފަ އެބަހުރިކަމަށެވެ. އެއިގެ ތެރޭގައި ދޮގުހެދުން، އަމާނާތަށް ޚިޔާނާތްތެރިވުން، ވަޢުދެއްވެއްޖެނަމަ ނުފުއްދުން ފަދަ ގިނަ ބައަކު އެއްވެސް ބިރެއް ނެތި މިހާރު ކުރަމުން އަންނަ ކަންކަން ހިމެނެއެވެ. 

މުނާފިޤުން ކަމަށް ބުނުމުން ބައެއް މީހުންނަށް ސިފަކުރެވެނީ އެދައްކަނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އުޅުނު މުނާފިޤުންގެ ވާހަކަކަމަށެވެ. ބޭރުފުށުން އިސްލާމްކަން ދައްކައި ހިތުން އީމާން ނުވެ އުޅުނު މީހުންގެ ވާހަކަ ކަމަށެވެ. ނަމަވެސް އެއީ ވަކި ޒަމާނެއްގައި އުޅޭ ބައަކަށް ކިޔާނަމެއް ނޫނެވެ. ކޮންމެ ޒަމާނެއްގައި އުޅުނު ނަމަވެސް މުނާފިޤުންނަކ މުނާފިޤުންނެވެ. 

ދެފުށްދެގޮތް ވުމަކީ މުނާފިޤް ކަމުގެ ސިފައެކެވެ. އެކަކު ގާތު އޭނާ ރުހޭ ގޮތަށް ވާހަކަ ދައްކާފައި އަނެކާ ގާތު ހަމައެކަމުގައި އޭނާ ރުހޭ ގޮތަށް ވާހަކަ ދެއްކުމަކީ މުނާފިޤުންގެ ސިފައެކެވެ. އެންމެ ކުޑަމިނުން މީހަކު ދެކެ ލޯބި ނުވެ ލޯބިވާކަމަށް ބޭރުފުށުން ދައްކައިގެން އުޅުމަކީވެސް މުނާފިޤް ކަމުގެ ސިފައެކެވެ. 

ދޮގުހެދުމާއި އަމާނާތަށް ޚިޔާނާތްތެރިވުމަކީ ވެސް މުނާފިޤުންގެ ސިފަތަކެވެ. އެކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މުނާފިޤުންނަށްވެސް ދަރަޖަތަކެއްވެއެވެ. އެތަނުން މީހާ ފެތިގެންދާނީ ކޮންދަރަޖައަކަށްކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެމީހަކަށް އެނގޭނީ ޤިޔާމަތް ދުވަހު އެމީހަކަށް ޙައްޤު ޢަޛާބުލިބުމުންނެވެ. 

މީސްތަކުންނޭވެ! މަސައްކަތްކުރަންވީ މުނާފިޤަކަށް ވެވިދާނެ އެންމެހައި ސިފަތަކުން ސަލާމަތްވެހުރުމަށެވެ. މުނާފިޤަކަށްވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. ކުރާ ކޮންމެ ޢަމަލެއްގައިވެސް އަދި ބުނާ ކޮންމެ ބަހެއްގައިވެސް ތެދުވެރިވެގެން ނޫނީ ސަލާމަތްކަން ނުލިބިދާނެ ކަމަށް ބިރުވެތިވާށެވެ! 

"ހަމަކަށަވަރުން މުނާފިޤުން ވާހުށީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައެވެ." އޮތް ބަސްފުޅުގެ މާނައަކީ މުނާފިޤުން ނަރައިގައި ތިބޭނީ އެންމެ ގަދަފަދަ ޢަޛާބުގައިކަމެވެ. ވީމާ މުނާފިޤުންގެ ތެރޭގައި ތިމާ ނުހިމެނުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއް ކަންތަކެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން