މުސްލިމަކަށްވާން ޝައުޤުވެރިވެވިއްޖެނަމަ އެމީހާގެ ކެތްތެރިކަން ކޮޅުންލާނެއެވެ. މިކިޔައިދޭ ވާހަކަކޮޅު ޝައުޤުވެރިކަމާއިއެކު އަޑުއަހާށެވެ. މިއީ އަލަށް އިސްލާމްވެ މިހާރު ދީނަށް ޚިދުމަތްކުރަމުން ގެންދާ ޒުވާނަކު ބުނެފައިވާ ވާހަކަކޮޅެކެވެ.
"އެދުވަހުގެ ހެނދުނު ނިދީން ހޭލެވުމާއިއެކު ވިސްނަން ފެށުނެވެ. ހީވަނީ މީހަކު ބުނާކަހަލައެވެ. "އިސްލާމް ދީނަކީ ޙައްޤު ދީންކަން މިހާރު ކަލެއަށް ރަނގަޅަށް އެނގޭނެއެވެ. ވީއިރު އިސްލާމް ނުވެ ތިއަ މަޑުކުރަނީ ކީއްވެގެން ހެއްޔެވެ؟" އެދުވަހު ޔުނިވަރސިޓީ އަށް ގޮސް މުސްލިމް އެކުވެރިއެއްގެ ގާތުގައި ބުނީމެވެ. ކޮންމެވެސް މިރޭ އަހުރެންގެ ގެއަށް އައިސްދޭށެވެ."
އޭނާ އައިއިރު އަހުރެން އިނީ މަތީބުރީގައި އެހެން ދަރިވަރުންތަކަކާއިއެކު ފިލާވަޅުދަސްކުރާށެވެ. ފައިބައިގެން ގޮސް ބައްދަލުކުރުމުން އޭނާ ސުވާލުކުރިއެވެ. "އަޚާއެވެ! އަނެއްކާ ކޮންކަމެއް ޖެހުނީހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "ބޭނުންވަނީ އިސްލާމްވާށެވެ!" ބުނުމާއިއެކު އޭނާ ބުންޏެވެ. "ތިއަކަން ތިއަހެން ވާނެކަން ކުރިންވެސް އެނގެއެވެ. އެއީ ރޯދަމަހު އެއްރޭ އަހުރެންނާއިއެކު މިސްކިތައް އައިމެއް ނޫންހެއްޔެވެ؟ އެރޭގެ ތަރާވީޙް ނަމާދުގެ ސަޖިދައިގައި އެތައް ފަހަރަކު އަޚާއަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރީމެވެ." އެއަށްފަހު އޭނާ އަހުރެންނަށް ޝަހާދަތް ލައިދިނުމުން އަހުރެން އިސްލާމްވީމެވެ.
ކޮންމެއަކަސް އެރޭ ނިދީ ވަރަށް އުފަލުންނެވެ. އިސްލާމްވެވުނީތީއެވެ. ހީވީ ކޮނޑުގައި އެޅިފައި އޮތް ބޮޑު ބުރައަކުން ސަލާމަތްވެވުނުހެންނެވެ."
މިޒުވާނާގެ ވާހަކަކޮޅުން އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ޔުނިވަރސިޓީގައި ވިޔަސް މަސައްކަތުގައި ވިޔަސް އެކުވެރިންނަށް އިސްލާމް ދީނަށް ދަޢުވަތުދޭށެވެ. އެމީހުންނަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ދެން ފާހަގަކޮށްލަން ބޭނުންވަނީ ރަނގަޅު މީހުންނާއިއެކުގައި އުޅުމުގެ މުހިންމުކަމެވެ. މިޒުވާނާއަށްވެސް އެކުރީ އެކަމުގެ ފައިދާއެވެ. އަހުރެމެން މުސްލިމުން އެކުވެރިންކަމުގައި ބަލަގަންނަންވާނީ ދީނަށް ލޯބިކޮށް، ދީނަށް ޢަމަލުކުރާ މީހުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން