ސުވަރުގެ އެދޭނަމަ އުފާވެރިކަމުގަ އާއި ހިތްދަތިކަމުގަ މިމަގުން ޢަމަލުކުރާށެވެ!: ޑރ. ޝައިޚާ ޙައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ސުވަރުގެ އެދޭނަމަ އުފާވެރިކަމުގަ އާއި ހިތްދަތިކަމުގަ މިމަގުން ޢަމަލުކުރާށެވެ!: ޑރ. ޝައިޚާ ޙައިފާ ޔޫނިސް

ދުނިޔޭގައި އަހުރެމެންނަށް ލިބޭ ކޮންމެ ކަމެއްވެސް ލިބެނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އޮތީ ދެގޮތެކެވެ. ކެތެރިވެލުމާއި ޝުކުރުވެރިވުމެވެ. އިތުރު ގޮތެއް ނުވަތަ ގޮތްތަކެއް ހޯދަން ބޭނުންވާ މީހާ އެ އިޚްތިޔާރުކުރަނީ އޭނާގެ އަމިއްލަ ގޮތެވެ.  

މިޘާލަކަށް ދަރިން ދެއްވެވުމުން އެމީހަކަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން ﷲ ތަޢާލާގެ މަގުގައި ބަލައިބޮޑުކުރީއެވެ. ކާންދިނީ ޙަލާލް ތަކެއްޗެވެ. އުޅެން ދަސްކޮށްދިނީ ﷲ ތަޢާލާގެ މަގެވެ. އެހިސާބުން މައިންބަފައިންގެ ވާޖިބު އަދާކުރެވުނީއެވެ.  

ދެން އޮތީ ބޮޑުވެގެން އެކުދިން އަމިއްލައަށް އިޚްތިޔާރުކުރާ ގޮތެވެ. ހެޔޮލަފާކުދިން ކަމުގައި އެކުދިން ވެއްޖެނަމަ އެކުދިންގެ ހެޔޮދުޢާއިން އަހުރެމެންނަށް ފައިދާކުރާނެއެވެ. ސުވަރުގޭގެ މަތީދަރަޖަތަކަށް ވާޞިލްވެވުމުގެ ފުރުޞަތުވެސް އެބަ އޮތެވެ. އެހެންކަމަށްވާނަމަ ޝުކުރުވެރިވާންވީއެވެ.  

އެކުދިން ﷲ ތަޢާލާގެ މަގާއި ދުރަށް ޖެހިލީއެވެ. އެޙާލަތުގައި އޮތީ ކެތްތެރިވުމެވެ. އަޅުކަންކޮށް ދުޢާކުރުންމަތީގައި ކެތްތެރިވެލަންވީއެވެ. އެކަމާއި ކެތްނުކުރެވިގެން ތެޅި ފޮޅުމަކުން ކުރާނެ ފައިދާއެއް ނެތެވެ.  

ދެވަނަ މިޘާލެކެވެ. ތިބާ ދިރިއުޅެން މަސައްކަތްކުރަނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައެވެ. ނިޢުމަތްތައް އިތުރުކުރައްވަވައި ދެއްވަވަނީއެވެ. އެޙާލަތުގައި އޮތީ ޝުކުރުވެރިވުމެވެ. ހަމައެގޮތަށް މަސައްކަތުން ކުރިނުއަރަނީއެވެ. ދެއްވެވި ނިޢުމަތްވެސް އަނބުރާ ގެންދެވީއެވެ. އެޙާލަތުގައި އޮތީ ކެތްތެރިވެ ދުޢާކުރުމެވެ.  

ދުނިޔޭގެ ޙަޔާތާއިމެދު މިމޭރުމުން ވިސްނާނަމަ އެމީހަކަށް އޮތީ އުފާވެރިކަމެވެ. ޝުކުރުވެރިވުމުންވެސް ލިބޭނީ އުފާވެރިކަމެވެ. ކެތްތެރިވުމުންވެސް ލިބޭނީ އުފާވެރިކަމެވެ. ޝުކުރުވެރިވުމުންވެސް އަދި ކެތްތެރިވުމުންވެސް އެދެވެނީ ހަމަ  ސުވަރުގެއާއި ގާތްވެވެމުންނެވެ. އިން ޝާ ﷲ  

ދުނިޔޭގެ ދިރިއުޅުމުގައި ކަންކަން ކޮންމެ ގޮތަކަށް މިންވަރުކުރެއްވެވި ނަމަވެސް އަހުރެމެންނަށް އޮތީ ﷲ ތަޢާލާ މަގުގައި ޘާބިތުވުމެވެ. އެހެނީ އަހުރެމެން ދުނިޔެއަށް ފޮނުއްވެވުނީ މިދުނިޔެ ހޯދަން މަސައްކަތްކުރާކަށް ނޫނެވެ. އާޚިރަތް ހޯދަން މަސައްކަތްކުރުމަށެވެ. ނިޢުމަތް ދެއްވަވައިފިނަމަ ޝުކުރުވެރިވުމާއި ދަތި އުނދަގޫ ޙާލަތެއް ކުރިމަތިކުރައްވަވައިފިނަމަ ކެތްތެރިވުމުން މަސައްކަތް އެކުވެރެވެނީ ހަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދާށެވެ. ދެކަމުން ދެއްވަވާނީ ހަަމ ސުވަރުގެއެވެ. އިން ޝާ ﷲ  

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން