އަހުރެމެންގެ ދަރިން ހިނގަން ދަސްކުރަން އުޅޭއިރު ކިތައް ފަހަރަށް ވެއްޓޭހެއްޔެވެ؟ ހިނގައި ގަނެވެނީ ކިތައް ސަތޭކަފަހަރު ވެއްޓޭ ފަހުންހެއްޔެވެ؟ އަދި ބޮޑުވެ ތަޝައްރަފްފުދުމަށްފަހު އުޅެމުން މިދާއިރުވެސް ކިތައްފަހަރު، ކިތައް ތަނުން ވެއްޓިއްޖެހެއްޔެވެ؟
މިހުރިހާ ކަމަކުންވެސް އެނގިގެން މިދަނީ އަހުރެމެންނަކީ އަބަދުވެސް ވެއްޓޭނެ ބައަކު ކަމެވެ. ވެއްޓުމަކީ އަބަދުވެސް ކުރިމަތިވަމުން އަންނާނެ ކަމެއް ކަމެވެ. ވެއްޓުމުން އޮތީ ތެދުވެ ހިނގައިގަތުންކަމެވެ. ވެއްޓުމުން ދެން ނުތެދުވެވޭނެކަމަށް ބަލައިގެން ވެއްޓުނުތަނުގައި އޮތް މީހަކު ނަމަ ޖެހޭނީ އެތަނުގައި އޮވެގެން ނިމިދާންކަމެވެ.
އަހުރެމެންނަށް ފާފަކުރެވުންވެސް އޮތީ ހަމަ މިފަދައިންނެވެ. ފާފަކުރެވޭނެއެވެ. ވަކި ޢުމުރެއްގައެއް ނޫނެވެ. ހުރިހާ ޢުމުރެއްގައިވެސް ފާފަކުރެވޭނެއެވެ. އަހުރެމެންނަށް އޮތީ ތައުބާވެލައި އެކަމުން އަރައިގަނެވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބިގަތުމެވެ.
މިސާލަކަށް ތިބާ ހިނގާފައި ކުރިއަށްދަނީއެވެ. ފަހަތުން އައިސް ޝައިޠޯނާ ތިބާގެ ބުރަކަށީގައި އަތްއަޅައި ކޮއްޕާ ވައްޓައިލަނީއެވެ. ދެން ނުތެދުވެ އެތަނުގައި އޮންނާނީ ހެއްޔެވެ؟ އޮންނަންވީވެސް ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑެވެ. އިބިލީހަށް ވަޙީކުރެއްވެވީ ކަލޭ މީސްތަކުން ލައްވައި ކިތަންމެ ގިނަ ފާފަތަކެއް ކުރުވިނަމަވެސް އެމީހަކު ތައުބާވާއިރަށް ފާފަފުއްސަވައިދެއްވަވާހުށީމެވެ. އިބިލީހަށް ލިބޭ އެންމެ ބޮޑު މާޔޫސްކަމަކީވެސް މީހަކު ތައުބާވާއިރަށް އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެވެ.
މީސްތަކުންނޭވެ! ފާފައެއް ކުރެވިއްޖެނަމަ އެއިގެ ކުޑަބޮޑު ބަލައި މިންއަޅަން ނުއުޅޭށެވެ. ފާފައެއް ކުރެވުނުކަން އިޙްޞާޞްކުރެވުމާއިއެކު އަވަހަށް ތައުބާވާށެވެ! އެއިރުން އެމީހަކު ވާހުށީ ސުވަރުގޭގެ އުފާވެރިކަން ލިބިގެންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން