ހާސްވެ ކަންބޮޑުވުމުން ސަލާމަތް ނުވެވިގެން އުޅޭ ގިނަ ބައަކަށް ކުރިމަތިވާ މައްސަލަ ބުނަން ހެއްޔެވެ؟ އެމީހުން ފޮތްތައް ކިޔައެވެ. މައުލޫމާތު ހޯދައެވެ. ކަމާއިބެހޭ މާހިރުންގެ ލަފާވެސް ހޯދައެވެ. ނަމަވެސް ޢަމަލެއް ނުކުރެއެވެ.
ނިކަން ބުނެބަލާށެވެ! މީހަކު ޢިލްމު އުނގެނެނީއެވެ. އުނގެނެމުން ގޮސް ޕީއެޗްޑީވެސް ޙާޞިލުކުރަނީއެވެ. އެހނެނަސް ދަސްވި އެއްވެސް ޢިލްމެއްގެ ބޭނުން ނުކުރާނަމަ އެމީހަކަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ހިތްދަތިކަމެއް ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވުމުން ޙައްލުކުރަން ފިޔަވަޅެއް ނުއަޅައި މަޑުކުރަނީ މިއެޅެނީ އެންމެ ރަނގަޅު ފިޔަވަޅުކަމަށް އިތުބާރުނުކުރެވޭތީއެވެ. އެއްވެސް ކަމެއްގައި އެންމެ ރަނގަޅު ގޮތް އަހުރެމެންނަކަށް ނުއެނގޭނެއެވެ. އޮންނާނީ އެންމެ ރަނގަޅުވާނެ ގޮތް ކަމަށް އެމީހަކަށް ވިސްނޭ ގޮތަކަށް ކަންކަން ކުރުމެވެ.
ގިނަ ބައަކު އަޅަން ޖެހޭ ފިޔަވަޅު އަޅަނީ ހަތުރު އުދަރެސް ފެނުޖެހި މީހާއަށް ހިރިނުލެވޭނެ ވަރުވުމުންނެވެ. އަހުރެނެގެ ނަޞޭޙަތަކީ އެހައި ފަސް ނުކުރުމެވެ. ދެން ބަލައިލަންވީ ދީނުގައި އޮތް ގޮތަށެވެ. ދީނުގައި އޮތީ އެމީހަކަށް އަމިއްލައަށް ގޮތް ނިންމަން އުނދަގޫވާކަންކަމުގައި އިސްތިޚާރާ ކުރުމެވެ.
އިސްތިޚާރާ ކުރަން ބޭނުންވާނަމަވެސް ކުރަންކުރަން، ނުވަތަ އެކަމަށް ވިސްނަން މަޑުކުރަންވީއެއް ނޫނެވެ. އެކަންވެސް އަވަހަށް ކުރާށެވެ! ވަޤުތު ދާނީ ފާއިތުވަމުންނެވެ. އެއްވެސް ކަމެއް ޙައްލު ނުކުރެވި ލަސްވާނަމަ ފާއިތުވެގެންދާ ކޮންމެ ވަޤުތުކޮޅަކީވެސް އަނިޔާލިބުމުގައި ހާދަވެގެންދާ ވަޤުތެވެ. މިބުނަނީ ހިތަށާއި ސިކުނޑިއަށް އަނިޔާ ލިބޭނެ ވާހަކައެވެ.
އެންމެ ފަހު ބަހަކަށްވެސް ބުނެލަން ބޭނުންވަނީ އެންމެ މޮޅުވާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ. ވީމާ ދުޢާކުރާށެވެ. ގިނަގިނައިން ދުޢާކުރާނަމަ އެމީހަކަށް އުފާވެރިކަން މިންވަރު ކުރައްވަވާނެތެވެ. ހެޔޮ ގޮތްތައްވެސް ދައްކަވާނެތެވެ. އިން ޝާ ﷲ
- އަލަފް