އެންމެ ރަނގަޅު އަންތބަކު ކަމުގަ ވެވިގެން ސުވަރުގެ ވައްދަވާނެ އަންހެނަކަށްވެވޭނެ މަގު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެންމެ ރަނގަޅު އަންތބަކު ކަމުގަ ވެވިގެން ސުވަރުގެ ވައްދަވާނެ އަންހެނަކަށްވެވޭނެ މަގު- އިން ޝާ ﷲ

ކައިވެނީގެ ކުރިން ބައެއް ކުދިކުދި ފާފަކުރެވިފައި ހުރެދާނެއެވެ. މިޘާލަކަށް ބުނާނަމަ ލޯބިވެރިޔާއަށް ކަމަށްވީނަމަވެސް ހުއްދަ ނޫން މިންވަރަށް ބެލުމަކީވެސް ފާފައެކެވެ. ވީމާ މިފަދަ ޒަމާނެއްގައި ކައިވެނީގެ ކުރިން މިބުނި ފަދައިން އެމިންވަރަށް ނަމަވެސް ފާފަތަކެއް ކުރެވިފައި ހުރެދާނެއެވެ. 

ކައިވެންޏަށްފަހު ކޮންމެ އަންހެނަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެންމެ ރަނގަޅު އަންހެނަކު ކަމުގައި ވުމަށެވެ. ނުވަތަ އެންމެ ރަނގަޅު އަންތބަކު ކަމުގައި ވުމަށެވެ. އެމަތިވެރި ދަރަޖަ ޙާޞިލުކުރުމަކީ ޢަޒުމް ކަނޑައަޅައި ހިތްވަރުކޮށްލައިފިނަމަ އެއްވެސް އުނދަގޫކަމެއް ނޫނެވެ. 

ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ނުކުރުމެވެ. މިބުނަނީ ފިރިމީހާގެ ވާހަކައެއް ނޫނެވެ. ފިރިމީހާއަކީ ވެސް ހަމަ ތިބާފަދަ އިންސާނެކެވެ. ފިރިމީހާ ރުހޭހައި ކަމެއް ކުރަން ހަދައިގެން ފާފަވެރިވެސްވެދާނެއެވެ. ވީމާ ޢަޒުމް ކަނޑައަޅަންވީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. 

އެކަންކުރަންވީ ފިރިމީހާއަށްޓަކައެއް ނޫނެވެ. ތިމާއަށްޓަކައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ އަލަޅު ކަމުގައިވުމަށެވެ. އެއިރުން ދެންވާނެ ގޮތްވެސް ބުނެދޭނަމެވެ. ފިރިމީހާއަށްވެސް ކިޔަމަންތެރިވެވުނީއެވެ. އަދި ﷲ ތަޢާލާއަށްވެސް ކިޔަމަންތެރިވެވުނީއެވެ. 

އެއީ ކޮން ގޮތަކުންކަންވެސް ބުނެދޭނަމެވެ. ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއް ނުކުރުމަށެވެ. ތިމާއަށް އެހުރެވެނީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާ އެއްވެސް މީހަކަށް އެއްވެސް ފާފައެއް ނުކުރެވޭނެއެވެ. ވީމާ ތިބާއަށް ހުރެވޭނީ ފާފަކުރުމުން ސަލާމަތްވެވިގެންނެވެ. 

މިމަގުން ޢަމަލުކޮށްފި ކޮންމެ އަންތބަކުވެސް ވާނީ ﷲ ތަޢާލާގެ ޙަޟްރަތުގައިވެސް އަދި ހެޔޮލަފާ ކޮންމެ ފިރިއެއްގެ ކުރިމަތީގައިވެސް އެންމެ ރަނގަޅު އަންތބަކަށެވެ. އެއަންހެނަކަށް އަބަދުވެސް ދާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެމުންނެވެ. ޤިޔާމަތް ދުވަހު ވާހުށީ ސުވަރުގެ ވައްދަވާ އަޅަކު ކަމުގައެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން 

މިއަދު އޮންލައިން