ޙަޤީޤަތް ވިސްނުމުން ބަލިޙާލާ ދަތިޙާލުގަ އަބަދު އުޅެން ބޭނުންވި އެކުވެރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޙަޤީޤަތް ވިސްނުމުން ބަލިޙާލާ ދަތިޙާލުގަ އަބަދު އުޅެން ބޭނުންވި އެކުވެރިއެއްގެ ވާހަކަ-

އެކުވެރިއަކު ބަލިވެއުޅޭކަން އެނގުމުން ޙާލުބަލައިލަން ދިއައިމެވެ. ފުރަތަމަވެސް ކިޔަންފެށީ އޭނާކުރާ އަޅުކަމުގެ ލިސްޓެވެ. ފަރުޟުތައް ބަރާބަރަށް އަދާކުރެއެވެ. ތަހައްޖުދު ނަމާދާއި ޟުޙާނަމާދުވެސް ހިމެނޭ ގޮތުން ސުންނަތް އަޅުކަންކުރެއެވެ. ތެދުވެރިއެވެ. އަޚްލާޤް ރަނގަޅެވެ. އަނބިދަރިންނަށް ހެޔޮކޮށް ހިތައެވެ.

ދެން ކިޔައިދިނީ އޭނާއަށް ކުރިމަތިވެފައިވާ މައްސަލަތަކެވެ. ވަރަށް ގިނައިން ބަލިވެއެވެ. އެހެންވެ އަބަދުވެސް އުޅެންޖެހެނީ ވަޒީފާ ގެއްލޭތީ ވަޒީފާއެއް ހޯދާށެވެ. ދަތިޙާލުގައި އުޅެންޖެހޭތީ އަނބިމީހާ ހުންނަނީ ރުޅިއައިސް ރަތަށްއަރައިފައެވެ. 

ސުވާލަކަށްވީ އަހުރެން މިހާރަނގަޅަށް އުޅޭއިރުވެސް މިހުރިހާ ހިތްދަތިކަމެއް މިލިބެނީ ކީއްވެގެންހެއްޔެވެ؟ 

ޖަވާބުގައި އަހުރެން ބުނީމެވެ! އެކުވެރިޔާއެވެ! ސަބަބެއް ކަމަށް ޤަބޫލުކުރެވެނީ އެކުވެރިޔާކުރާ އަޅުކަމާއި އެކުވެރިޔާގެ ހުރި ރަނގަޅު ކަމެވެ. 

އެހެންބުނާއިރަށް އެކުވެރިޔާ ދިއައީ ފުންމައިގެންނެވެ. ސުވާލުކުރިއެވެ. "ﷲ އެންގެވިގޮތަށް އުޅެން މަސައްކަތްކުރުމަކީ މިހުރިހާ މުޞީބާތްތައް ކުރިމަތިވާންޖެހޭ ކަމެއް ހެއްޔެވެ؟ 

ޖަވާބުގައި އަހުރެންބުނީ "އާނއެކެވެ!" އާނއެކެވެ! ބުނުމުން އަހުރެންގެ މޫނަށް ބަލަހައްޓައިގެން އެކުވެރިޔާ އޮންނަން ފެށުމުން އެކުވެރިޔާއަށް ހަނދާންކޮށްލައިދިނީމެވެ. 

"އެކުވެރިޔާއެވެ! މީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންފިނަމަ އެމީހަކަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ބޮޑެތިވެފައި ވަރުގަދަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތްކަން އެކުވެރިޔާ ހަނދުމަނެތީހެއްޔެވެ؟" 

އެކުވެރިޔާ ހިނިތުންވެލިއެވެ! މޫނުގަ ހިއްލާފައިހުރި އޮއްދައުތައްވެސް ހިނދިގެންހިނގައްޖެއެވެ. އެކުވެރިޔާއަށް ބުނެވުނެވެ. "ތިއަކަން އެނގެއެވެ. އެކަމަކު ނުވިސްނުނީއެވެ. މިހާރު އެއްވެސް ޝަކުވާއެއް ނެތެވެ. ރަނގަޅީވެސް ހިތްދަތިކަން ލިބި ދަތިޙާލުގައި އުޅެންޖެހުނުވަރެކެވެ. ހަމަ ޙަޤީޤަތުގައިވެސް އަހުރެންނަކީ ﷲ ރުހިވޮޑިގަންނަވާ އަޅެއްކަމުގެ އުންމީދު މިހާރު ވަރަށް ބޮޑަށް ލިބިއްޖެއެވެ." 

ކަންތައް މެދުވެރިވީ ގޮތްވެސް ކިޔައިދޭނަމެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ބަލި ފަސޭހަވިއެވެ. ރަނގަޅު ވަޒީފާއެއް ލިބި ކުރިން ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު މުސާރައެއްވެސް ލިބެން ފެށިއެވެ. ބޭނުންތައް ފުދިގެން އުފަލުގައި ދިރިއުޅެން ފެށުނެވެ.    

މިހުންނަނީ އަހުރެމެން ޢިބްރަތް ޙާޞިލްކުރަންޖެހޭ ފިލާވަޅުތަކެވެ. ކޮންމެ ހިތްދަތިކަމާއިއެކުގައި އުފާވެރިކަމެއްވާނެކަން އެއީ ޤުރްއާނުން ޔަޤީންވާ ކަމެކެވެ. ކޮންމެ ޙާލެއް ކުރިމަތިވިނަމަވެސް އެކަން ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން