ދުޢާކުރުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކެއްވެއެވެ. ހަމަތަކަކާއި އުޞޫލުތަކެއްވެއެވެ.
މިސާލަކަށް ރިޒުޤު ދެއްވެވުން ނުވަތަ ތަނަވަސްކަން ދެއްވެވުން އެދިގެން ދުޢާކުރާއިރު ދުނިޔޭގެ އެންމެ ތަނަވަސްމީހާ ކަމުގައިވުމަށް އެދިގެން ދުޢާކުރުމެއް ނެތެވެ. އޮތީ ރިޒްޤް ދެއްވެވުމަށް އެދުމެވެ. ރިޒްޤް ތަނަވަސްކޮށް ދެއްވެވުމަށް އެދުމުގެ މާނައަކީ ހިތްފުރި އިތުރުވާވަރަށް ދެއްވެވުން އެދުމެއް ނޫނެވެ. ރިޒުޤް ލިބޭނެ މަގު ފަހިކޮށްދެއްވެވުން އެދުމެވެ.
އެހެނަސް ޢިލްމުދެއްވެވުން އެދިގެން ދުޢާއިރު ދުޢާކުރަންވީ ގޮތް ތަފާތެވެ. ދުޢާކުރަންވީ ވީހައި ގިނަ ޢިލްމް ދެއްވެވުމަށެވެ. މާނައަކީ އެޢިލްމަކުން މީހާއަށް އާޚިރަތް ދުވަހު ފައިދާކުރާނެ ޢިލްމް ވީހާ ގިނައިން ދެއްވެވުމަށް އެދުމެވެ.
ސަބަބަކީ މީހަކަށް އާޚިރަތް ދުވަހު ފައިދާކުރާނެ ޢިލްމު ލިބި އެމީހަކު އެއަށް ޢަމަލުކުރާ ވަރަކަށް އެމީހަކު ދާނީ ﷲ ތަޢަލާ އާއި އިތުރަށް ކުއްތަންވަމުންނެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. ގިނަ ޢިލްމް ލިބޭ ވަރަކަށް ދަރަޖަ މަތިކުރަން މަސައްކަތްކުރުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. އޮތީ އެމީހަކަށް މައްޗަށް އަރަން މަސައްކަތްކުރަން ކެރުނު ވަރެވެ.
رَّبِّ زِدْنِي عِلْمًا
"އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!"
(ޠާހާ: 114)
ވީމާ ޢިލްމު ދެއްވެވުން އެދި ދުޢާކުރާއިރު ހިތަށް ގެނެސް، އެދި ދަންނަވަންވީ އެއްވެސް އިމެއް ނެތި އެންމެ ގިނަ ޢިލްމު ދެއްވެވުމަށެވެ! ޤުރްއާނުގައި ބަޔާންވެގްންވާ ގޮތަށް ދުޢާކުރެވުނުކަމަށްވާނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން