ކަމެއް ކުރަން ފެށުމުގެ ކުރިން ވިސްނާލަން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކަމެއް ކުރަން ފެށުމުގެ ކުރިން ވިސްނާލަން މުހިންމު ބައެއް ކަންކަން-

ކަމެއް ކުރަން ނިންމަންވާނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހުގައެވެ. ކުރަން ނިންމައި އެކަމެއް ކުރަން ފެށުމަށްފަހު އެކަމަކުން ނުކުންނަ ނަތީޖާގެ ޒިންމާ އުފުލަން ކެރެންޖެހޭނެއެވެ. އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވައި ރެކެން މަސައްކަތްކޮށްގެން ނުވާނެއެވެ. 

އެއްފަހަރާ ގިނަ ކަންކަން ކުރަން މަސައްކަތްނުކުރާށެވެ. އެއިރުން ދޭންޖެހޭ ސަމާލުކަން އޮންނާނީ ނުދެވިފައެވެ. ސިކުނޑިން ދޭންޖެހޭ ސަމާލުކަންވެސް ޢަމަލުން ދޭންޖެހޭ ސަމާލުކަންވެސް ކޮންމެ މީހަކަށްވެސް ދެވޭނީ ވަކިވަރަކަށެވެ. އެކަން ބައިބައިކޮށްލުމުން ފުރިހަމައަކަށް ކަންކަމެއް ނުކުރެވޭނެއެވެ. ވެގެންދާނީ 1 ރާތަލުގެ ކޭކެއް ފޮތިފޮތިކޮށްލައިގެން 30 މީހުން ކާންއުޅުނީމާ ވާނެގޮތެވެ! ބަނޑު ނުފުރޭތަނުގައި ރަނގަޅަށް ރަހަވެސް ނުލާނެއެވެ. 

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ކުރިމަތިވަނީ އެ މައްސަލައެވެ. ވިޔަފާރިއެއްގައި ތަންކޮޅެއް ކުރިއަށް ޖެހިލެވޭއިރަށް އެއް ފިހާރަ ނުބެލެހެއްޓޭ މީހާ 10 ފިހާރަ ހުޅުވަން ބޭނުންވެއެވެ. ތަފާތު އެތައް ވިޔަފާރިތަކެއް ފަށަން ބޭނުންވެއެވެ. ނަތީޖާއަކަށް ކިރިޔާވެސް ކުރިއެރުމެއް ލިބެމުން އައި ވިޔަފާރިވެސް ބަނގުރޫޓުވުމެވެ. ނެގި ލޯނުތައް އަދާނުކުރެވިގެން އަތުގައި ހުރި ހަރު މުދައުކޮޅުވެސް ވިއްކަން ޖެހުމެވެ. 

އެހިސާބުން އިތުރު ކަންކަން ކުރަން ހިތްވަރުދިން މީހުން ކުށްވެރިކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެމީހުންގެ ކިބައިން އެހީތެރިކަމަކަށް އެދުނަސް އެންމެ ރިޔާލައެއްވެސް ނުދޭނެއެވެ. އެއީ ކަލޭ ބަނގުރޫޓުވެފައި ހުރީމައެވެ. އަނބުރާ ނުލިބިދާނެ ކަމުގެ ބިރަށެވެ. 

އަދިވެސް ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ކަލެއަކީ ފައިވާނުގެ ވިޔަފާރީގައި ވަރަށް ކާމިޔާބު މީހަކަށްވެދާނެއެވެ. އެކުވެރި ޒަމީރަކީ ފޭރާމުގެ ވިޔަފާރީގައި ވަރަށް ކުރިއަރާފައިވާ މީހަކަށްވެސް ވެދާނެއެވެ. ދެމީހުންވެސް ވިސްނަންވީ އަނެކަކު އޭނާގެ ވިޔަފާރީގައި ކުރިއަރާފައިވުމަކީ ތިމާއަށް އޭނާގެ ވިޔަފާރީގައި ކުރިއަރައިގެން ދެވިދާނެ މީހެއް ކަމަށް ނުވެވިދާނެކަމެވެ.  

މިބަޔާންކުރި ކަންކަމަކީ ވިޔަފާރީގެ ދާއިރާއިން ކިޔަވައިގެންތިބި އެންމެން ޤަބޫލުކުރާ ކަންކަމެވެ. އަދި ތަޖުރިބާކާރުންވެސް ޤަބޫލުކުރާ ކަންކަމެވެ. ވީމާ ކަންކަން ކުރަން މަސައްކަތްކުރާއިރު މިބަޔާންކުރި ކަންކަމަށް އިތުރަށް ވިސްނައިލުން ބުއްދިވެރިއެވެ. 

- އަލަފް  

މިއަދު އޮންލައިން