މިހާރަކަށް އައިސް ދީނުގެ އިންތަކަށް ޢަމަލުކުރާނަމަ އެއީ ކަޓް މީހެއްކަމަށް އެބަ ބުނެއެވެ. އަޅުގަނދަކީވެސް އެފަދަ ގޮތެއް މެދުވެރިވެގެން އުޅޭ އަންހެނެކެވެ. އަޅުގަނޑަކީ 25 އަހަރުގެ އަންހެނަކީމެވެ. 2 މީހުންނާއި ކައިވެނިކުރަން މަސައްކަތްކުރެވިއްޖެއެވެ. ކޮންމެ މީހަކުވެސް ވަކިވަނީ ކައިވެނިކޮށްގެން ކުރުން ހުއްދަވާ ކަންކަން ކައިވެނީގެ ކުރިން ކުރަން އެއްބަސް ނުވާތީއެވެ.
މީގެ މާނައަކީ އަޅުގަނޑު އެގޮތަށް ރުހެންވީތޯއެވެ؟
ސުވާލު ކުރެއްވި ކިޔުންތެރިޔާއެވެ! ނަމަ ނަމަ ނުރުހޭށެވެ! ޘާބިތުވެލާށެވެ! ތިއަ ދެމީހުންކުރެ މީހަކާއި ކައިވެނިނުކުރެވުނީތީ އޮތީ ކަންބޮޑުވުމެއް ނޫނެވެ. އުފާކުރުމެވެ. އެއީ އެމީހުންގެ ހިތުގައި ﷲ އަށް ލޯތްބެއް ނެތުމުންނެވެ. އެފަދަ މީހަކާއި ކައިވެނިކުރެވިއްޖެނަމަ ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ.
ދުޢާކުރުންމަތީގައި ދެމިހުންނާށެވެ! މާރަނގަޅު ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ. އަދި ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލްކުރާށެވެ!
އެއީ މާކުރިއެއް ނޫނެވެ. މީގެ ވިހިވަރަކަށް އަހަރު ކުރިއެވެ. އަހަރެންނަށް ލޯބިވެވިގެން އުޅެވުނު މީހާ ބޭނުންވީ ކައިވެނީގެ ކުރިން ރިޒޯޓުގައި ރޭކުރާގޮތަށް އަހަރެން ރިޒޯޓަކަށް ގެންދާށެވެ. މަންމަ ނުވަތަ ދައްތަ އާއިވެސް އެކުގައި ނޫނީ ނުދާނަން ކަމަށް ބުނުމުން އަހަރެން ކަޓް އަންހެނަކަށް ހަދާފައި އަހަރެން ދޫކޮށްލީއެވެ.
އަހަރެން ރިޒޯޓަށް އެކަނި ނުދާނެކަމަށް ބުނީ އޭނާގެ ނިޔަތް އަހަރެންނަށް އެނގޭތީއެވެ. އެކިފަހަރުމަތިން އެކަހެރިކޮށް މިނިވަންކަމާއިއެކު ބައްދަލުކުރަން އޭނާ މަސައްކަތްކޮށްފައިވާތީއެވެ. އެހެންވެ ކަޓު މީހަކަށްވެގެން އަހަރެން ދޫކޮށްލުމަކުން ކަންބޮޑެއްވެސް ނުވަމެވެ. މަންމަ އަހަރެން ތަރުބިއްޔަތުކޮށްފައި ހުރީ އެހައި ފަސޭހައިން މާޔޫސްކޮށްލެވޭނެ ގޮތަކަށް ނޫނެވެ.
ކޮންމެއަކަސް އެހިސާބުން އޭނާ އެބުނި އަހަރެންގެ ކަޓުކަންވީ ކުރިއަށްވުރެ އިތުރެވެ. އެއީ ބޭރަށް ދިއުން މަދުކޮށް ކިޔަވަން ކްލާހެއްގައި ބައިވެރިވެ އިތުރަށް ކިޔަވަންފެށީއެވެ. އެދުވަސްވަރު މަންމަ ދެއްކި މީހަކާ ކައިވެނިވެސް ކުރީއެވެ. ލޯބިވެގެނެއްވެސް ނުއުޅެމެވެ.
ފިރިމީހާއަކީ ކުޑަ ފިހާރައެއް ހިންގާ ވަރަށް އާދައިގެ ވިޔަފާރިވެރިއެކެވެ. އެއްރޭ ނިދަން އޮވެފައި ބުނީ ރިޒޯޓެއް ލިބޭތޯ މަސައްކަތްކުރާކަމަށެވެ. އަތުގައި އެހައި ފައިސާ ނެތި ރިޒޯޓެއް ލިބެނީ ކިހިނެއްތޯ ސުވާލުކުރުމުން ބުނީ ސަރުކާރުން ޕިންޕޮންގ ބޯޅަ ހޮވައިގެން ނަޞީބު ދިމާވާ މީހުންނަށް ރަށްތަކެއް ދޫކުރަން އުޅޭކަމަށާއި ރަށެއް ލިބިއްޖެ ނަމަ އިންވެސްޓަރަކު ހޯދާނީ ކަމަށެވެ.
އެކަމުގައި ދެމަފިރިންވެސް ބައިވެރިވީއެވެ. އަހަރެންނަށް ރަށެއް ލިބުނެވެ. ފިރިމީހާއަކަށް ނުލިބުނެވެ. ފިރިމީހާގެ މަސައްކަތުން އިންވެސްޓަރަކު ހޯދައިގެން އަހަރެންގެވެސް ހިއްޞާ އޮންނަ ގޮތަށް ރިޒޯޓު ތަރައްޤީކުރީއެވެ. އަދިވެސް އެކަން ހަމައެގޮތަށް ދެމިއެބައޮތެވެ. އެހިއްޞާއިން ބައެއް ހޯދަން ފިރިމީހާއެއް ނުއުޅެއެވެ. އޭނާ ބުނީ އަހަރެންގެ ތަނަވަސްކަމަކީ އޭނާގެވެސް ތަނަވަސްކަންކަމަށެވެ.
މިއަދުނޫހުގައި ލިޔާ ޙަޤީޤީ ޙާދިސާގެ ވާހަކަތައް އަހަރެންވެސް ކިޔަމެވެ. އަހަރެންގެ ވާހަކަވެސް ހިއްޞާކޮށްލީއެވެ. ބުނެލަން ބޭނުންވަނީ އަހަރެން އެމީހަކުދެކެ ލޯބިވެގެން އުޅުނު މީހާ އަހަރެން ރިޒޯޓަކަށް ގެންދަން އުޅުނީ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އަހަރެންގެ ހިއްޞާވާ ރިޒޯޓުގައި އަހަރެންނަށް ޚާއްޞަ ވިލާއެއް ހުރެއެވެ. ދާން ބޭނުންވި އިރަކު ދެވޭނެ ގޮތަށް ދަތުރުވެސް ހަމަޖެއްސެއެވެ.
މުހިންމު ނުކުތާއަކީ ކިތަންމެ ލޯބިވީނަމަވެސް ޢިއްފަތްތެރިކަން ގެއްލިދާނެ ކަމެއް ނުކުރުމަށް އިލްތިމާސްކުރުމެވެ. އެއިރުން ދެއްވަވާނެ ނިޢްމަތް މާބޮޑުވާނެކަމަށް ބުނުމެވެ. ﷲ ނިޢްމަތް ދެއްވަވާނެ ގޮތެއް ނުއެނގޭނެއެވެ. ޔަޤީންކަމަކީ ނިޢްމަތް ދެއްވަވާނެ ކަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް