ބިރުވެތިވާންވީ ﷲ ތަޢާލާއަށް ބިރުވެތިވާންވީ ކޮންކަމަކަށް؟: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބިރުވެތިވާންވީ ﷲ ތަޢާލާއަށް ބިރުވެތިވާންވީ ކޮންކަމަކަށް؟: ބިލާލް އައްސަދު

ﷲ ތަޢާލާއަށް ބިރުވެތިވުންކަމުގައި ގިނަ ބައަކު މާނަކުރަނީ ﷲ ތަޢާލާގެ ކޯފާއަށް ނުވަތަ ޢަޛާބަށް ބިރުވެތިވުމެވެ. ނަމަވެސް އަހުރެން ބުނާނީ އެންމެ ބޮޑަށް ބިރުވެތިވާންވީ ޢަޛާބަށް ނޫން ކަމަށެވެ. އަދި އެންމެ ބޮޑަށް ކަންބޮޑުވާންވީވެސް ބިރުވެތިވާންވީވެސް ތިމާއާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެތީ ކަމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެތީ ކަމަށެވެ. 

ވިސްނައިލާށެވެ! ﷲ ތަޢާލާ ތިބާ ދޫކޮށްލައްވަވައިފިނަމަ ތިބާއަށް އެހީތެރިވެދޭނީ ކާކުހެއްޔެވެ؟ 

އަދިވެސް ވިސްނައިލާށެވެ! ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަން ޖެހޭ ގުޅުން އޮތްނަމަ، ނުވަތަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިބާއަށް ލިބިފައިވާނަމަ ތިބާއަށް ޢަޛާބު ލިބެންވީ ކީއްވެގެންހެއްޔެވެ؟ ނުލިބޭނެއެވެ. އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ 

ތިބާ ކޮންމެތަނެއްގައި ވީނަމަވެސް އަދި ކޮންމެ ކުރިނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވާން އޮންނަނީ އެހެންވެގެންނެވެ. ބިރުވެތިނުވެހުރެ ކުރާ ޢަމަލަކުން ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެތީއެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅަކަށް ތިބާވެގެން ހިނގައިދާނެތީއެވެ. 

ޖުމުލަކޮށްލާފައިވެސް ބުނަން އޮތީ ބިރުވެތިވާންވީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެތީއެވެ. އެގުޅުން އޮތްނަމަ ތިބާއަށް ހުރެވޭނީ ސަލާމަތުންނެވެ. ތިބާގެ އާޚިރު މަންޒިލަކަށްވާނީ ސުވަރުގެއެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން 

މިއަދު އޮންލައިން