އަތުގަ ސްމާޓް ފޯނެއް އޮތް ކޮންމެ ޒުވާނަކަށްވެސް ފުރުޞަތު އެބައޮތް! ޒުވާން ޞަޙާބީ، ޚާލިދު ބިން ވަލީދު ފަދަ ޒުވާނަކަށްވެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
އަތުގަ ސްމާޓް ފޯނެއް އޮތް ކޮންމެ ޒުވާނަކަށްވެސް ފުރުޞަތު އެބައޮތް! ޒުވާން ޞަޙާބީ، ޚާލިދު ބިން ވަލީދު ފަދަ ޒުވާނަކަށްވެބަލަ!

ޚާލިދު ބިން ވަލީދު އިސްލާމްވެވަޑައިގަތުމަށްފަހު މަސައްކަތްކުރެއްވީ އިސްލާމްދީން މަތިވެރިކުރެއްވެވުމަށެވެ. އިސްލާމް ދީނަށް ނަޞްރު ދެއްވެވުމަށެވެ. ޚާލިދު ބިން ވަލީދު ހަނގުރާމަކުރެއްވެވީ ކަނޑިއާއި އެއިރުގެ ހަތިޔާރުންނެވެ. އަވަހާރަވިއިރު ޒަޚަމެއްގެ ލަކުނު ނެތް ތަންކޮޅެއް މުޅި ހަށިކޮޅުގައިވެސް ހުރި ކަމަކަށް ނުވިއެވެ. މާނައަކީ މުޅި ހަށިކޮޅުގައި ވަނީ ލަކުނުތަކެވެ. 

މިއަދުގެ ޒުވާނުން ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭން ހަނގުރާމަކުރަން ހަނގުރާމައިގެ މައިދާނަށް ނުކުންނާކަށް ނުޖެހެއެވެ. ކަނޑި ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ސްމާޓް ފޯނެކެވެ. ދެން ބޭނުންވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. ﷲ އަށް "ނަމްބަރު ވަން" ދީގެން ﷲ ގެ ދީން މަތިވެރިކުރަން މަސައްކަތްކުރުމެވެ. 

އެމީހަކަށް އެނގޭ ހެޔޮ ބަސްތައް ބުނެވިދާނެއެވެ. ޝައިޚުންގެ ބަސްފުޅުތައް ފެތުރިދާނެއެވެ. ހެޔޮ ކަންކަމަށް އެކުވެރިންނަށް ދަޢުވަތުދެވިދާނެއެވެ. މިހެން ގޮސް އެތައް ގޮތަކުން ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމަށް މިއަދު މިވަނީ މަގުފަހިވެފައެވެ. ވީމާ ސްމާޓްފޯނެއް އަތުގައި އޮތްނަމަ އެއިގެ ބޭނުންކުރަންވީ ނަރަކައަށް ވަންނަން ޖެހިދާނެ ޢަމަލުތައް ކުރާކަށް ނޫނެވެ. މިބުނި ފަދައިން ހެޔޮ ޢަމަލުތައް ކުރުމަށެވެ. ސުވަރުގެ ވައްދަވާނެ ވަސީލަތަކަށެވެ. 

ދެން މިކިޔައިދެނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ، މުޙައްމަދު ރަސޫލް ގެ ހަށިކޮޅަށް ގެއްލުންދިންކަން އަހަރެންނަށް އެނގެން އޮތް ހަމައެކަނި ކަނޑި ﷲ ތަޢާލާގެ ކަނޑިކޮޅަށް ބަދަލުވެ އިސްލާމް ދީނަށް ހަމައެކަނޑިކޮޅުން ދިން ނަޞރުގެތަކުގެ ވަރަށް ކުޑަކުދަ ވާހަކައެވެ.   

އެއިރު ރަސޫލް ދުނިޔެ ދޫކުރައްވަވައި ސުވަރުގެވަޑައިގެންފިއެވެ. މުސްލިމުންގެ ޚލިފާކަމުގައި ހުންނެވީ އަބޫބަކުރުގެފާނެވެ. އަބޫބަކުރުގެފާނުގެ ވެރިކަމުގައި ހަނގުރާމައަކަށް ޚާލިދު ބިން ވަލީދު ފޮނުއްވަވަންވެގެން އަރިއަހުގައި ގެންދަވާނީ ކިތައް ހަނގުރާމަވެރިންތޯ ސުވާލުކުރެއްވެވުމުން ވިދާޅުވީ ބޭނުންފުޅުވަނީ އެންމެ 500 ހަނގުރާމަވެރިންކަމަށެވެ. 

"އިދިކޮޅު ލަޝްކަރުގައި 100،000 ހަނގުރާމަވެރިން އެބަތިބި" ކަމަށް އަބޫބަކުރުގެފާނު ވިދާޅުވުމުން ޚާލިދުގެފާނު ވިދާޅުވީ އެހެންވީއިރު އިތުރު 500 (ޖުމުލަ 1000) ހަނގުރާމަވެރިން ދެއްވަވާށެވެ! 

އަދި ވދާޅުވިއެވެ. "ތިއަ ލަޝްކަރު ކިތަންމެ ބޮޑުނަމަވެސް އެމީހުންގެ ހިތްތަކުގައި އަމިއްލައެދުން ނޫން އެއްވެސް އެއްޗެއް ނުއޮންނާނެއެވެ. މުސްލިމުންގެ ތެރެއިން 10 ހަނގުރާމަވެރިން ގޮވައިގެން ވަޑައިގެންނެވިނަމަވެސް އެ ލަޝްކަރު (އިން ޝާ ﷲ) ބަލިކުރެއްވެވޭނެއެވެ. 

ކަންވީވެސް އެހެންނެވެ. 1000 ފަހުލަވާނުން ގޮވައިގެން ވަޑައިގެންނެވި ޚާލިދުގެފާނު އެނބުރިވަޑައިގަތީ 100،000- ހަނގުރާމަވެރިންގެ ލަޝްކަރު ބަލިކުރައްވަވައިފައެވެ. 

ޚާލިދުގެފާނަކީ އެއިރު ވަރަށް ޒުވާން ޞަޙާބީއެކެވެ. ނަމަވެސް އަވަދިނެތި ކުރެއްވެވި ކަމަކީ އިސްލާމް ދީނަށް ނަޞްރު ދެއްވެވުމެވެ. މިއަދުގެ ޒުވާނުންތައް މިފެންނަނީ މަގުމަތީގައި ބިއްޖެހިފައިތިބޭތަނެވެ. 

ލޮބުވެތި ޒުވާނުންގެ ކިބައިން އަހަރެން ކުރާ އާދޭހަކީ ތިއައިން ކޮންމެ ޒުވާނަކީ ވެސް އެންމެ ކުޑަމިނުން އަމިއްލަ ނަފުސަށް ޙަޤީޤީ ފައިދާކުރާނެ ކަންކަންކުރާނެ ބައަކު ކަމުގައިވުމަށެވެ. އަމިއްލަ ނަފުސަށް ގެއްލުންދީ ހަލާކުކުރާ ބައަކުކަމުގައު ނުވުމަށެވެ. އެއިރުން ހަމަ ޚާލިދުގެފާނާއި އެކަލޭގެފާނުގެ ލަޝްކަރު ފަދައިން ކޮންމެ ޒުވާނަކަށްވެސް 99 ކާފިރުންގެ މައްޗަށް ނަޞްރުހޯދޭނެ ވަރުގެ ހިތްވަރުގަދަ ފަހުލަވާނުންނަށް ވެވޭނެއެވެ. ދުނިޔެއިން ތިއަ ބޭނުންވާ އުފާތައްވެސް ޙާޞިލުކުރެވިގެންދާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން