މައިންބަފައިންނަށް ނުކިޔަމަންތެރިވުން: ޤިޔާމަތް ދުވަހަށް ޢަޛާބް ފަސްނުކުރައްވަވައި ދުނިޔޭގައިވެސް ޢަޛާބު ދެއްވަވާ 3 ފާފައިން 1 ފާފަ!

ކިޔުމަށް ހޭދަވާނީ 6މ 13ސ
މައިންބަފައިންނަށް ނުކިޔަމަންތެރިވުން: ޤިޔާމަތް ދުވަހަށް ޢަޛާބް ފަސްނުކުރައްވަވައި ދުނިޔޭގައިވެސް ޢަޛާބު ދެއްވަވާ  3 ފާފައިން 1 ފާފަ!

- ޢާއިޝަތު ރަފާޙް ޢަލީ

 

މައިންބަފައިންނަކީ ދަރީން ދުނިޔެއަށް އައުމުގެ އަޞްލެވެ. އެހެންކަމުން ދަރީން މައިންބަފައިންނަށް އިޙްތިރާމް ކުރަން ޖެހޭނެއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވާ އަދި އިޙްތިރާމް ނުކުރާ ދަރިއެއް ނަމަ އަވައްޓެރިންނަށްވެސް އަދި މުޖުތަމަޢަކަށްވެސް އިޙްތިރާމެއް ނުކުރާނެއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވެ އިހާނެތިކޮށް ހިތުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެމީހަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ލަޢްނަތް ލިބިގެން ދާނެއެވެ. އަދި ދުނިޔޭގައިވެސް އެކަމުގެ ޢަޛާބު އެމީހަކަށް ލިބިގެންދާނެއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ސަބަބުން އެމީހަކަށް ނަރަކައަށް ވަނުމުގެ ސަބަބަކަށް ވެގެންދެއެވެ.   

ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾‏ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾‏

މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24) 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

عَنْ نفيع بن الحارث عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كُلُّ ذُنُوبٍ يُؤَخِّرُ اللَّهُ مِنْهَا مَا شَاءَ إِلَى يَوْمِ الْقِيَامَةِ إِلا الْبَغْيَ وَعُقُوقَ الْوَالِدَيْنِ أَوْ قَطِيعَةَ الرَّحِمِ يُعَجِّلُ لِصَاحِبِهَا فِي الدُّنْيَا قَبْلَ الْمَوْت

ހުރިހާ ފާފަތަކުގެ ތެރެއިން ﷲ އިރާދަކުރައްވާ ފާފަތަކަކަށް، އެފާފަތަކުގެ ޢަޛާބުނުދެއްވައި ޤިޔާމަތްދުވަހާއި ހަމައަށް ލަސްކުރައްވައެވެ. އެއީ ޚިޔާނާތްތެރިވުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ރަޙިމުގެ ގުޅުން ކެނޑުމެވެ. މި ފާފަތައް ކުރާ މީހަކު އޭނާ މަރުވުމުގެ ކުރިން ދުނިޔޭގައި އޭނާއަށް ޢަޛާބު އަވަސްކުރައްވައެވެ. 

މައިންބަފައިންނަށް ނުކިޔަމަންތެރިވުމަށް ދަރީންނަށް ކުރެވޭ ކަންކަން

·       މައިންބަފައިން ހިތުގައި ޖައްސާ ފަދަ ކަމެއް ކުރުން

·       އަޑު އުފުލައިގެން އެމީހުންނަށް ފާޑުކިޔުން

·       އެމީހުންނަށް ހަރުކަށިވުން

·       އެމީހުންގެ އަމުރުތަކަށް ނުކިޔަމަންތެރިވުން

·       އެމީހުންގެ ކުރިމަތީގައި މޫނު ކުނިކޮށް، މައިންބަފައިންނަށް ރުޅިވެރިކަމާއެކު ބަލާލާފައި ނަފްރަތާއި ފުރައްސާރައާއެކު ބެލުން

·       މީހުންގެ ކުރިމަތީގައި މައިންބަފައިންނަށް ބަދުބަސް ބުނުމާއި، އެމީހުންގެ ކުށްތައް ފާހަގަކުރުން

·       މައިންބަފައިންގެ ކުރިމަތީގައި ނުބައި ޢަމަލުކުރުމާއި، މައިންބަފައިންގެ ބަދުނާމުކުރުމާއި، މީހުންގެ ކުރިމަތީގައި އެމީހުން ލަދުވެތިކުރުން

·       މައިންބަފައިންނަށް އެހީނުވުން

·       މައިންބަފައިންގެ ގައިގައި ތަޅާ އަނިޔާކުރުން

·       މައިންބަފައިންނާ ވާހަކަނުދެއްކުން

·       މައިންބަފައިންނަށްވުރެ އެހެން މީހުންނަށް އިސްކަންދިނުން

·       މައިންބަފައިން ޙާލުގައި ޖެހޭ ދުވަހު ނުވަތަ މުސްކުޅިވާ ދުވަހުގައި އެމީހުން ދޫކޮށްލުމާއި އަޅާނުލުން

 

Hadith on Sins: Oppression, disobedience punished in this world (abuaminaelias.com)

 

މިއަދު އޮންލައިން