ކުޑަކުދިން ބަލަން ބޯޑިންގތަކާ ޙަވާލުކުރުމާ ޢުމުރުން ދުވަސްވުމުން ނުބަލައި ދޫކޮށްލުމަކީ ދީނުގަ ހުއްދަކުރާ ކަންކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކުޑަކުދިން ބަލަން ބޯޑިންގތަކާ ޙަވާލުކުރުމާ ޢުމުރުން ދުވަސްވުމުން ނުބަލައި ދޫކޮށްލުމަކީ ދީނުގަ ހުއްދަކުރާ ކަންކަމެއް ނޫން!

އިސްލާމީ އަޚްލާޤަކީ އެންމެ މަތިވެރި އަޚްލާޤް ކަމަށް މިއަދު މުޅި ދުނިޔެވެސް ޤަބޫލުކުރެއެވެ. އެކަމަސް އެއްބަސްވާން ބޭނުންނުވާ ބައަކު ތިބި ނަމަވެސް މިއީ އެކަން އޮތް ގޮތްކަމަށް ދުނިޔޭގެ އެންމެންވެސް ޤަބޫލުކުރެއެވެ. 

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުކުރައްވަވައި އަހުރެމެންނަށް އަޚްލާޤް ދަސްކޮށްދެއްވެވީ ﷲ ތަޢާލާއެވެ. ވީމާ އެއިގައި އެއްވެސް އުނިކަމެއް ނުވާނެއެވެ. ފެންނާނީ ފުރިހަމަކަމެވެ. އެންމެ ފުރިހަމަކަމެވެ. 

އިސްލާމީ ރިވެތި އަޚްލާޤްގެ ތެރެއިން އެންމެ ބޮޑަށް ގިނަ ބައަކު ފާހަގަކުރާ 2 ކަމެއް ބުނަން ހެއްޔެވެ؟ އެއީ ޢުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމް ކުރުމާއި ކުޑަކުދިންނަށް ރަޙުމްކުރުމެވެ. އަދި މި ދެކަންތަކަކީ އިސްލާމް ދީނުގައި ވާޖިބުކުރައްވަވާފައިވާ ދެކަމެވެ. ވީމާ އެއީ އިޚްތިޔާރީ ކަންކަމެއްވެސް ނޫނެވެ. 

ވީމާ އަހުރެމެންނަކީ ކުޑަކުދިން ބަލަން ބޯޑިންގތަކާއި ޙަވާލުކޮށްގެންވާނެ ބައެއް ނޫނެވެ. ބޯޑިންގަކަސް ލާން ޖެހޭނީ ޢިލްމް އުނގަންނައިދިނުން ފަދަ އެކުދިންނަށް ފައިދާކުރާނެ ކަމެއްގައެވެ. އެގޮތުންވެސް ޙަވާލުކުރަންވާނީ ދީނުގައިވާ މަގުން ތަރުބިއްޔަތުކުރާނެ ތަންތަނާއެވެ. ކުޑަކުދިންނަކީ އެކުދިން ބަލައި، ބަލަހައްޓައި ތަރުބިއްޔަތުކުރަންޖެހޭ ބައެކެވެ. އެކަން ކުރުމަކީ މައިންބަފައިން އަދާކުރަންޖެހޭ ޒިންމާއެކެވެ. 

މައިންބަފައިންގެ ޢުމުރުން ދުވަސްވުމުންވެސް އޮތީ ހަމައެގޮތެވެ. އެހެން ދީންތަކުގެ މީހުން ފަދައިން ޢުމުރުން ދުވަސްވުމުން އެމީހުން ބަލަހައްޓާ ތަންތަނާއި ޙަވާލުކުރުމެއް ނެތެވެ. އޮތީ އޯގާތެރިކޮށް ހިތުމެވެ. އަޅާލައި ލޯބިދިނުމެވެ. 

ޢުމުރުން ދުވަސްވުމުން ނުވަތަ ބަލިވުމުން ބަލަހައްޓާނެ މީހަކު ހޯދަންޖެހޭނީ ވަޒީފާއަދާކުރަންޖެހޭތީ ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ އަމިއްލައަށް އެކަން ނުކުރެވޭނެ ޝަރުޢީ ސަބަބުތަކެއް ނަމައެވެ. އަދި އެގޮތުން މީހަކު ބެހެއްޓިނަމަވެސް އަޅާލައި ލޯބިދީ ހަދަންޖެހޭނެއެވެ. އެންމެ ގާތުން ކަންކަން ބަލަން ޖެހޭނެއެވެ. 

މިދެ ވާޖިބު އަދާކުރުމަކީ އެކަމަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެ ކަމެކެވެ. ސުވަރުގޭގެ މަތީ ދަރަޖަތައް ދެއްވަވާނެ ދެކަމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން