ޒަވާޖީ ހަޔާތް އުފަލުގަ ތިރީސް އަހަރު ހޭދަކޮށްފައިވާ އަންހެނެއްގެ ދުލުން އެކަން ކާމިޔާބުކުރަން ދެމީހުން ޢަމަލުކުރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޒަވާޖީ ހަޔާތް އުފަލުގަ ތިރީސް އަހަރު ހޭދަކޮށްފައިވާ އަންހެނެއްގެ ދުލުން އެކަން ކާމިޔާބުކުރަން ދެމީހުން ޢަމަލުކުރި ގޮތުގެ ވާހަކަ-

އަހަރެމެން ދެމަފިރިންގެ ކައިވެންޏަށް މިވަނީ 30 އަހަރު ފުރިފައެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި 30 އަހަރު ހޭދަވީ ވަރަށް ކާމިޔާބުކަމާއެކުގައެވެ. ދެމީހުންގެ މެދުގައި ޙައްލުނުކުރެވޭވަރުގެ މައްސަލައެއް ނުޖެހެއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި އަޅައިލުންވެސް ދީގެންނެވެ. އަދި މިހާރުވެސް ކުރިއަށް މިދަނީ ހަމަ އެގޮތުގައެވެ. 

އަހަރެމެން އެކަކު އަނެކަކަށް ކުރާ އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެކަމަކީ އަނެކާގެ ކިބައިން ކަމަކަށް އެދޭނަމަ އެދުމުގެ ކުރިން އޭނާއަށް ބޭނުންވެފައި ހުރި ކިތަންމެ ކުޑަކަމެއް ނަމަވެސް ކޮށްލައިދީ އޭނާ އުފާކޮށްލައިދިނުމެވެ. ހަމަ އެއާއިއެކު އަނެކާ ކަމަކު އެދިއްޖެނަމަ ވީހާއަވަހަކަށް ކޮށްދޭން ދެމީހުންވެސް މަސައްކަތްކުރަމުއެވެ. 

ދެން ބުނެލަން ބޭނުންވަނީ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވި ނަމަވެސް ދުވަހަކުވެސް އެކަކުވެސް ބާރަށް ބަސްބުނެ ނުހަދަމުއެވެ. ރުޅިގަދަވާން ޖެހޭ ވަރަކަށް އަޑުމަޑުކުރަމުއެވެ. އެކަމުގެ ސަބަބުން އެއްވެސް ކަމެއް ޒުވާބަކަށް ވެގެނެއް ނުދެއެވެ. 

އަހުރެންނަށްވުރެ ބޮޑަށް އަހުރެންގެ ފިރިމީހާ ހިފަހައްޓާ ކަމެއްވެސް ބުނެލާނަމެވެ. އެއީ ފިރިމީހާ އެދުނުކަމެއް ކޮށްނުދެވި ލަސްވާނަމަ ލަސްވެގެން ބަހެއް ނުބުނާނެއެވެ. ސުވާލުކުރާނީ ތިމަންނާ އެދުނު މިވެނިކަމެއް ހަނދާން އެބަހުރިތޯއެވެ؟ އެގޮތަށް ސުވާލުކުރީމާ އަހުރެން ވަރަށް ދެރަވެއެވެ. ލަދުވެސް ގަނެއެވެ. އެހެންވެ ފުރަތަމަ ކަމަކަށްވެސް މާފަށް އެދެނީއެވެ. 

އަހުރެން މިކިޔައިދިނީ އަހުރެމެން ދެމީހުންގެ މެދުގައި ބަހައްޓާ ބައެއް އާދަތަކެވެ. އަހުރެން ބުނާނީ ހަމައެކަނި މި މަދު މިންވަރަށް ޢަމަލުކުރިނަމަވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ވަރަށް މަދުވާނެއެވެ. މައްސަލަޖެހުން މަދުވި ވަރަކަށް ގުޅުން ބަދަހިވާނެއެވެ. ލޯބިވެސްދާނީ އިތުރުވަމުންނެވެ.  

މިއަންހެންމީހާ އެކިޔައިދިން ވާހަކަތަކަކީ ވަރަސް ޙިކުމަތްތެރި އަދި ޒަވާޖީ ޙަޔާތް އުފަލުގަ ހޭދަކުރަން އެދޭ މީހުންނަށް ޢިބްރަތްތެރި ފިލާވަޅަކަށް ވާނެތީ މިއަދުނޫހުހުގެ ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ. 

- އަލަފް

 

 

މިއަދު އޮންލައިން