މަންމަ ފަރާތުގެ ބޮޑުދައިތައިންނާއިމެދު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެމީހުނަކީ ހެޔޮކޮށް ހިތުމުގައި މައިން ފަދައިން އަޅާލައި ހެޔޮކޮށް ހިތަންޖެހޭ ބައެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
އިބްން ޢުމަރުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. މީހަކު އައިސް އޭނާއަށް ބޮޑު ފާފައެއް ކުރެވިއްޖެކަމާއި ތައުބާވާން ބޭނުންކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. އޭނާއާއި ސުވާލުކުރެއްވެވީ އޭނާގެ މަންމަ އެބައިންތޯއެވެ. ނެތްކަމަށް ދެންނެވުމުން ސުވާލުކުރެއްވެވީ މަންމަ ފަރާތުގެ ބޮޑު ދައިތަ ދުނިޔޭގައި އެބައިންތޯއެވެ. އެބައިންކަމަށް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ އޭނާއަށް ހެޔޮކޮށް ހިތުމަށެވެ.
މިޙަދީޘްފުޅުން އެނގިގެންދަނީ މައިންނަށާއި މައިމީހާ ފަރާތުގެ ބޮޑު ދައިތައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަކީ ފާފަތައް ފުއްސަވައިދެއްވާނެ ޢަމަލެއް ކަމެވެ.
މައިމީހާ ފަރާތުގެ ބޮޑުދައިތައިންނަކީ މައިންގެ ދަރަޖައިގައިވާބައެއްކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. (އެއީ އެމީހުންނަސް ހެޔޮކޮށް ހިތުމުގައެވެ.)
(ތިރްމިޛީ 1904 ބައްލަވާ)
ބައެއް ބޮޑުދައިތައިން މައިންނަށްވުރެވެސް ބޮޑަށް ކުދިން ދެކެ ލޯބިވާކަންވެސް އެނގެން އެބަހުއްޓެވެ. އެފަދަ ކިތަންމެ ޙާދިސާތަކެއް ފެންނަން އެބަހުއްޓެވެ. މިހުރީ އަހަރެމެންގެ ތެރޭގައި މިހާރަކަށް އައިސް މަދުން ނޫނީ ނުދެކެވޭ ވާހަކަތަކެވެ. ސަބަބަކީ މައިންނާއި އަޅައިލެވުންވެސް ކުޑަވަމުން އަންނާތީކަމަށްވެދާނެއެވެ.
ކޮންމެއަކަސް އަހުރެމެން އެންމެ ބޮޑަށް ބޭނުންވެގެން މިއުޅޭ ކަމަކީ އަހުރެމެންގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. އެހެންކަމަށްވާއިރު މިކަންކަމަށް ސަމާލުކަން އިތުރުކުރަން އެބަޖެހެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދާދި މިދާކަށް ދުވަހަކު ބޮޑުދައިތައަކު ގޮވައިގެން ޑޮކްޓަރަށް ދައްކަން ގޮސް އިން އަންހެންކުއްޖަކު ބޮޑުދައިތަ އުފާކޮށްދޭން ސަމާސަކޮށް ބައްދާލައި ހެދިތަން ފެނުމުން ވަރަށް އަސަރުކުރިއެވެ. މިބުނީ ވަރަށް އުފާވި ވާހަކައެވެ. އެއީ މި ހެޔޮ ޢަމަލު ދަމަހައްޓަން މަސައްކަތްކުރާ ބައަކު އެބަތިބިކަން ލޮލަސް ފެނުނީތީއެވެ.
ގުޅުންހުރި ލިޔުން:
https://islamqa.info/en/answers/229817/status-of-maternal-aunt-in-islam