ދަތިޙާލުގަ ތިބޭ އަންހެނުންނަށް އެހީތެރިވުމުގެ ނަމުގަ ބޭރަށް ނެރެ ފާފަކުރުވުމަކީ ކުރުވި މީހާއަށް ޢަޛާބް ދެއްވަވާނެ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދަތިޙާލުގަ ތިބޭ އަންހެނުންނަށް އެހީތެރިވުމުގެ ނަމުގަ ބޭރަށް ނެރެ ފާފަކުރުވުމަކީ ކުރުވި މީހާއަށް ޢަޛާބް ދެއްވަވާނެ ބޮޑު ފާފައެއް!

މިހާރަކަށް އައިސް ނިކަމެތި ޙާލެއްގައި އަންހެނަކު ދިރިއުޅޭކަން އެނގިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް އިސްކަން ދެވެނީ އޭނާއަށް އެހީތެރިވުމުގެ ނަމުގައި އޭނާގެ ކިބައިން ނާޖާއިޒު ފައިދާއެއް ނެގުމަށެވެ. އެކުވެރި އަންހެނުންވެސް އަދި ފިރިހެނުންވެސް އެކަމުގައި ޢަމަލުކުރަނީ ދާދި އެއް ގޮތަކަށެވެ.  

އެކުވެރި އަންހެނުން ކަންކަން ކުރަނީ ވަރަށް ހީލަތްތެރި ގޮތަކަށެވެ. މަޔޫސްކަން ފިލުވާލަން ބޭރަށް ގެންދިއުމުގެ ނަމުގައި ބޭރަށް ގެންގޮސް އޭނާ ވިއްކައިލަނީއެވެ. އެކަންކުރަނީ ދަތިޙާލުގައި ހުރި މީހާއަށް މިވަނީ ކީއްކަންވެސް ނުއެނގޭ ފަދަ މަކަރުވެރި ގޮތަކަށެވެ.  

މިއީ ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. ސަބަބަކީ އެއިރުން އޭނާއަށް އެހީތެރިވުމުގެ ނަމުގައި އެދެވެނީ މާނުބައި، މާބޮޑު ގެއްލުމެކެވެ. އެގޮތަށް އެކަން ނުކުރާށެވެ! ނިކަމެތި ޙާލުގައި ހުރި އަންހެނަކަށް އެހީތެރިވުމުގެ ނަމުގައި ބޭރަށް ގެންގޮސް ޔަޤިންކަން ނެތް ފިރިހެނުންނަށް ތަޢާރްފަކޮށްދިނުން ފަދަ ކަންކަން ނުކުރާށެވެ.  

އެއިގެ ބަދަލުގައި އޭނާއަށް އެހީތެރިވެދީގެން އޭނާ އާއި އޭނާގެ ދަރިން ބަލަހައްޓައިދޭނެ ފަދަ ފިރިހެނަކު ފެނިއްޖެނަމަ ދެމީހުން ކައިވެނިކުރަން އެހީތެރިވެދޭށެވެ. އެގޮތަށް އެކަންކޮށްފިނަމަ ނިކަމެތި ޙާލުގައި ތިބި ޢާއިލާއަކަށް ތަނަވަސްކަން ހޯދައިދިނުމުން ދެއްވަވާނެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ  

ދެން އޮތީ މީގެ އަނެއްކޮޅެވެ. އެނިކަމެތި އަންހެނާ ބޭރަށް ނެރެ، މަގުފުރެއްދުމުން އޭނާ ކުރާ ފާފައިން އެކަން ކުރުވި މީހަކަށް ބައިއެޅޭނެއެވެ. އަދި އެމީހަކު ވާނީ ޝައިޠޯނާގެ ބައިވެރިއަކަށެވެ. މިއީ ކޮންފަދަ ނުބައިކަމެއް ހެއްޔެވެ؟  

ވިސްނާށެވެ! އެކުވެރިޔާއަށް ނިކަމެތި ޙާލަތެއް ކުރިމަތިވެފައިވާނަމަ ފުރަތަމަ ކަމަކށް އޭނާއަށް އެހީތެރިވެދޭށެވެ. އެފެންވަރު ތިމާގެ ކިބައިގައި ނެތްނަމަ އޭނާއަށް އެހީތެރިކަން ލިބޭނެ މަގެއް ދައްކައިދޭން މަސައްކަތްކުރާށެވެ! މިއީ ކޮންމެ މުސްލިމަކުވެސް މިކަމުގައި ޢަމަލުކުރަން އޮތް ގޮތެވެ. އަދި ކުރިން ބުނިފަދައިން އެގޮތަށް ޢަމަލުކޮށްފިނަމަ އެމީހަކަށް ﷲ ތަޢާލާ ގިނަގުނަ ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން