ދެމަފިރިންގެ މެދުގައި ކަމެއްދިމާވާއިރަށް ޙައްލު ހޯދަން އެހެން މީހަކާ މަޝްވަރާކުރުމުގެ ކުރިން ވިސްނާލަންޖެހޭނެ ބައެއް ކަންކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދެމަފިރިންގެ މެދުގައި ކަމެއްދިމާވާއިރަށް ޙައްލު ހޯދަން އެހެން މީހަކާ މަޝްވަރާކުރުމުގެ ކުރިން ވިސްނާލަންޖެހޭނެ ބައެއް ކަންކަން

ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ބުއްދީގެ ނުވަތަ ވިސްނުމުގެ ބޭނުން ހިފުމެވެ. ކޮންމެ މީހަކަށްވެސް ﷲ ތަޢާލާވަނީ އެކަމުގެ ކުލަދާނަކަން ދެއްވަވައިފައެވެ. އެކި މީހުންނަށް އެކިވަރަށެވެ. ކޮންމެ މީހަކަށްވެސް ކޮންމެވެސް މިންވަރަކަށް ލިބިފައިވާނެއެވެ. 

އެހެންކަމާއިއެކުވެސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެއްވެސް ކަމެއް ރަނގަޅަށް ކުރަންވީގޮތް އޭނާއަށް ނުއެނގޭނެ ކަމަށެވެ. މިވެނި އެވެނި އެވެނި މީހެއްގެ ވިސްނުން މާރަނގަޅުވާނެ ކަމަށެވެ. އެހެންވެ އޭނާއަށް ދެއްވެވި ބުއްދީގެ ބޭނުން ހިފަން އޭނާ މަސައްކަތެއްވެސް ނުކުރެއެވެ. އަބަދުވެސް ބަރޯސާވަނީ އެހެން މީހުން ބުނެދޭ ގޮތަށެވެ. 

މިއީ ރަނގަޅު ގޮތެއް ނޫނެވެ. ﷲ ތަޢާލާ އެމީހަކަށް ދެއްވަވާފައި ނިޢުމަތުގެ ބޭނުން ކުރަންވާނެއެވެ. އެކަން އިތުރަށް ކުއަރަިގެންދާނީ އެމީހަކު އެކަމުގެ ބޭނުން ހިފާމިންވަރަކުންނެވެ. އަދި ބޭނުން ހިފާ ގޮތަކުންނެވެ. 

ފާހަގަކޮށްލަން މިއުޅޭ އެންމެ މުހިންމު ކަމަކީ ދެމީހެއްގެ ޒަވާޖީ ޙަޔާތުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް އަމިއްލައަށް އެކަމަށް މަސައްކަތްކުރާށެވެ! ކަމެއްޖެހޭ އިރަށް އެކަމެއް އެހެން މީހުންނަށް ޙިއްޞާނުކުރާށެވެ. އެހެން މީހަކަށް ޙިއްޞާކުރަންވާނީ އަމިއްލައަށް ގޮތް ނިންމަން އުނދަގޫވެއްޖެނަމައެވެ.

ނިކަން ބުނެބަލާށެވެ! މިޒަމާނުގައި އިތުބާރުކުރެވޭނީ ކާކަށް ހެއްޔެވެ؟ ފުރުޞަތެއް ލިބިއްޖެނަމަ ގުރަކަށްޓަށް ވަޅި ނުހަރާނީ ކާކުހެއްޔެވެ؟ އެއީ ވަރަށް މަދުބައެކެވެ. ގިނަވާނީ އެމީހަކަށް ފައިދާކުރާނެ ގޮތަކަށް ކިތަންމެ ކުޑަފުރުޞަތެއް ލިބުނަސް އެންމެ ގާތްމީހާއަށް ނަމަވެސް ނުބަލައި އެމީހާއަށް އުފާވެރިކަން ހޯދަން މަސައްކަތްކުރާނެ މީހުންނެވެ. 

މިއީ ދެމަފިރިންކުރެ ވަކި މީހަކަށް ބުނާ ބަހެއް ނޫނެވެ. މިބަސް މިބުނީ ދެމީހުންނަށް އެއްވަރަކަށެވެ. ދެމީހުންވެސް ވިސްނައި ޢަމަލުކުރުމަށެވެ. ކާމިޔާބު ދެމަފިރިއަކަށް ވެވޭނީ ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް އަމިއްލައަށް ޙައްލުކުރެވިގެންނެވެ. ދެމީހުންގެ ދެމެދަށް ވަދެގަތުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުދޭން މަސައްކަތްކުރުމުންނެވެ. 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން