އުފަލުގަ ހުރެވޭނީ އެހެން މީހުން ތިމާއާމެދު ކަންކަން ކުރާގޮތަށް ކަންބޮޑުނުވެ ހުރެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އުފަލުގަ ހުރެވޭނީ އެހެން މީހުން ތިމާއާމެދު ކަންކަން ކުރާގޮތަށް ކަންބޮޑުނުވެ ހުރެވިގެން!

އަހުރެމެންގެ ތެރެއިން ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެމީހުން ކުރަން ބޭނުންވާ ގޮތަށް އެހެން މީހުން ކަންކަން ނުކުރުމެވެ. ތިބާ އެމީހުން ގެންދަން ބޭނުންވާ ތަންތަނަށް އެމީހުން ނުދިއުމެވެ. އެމީހުންކުރާ ބައެއްކަންކަމަށް ތިބާއަށް ދަޢުވަތު ނުދިނުމެވެ. ތިބާ ދަޢުވަތުދިނުމުން އެމީހުން ނައުމެވެ.  

އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. އެކުވެރިންގެ ކިބައިންވެސް، ޢާއިލީ ބައެއްގެ ކިބައިންވެސް، އަދި އަމިއްލަ ދަރިންގެ ކިބައިންވެސް މިބުނި ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ހަމަ އަޅައިވެސްނުލާށެވެ! ކަމެއްވީކަމަށްވެސް ނުހަދާށެވެ! 

އެމީހުން އެއަންގައިދިނީ އެމީހުން ތިބާއާއިމެދުގައި ދެކޭގޮތެވެ. ވީމާ އަޅައިވެސް ނުލާށެވެ! އަދި ހިތްހަމަނުޖެހުންވެސް ނުބާއްވާށެވެ. ހިތްހަމަނުޖެހުން ބާއްވައި ހިތްހަމަނުޖެހިގެން ހުންނަން ވެއްޖެނަމަ އަމިއްލަ ނަފްސަށް އުފުލަންޖެހޭ ތަކްލީފްތައްވެސް ދާނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. 

ސިކުނޑިއަށް ހަމަޖެހުން ލިބި އުފަލުގައި ހުރެވޭނީ އެހެން މީހުން ތިމާއާއިމެދު ކަންކަން ކުރާގޮތަށް ކަންބޮޑު ނުވުމުންނެވެ. ކޮންމެ ކަމެއްވެސް ތިމާއަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރަމުން ގެންދާށެވެ! އެންމެންނަށްވެސް އެކުވެރިކަން ބާއްވާށެވެ! އެންމެންދެކެ ލޯބިވެސްވާށެވެ! ހެޔޮކޮށްވެސް ހިތާށެވެ. 

އެއިރުން އެމީހަކަށް އެނިމުނީއެވެ. އެކަމުން ލިބޭނެ ހިތްހަމަޖެހުން މާބޮޑުވާނެއެވެ. އިންސާނުން އުޅެން އޮތީ ﷲ އެންގެވި ގޮތެވެ. އެއީ އެންމެންނަށްވެސް ހެޔޮކޮށް ހިތުމެވެ. އެކަން ކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ﷲ އެންގެވި ގޮތުގައެވެ. އިން ޝާ ﷲ ﷲ އަންގަވާފައިވާ ގޮތުގައި ހުންނަ މީހާއަށް އަބަދުވެސް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އަލަފް

މިއަދު އޮންލައިން