މިއަދުގެ ޚުޠުބާއަށް ބަލައިލާއިރު ފާހަގަކުރެވޭ އެއްކަމަކީ ކޮންމެ ދާރާއަކުން ޢިލްމު އުނގެނުނު ކަމުގައިވީނަމަވެސް އިސްލާމް ދީނުގެ އަސާސްތަކާއި އިންތަކުގެ ތެރެއިން ޢިލްމު އުނގެނެން ގޮވާލާފައިވާކަމެވެ. ފައިދާކުރަނިވި ޢިލްމް އުނގެނި މީސްތަކުންނަށް ނަބޭޙަތްދީ ދީނާއިމެދު ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރަން ގޮވާލާފައިވާ ކަމެވެ.
މިއީ މިހާރަކަށް އައިސް ވަރަށް ގިނަ ބައަކަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ކަމެކެވެ. ނުވަތަ ޤަޞްދުގައި ވަރަށް ބޮޑަށް އިޙްމާލްވަމުން އަންނަ ކަމެކެވެ. ވިސްނެނީ ދަރިންނަށް ކޮންމެ ދާއިރާއަކުން ނަމަވެސް މަތީ ތަޢްލީމް އުނގަންނައިދީ ބޮޑު މުސާރައެއް ލިބޭ މަޤާމަކަށް ދަރިފުޅަށް ދެވިއްޖެނަމަ އެއޮތީ ދަރިފުޅުގެ ހުރިހާ ކަންކަން އެންމެ ކުރިއަރާފައި ކަމަށެވެ.
އެއީ ނުބައި ވިސްނުމެއްކަން އެންމެ ފަސޭހައިން އެނގިގެންދާނީ މިސްކިތްތަކުންނެވެ. ޖަމާޢަތުގެ ނަމާދަށް އަރާ ޒުވާނުންނަށް ބަލައިލުމުންނެވެ. އިސްލާމީ ތަޢްލީމާއި ތަރުބިއްޔަތާއި ދުރުހެލިވެ ތިބެ ތަޢްލީމީ މަތީ ފާސްތައް ނަގައިގެން ތިބި ޒުވާނުން މިސްކިތަށްއަރާ އަދަދު ބަލައިލުމުން އެކަން ވަރަށް ފަސޭހައިން އެނގިގެންދާނެއެވެ.
މީސްތަކުންނަށް އެ ޢިލްމަކުން ފައިދާކުރާނެ ކޮންމެ ޢިލްމަކުންވެސް ކުރިއަރައިދާންވީއެވެ. އެކަމަކަށް އެއްވެސް މައްސަލައެއް ނެތެވެ. އަދި ހުރަހެއްވެސް ނެތެވެ. މުހިންމީ އިސްލާމް ދީންވެސް އެނގިފައި އޮތުމާއި އިސްލާމީ ތަރުބިއްޔަތު ލިބިފައިވުމެވެ. ކޮންމެ ދާއިރާއަކުން މަތީ ތަޢްލީމް ޙާޞިލްކުރި ނަމަވެސް އިސްލާމް ދީންގެ އަސާސްތައް އެނގި އަދި ތަރުބިއްޔަތުވެފައިވާނަމަ އެދަރިވަރަކު ހުންނާނީ ޙައްޤު މަގުގައެވެ. އިން ޝާ ﷲ
ޢަރަބިއްޔާ ސްކޫލުން ކިޔެވި ކޮންމެ ދަރިވަރަކު ވެފައިވަނީ ބޮޑު ދީނީ ޢިލްމުވެރިއަކަށް ނޫނެވެ. އެދަރިވަރުންގެ ތެރޭގައި ތަފާތު ދާއިރާތަކުން މަތީތަޢްލީމް ޙާޞިލްކޮށްފައިވާ ދަރިވަރުން ވަރަށް ގިނައެވެ. އެހެނަސް އެދަރިވަރުންގެ ކިބައިގައިވާ ޚާއްޞަކަމަކީ އިސްލާމީ ތަރުބިއްޔަތު ލިބިފައިވުމެވެ. އެކަމުގެ ފައިދާ އެދަރިންގެ ހަޔާތަށް ހުރިހާ ގޮތަކުން ކުރާކަމެވެ. އިން ޝާ ﷲ