ތިބާ އެދުނު ބައިވެރިޔާ ނުދެއްވަވައިފިނަމަ އެއީ އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ތިބާއަށް ދެއްވަވަން އޮތުމުންކަން ޔަޤީންކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތިބާ އެދުނު ބައިވެރިޔާ ނުދެއްވަވައިފިނަމަ އެއީ އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ތިބާއަށް ދެއްވަވަން އޮތުމުންކަން ޔަޤީންކުރާށެވެ!: މުފްތީ މެންކް

އަޅުގަނޑަކީ ޢުމުރުން 18 އަހަރުންސުރެ މީހަކު ދެކެ ލޯބިވެގެން އުލެވުނު އަންހެނަކީމެވެ. 5 އަހަރަށްފަހު އޭނާ އެހެން އަންހެނަކާއި ކައިވެނިކޮށްފިއެވެ. އެއިގެ ފަހުން މިހާރު އަހަރަކަށްވުރެވެސް ގިނަދުވަސް ވެއްޖެއެވެ. އެކަމަކުވެސް އަޅުގަނޑަށް މިއުޅެނީ އޭނާގެ ހަނދާންތަކާއި ވަކިނުވެވިގެންނެވެ. 

މިޙާލަތުގައި މިކަމުން ސަލާމަތްވެވޭނެ ގޮތަކީ ކޮބައިތޯއެވެ؟ 

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިޜީގައިވާ ލިޔުމުން ހިތްވަރު ލިބިގަންނާށެވެ! ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ 

އެންމެންނަށްވެސް މިވަނީ މައްސަލަތައް ކުރިމަތިވެ ފުނިޖެހިފައެވެ. ޞިއްޙީ މައްސަލަތަކާއި މާލީ ދަތިކަމާއި ދިރިއުޅޭނެ ތަނެއް ނެތުމާއި ވަޒީފާ ނުލިބުމާއި ލިބުނު ވަޒީފާއިން ލިބޭ އާމްދަނީ މަދުކަމުން ނުފުދުން ފަދަ އެތައް ބައިވަރު މައްސަލަތަކެކެވެ. 

މިފަދަ އެތައް ބައިވަރު މައްސަލަތަކެއް ކުރިމަތިވެފައިވާއިރުވެސް އެންމެ ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮންނަނީ އެދޭ ބައިވެރިޔާ ނުލިބުމެވެ. "މިހައި ގިނައިން ދުޢާކޮށްފީމެވެ. އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބިވަމެވެ. މިހައި ގިނައިން އަޅުކަންކުރަމެވެ. މިހައި ގިނައިން ދުޢާކުރާއިރުވެސް ޢިޖާބައެއް ނުކުރައްވަވައެވެ. ނުވަތަ ބޭނުންވާ ބައިވެރިޔާ ލިބުނީ އެހެން މީހަކަށެވެ." މިފަދަ ޝަކުވާތަކެވެ. ހަމައެކަނި ޝަކުވާކުރަނީއެއްވެސް ނޫނެވެ. މާޔޫސްވެ އަޅުކަންކުރުމާއި ދުރުހެލިވެސްވަނީއެވެ. 

އަބަދުވެސް ބުނާ ފަދައިން މިރޭވެސް ބުނަން އޮތީ އެދޭ ބައިވެރިޔާ ނުދެއްވަވައިފިނަމަ އެއީ ތިބާއަށް އޮތް ރަނގަޅަކަށް ކަމުގައި ނޫނީ ނުވާނެކަން ޔަޤީންކުރާށެވެ! އޭނާ ދެއްވެވިނަމަ އޭނާގެ ސަބަބުން ތިބާއަށް ލިބޭނެ ބޮޑު ހިތާމައަކުން ސަލާމަތްކުރެއްވެވީކަން ވެސް ޔަޤީންކުރާށެވެ! 

އަހަރެމެންނަށް މީހުން ދެކެ ލޯބި މިވެވެނީ އެމިހުންގެ ބޭރުފުށަށް ބަލައިގެންނެވެ. އެތެރޭގައިވާ ކަންކަން ނުވަތަ ފަހުންވާނެ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ ދެއްވެވުން ލަސްކުރައްވަވާނީވެސް އަދި ނުދެއްވަވާނީވެސް ހަމަ ތިބާއަށް ރަނގަޅަކަށެވެ. އަދި ބައެއް ހާލަތްތަކުގައި ކުރިން ނުދެއްވަވައި ފަހުން ދެއްވެވުމުން މާއުފާވެރި ޙަޔާތެއްވެސް ލިބިފައި އެބަހުއްޓެވެ! 

ކުރިން މިބުނި ފަދަ ނުބައި ވިސްނުންތަކުން ސަލާމަތްވެހުރެވޭނީ ފުރިހަމަގޮތުގައި ﷲ ތަޢާލާއަށް އިތުބާރުކުރާ މީހަކަށެވެ. ވަކީލްކުރާ މީހަކަށެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރުކޮށް ވަކީލުކުރާ އެއްވެސް މީހަކަށް ދެރަގޮތެއް މިންވަރުނުކުރައްވަވާނެކަން ޔަޤީންކުރާށެވެ! ތިބާ ބޭނުންވި ގޮތަސް އިރާދަ ނުކުރައްވަވައިފާނެތެވެ. ނަމަވެސް އިރާދަކުރައްވަވާނީ ތިބާއަށް އެންމެ ފައިޑާހުރި ގޮތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން