ނަމާދަށް އިތުބާރު ނުކުރެވޭ މީހުން ވިސްނާލުން މުހިންމު: ނަމާދަށް ހުއްޓާ ސިންގާއެއް އައިސް އޭނާ ވަށާލައި އުޅެފައި އެނބުރި ދިއަކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ނަމާދަށް އިތުބާރު ނުކުރެވޭ މީހުން ވިސްނާލުން މުހިންމު: ނަމާދަށް ހުއްޓާ ސިންގާއެއް އައިސް އޭނާ ވަށާލައި އުޅެފައި އެނބުރި ދިއަކަމުގެ ވާހަކަ-

އަހުރެމެންގެ ތެރެއިން ނަމާދުކުރާ މީހުންގެ ތެރެއިންވެސް ގިނަ ބައަކަށް ނަމާދުކުރެވެނީ ނަމާދަށް އިތުބާރުކޮށްގެން ހެއްޔެވެ؟ ނުވަތަ އެހެން މީހުންވެސް ނަމާދުކުރާތީ ކޮށްލަނީ ހެއްޔެވެ؟ ތިރީގައި އެވާ ވާހަކަ ވިސްނުންތެރިކަމާއިއެކު ކިޔައިލާށެވެ! އެއިރުން ތިމާއަށް މިހުރެވެނީ ކޮން މަޤާމެއްގައިކަން ވިސްނޭނެއެވެ. އިން ޝާ ﷲ 

މިރޭގެ ދަރުސް މިފަށަނީ ޙަޤީޤީ ހާދިސާއަކުންނެވެ. 

އެކުގައި ދަތުރަކު ޖަންގައްޔަށް ގޮސް އުޅުނު ބައެކެވެ. ރޭގަނޑުވެ އަނދިރިވުމުން ތިބީ ކޭމްޕް ޖަހައިގެންނެވެ. ޖަމާއަތުގައި ނަމާދުކުރަން ފެށިތަނާ ފެނުނީ ބޮޑު ސިންގާއެއް އެމީހުންނާއި ދިމާއަށް އަންނަތަނެވެ. އެތަން ފެނުމުން އެކަކު ފިޔަވައި އެންމެން ބިރުން ނަމާދު ދޫކޮށްލާފައި ދިއައީއެވެ. އޭނާ ނަމާދުކުރުމުގައި ދެމިހުރީއެވެ. 

ސިންގާ އޭނާގެ ކައިރިއަށް އައެވެ. ވަށައިގެން އެނބުރިލާފައި ދިއައީއެވެ. އެނބުރި ދިއުމުން ގަސްތަކުން ފައިބައިގެން އައިސް އޭނާ އާއި ސުވާލުކުރިއެވެ. އޭނާ ނަމާދު ދޫކޮށްލާފައި ފިލަން މަސައްކަތްނުކުރި ސަބަބާއިމެދުގައެވެ. 

ޖަވާބުގައި އޭނާ ބުންޏެވެ. "އަހަރެން ހަމަ ލަދުގަތީއެވެ. އަހަރެން ހުރީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. މުޢާމަލާތުކުރަމުން ގެންދިއައީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ އެންމެ މަތިވެރި، އަދި ކޮންމެ ޙާލަތެއް މެދުވެރިކުރެއްވެވުމަށްވެސް، ކޮންމެ މުޞީބާތަކުން ވެސް ސަލާމަތްކުރެއްވެވުމަށް ކުޅަދުންވަންތަ ﷲ ތަޢާލާ އާއިއެވެ. އެކަންކުރުން ހުއްޓާލާފައި ދުވެފިލަން ލަދުގަތީއެވެ. ފލަން ދެވޭނީވެސް ކޮންތަނަކަށް ހެއްޔެވެ؟ ގަހަށް އެރިނަމަވެސް ރައްކައުތެރިކަން ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ." 

ޖަވާބުގައި ބުނާނެ އެންމެ ބަހެއްވެސް އެމީހުންނަކަށް ނުއެނގުނެވެ. 

މީސްތަކުންނޭވެ! ފެނިގެން އެދިއައީ އެންމެ އާޔަތެއްގައިވާ ބަސްފުޅެވެ. "ކާމިޔާބު ލިބިގެންވަނީ އީމާންވި މީހުންނަށެވެ. އެއީ ނަމާދުގައި ޚުޝޫޢަތެރިވާ މީހުންނެވެ." 

މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވަނީ އީމާންކަން ފުރިހަމަ ގޮތުގައި ލިބއްޖެ ނަމަ ޚުޝޫޢަތްތެރިވެވޭނެކަމެވެ. ނަމާދުގައި ޚުޝޫޢަތްތެރިވެވޭނީ އީމާންވެގެންކަމެވެ. 

ހަމައެއާއިއެކު ﷲ ތަޢާލާ ވަޙިކުރައްވަވާފައިވަނީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދުމަށެވެ. ވީމާ އޭނާ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދުނީއެވެ. އެހެން އާޔަތެއްގައިވާ ފަދައިން އެނބުރި ދާންޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމުގެ ޔަޤީންކަމާއިއެކުގައެވެ. 

ޤިޔާމަތް ދުވަހު ތިމާ ﷲ ތަޢާލާ އާއި ބައްދަލުވާނެކަން ޔަޤީންކުރުމަކީވެސް ނަމާދުގައި ޚުޝޫޢަތްތެރިވެވޭ ސަބަބެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން