އުފަންވެ ބޮޑުވަމުން އަންނައިރު ﷲ ތަޢާލާ އާއި ބެހޭ ގޮތުންނާއި އެންމެ ފުރިހަމަ ދީނަކީ އިސްލާމް ދީންކަން އެނގެނީ މަދު ކުއްޖަކަށެވެ. އެހެނީ އެކުދިންގެ މައިންބަފައިންނަކީ މުސްލިމުންނެއް ނޫނެވެ. އެހެން ދީންތަކުގެ މީހުންނެވެ. އަދި އެއިގެ ތެރޭގައި ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މައިންބަފައިންވެސް ހިމެނެއެވެ.
އެކުދިން ބޮޑުވެ ވިސްނައި ފިކުރުމުން ﷲ ތަޢާލާގެ މަތިވެރިކަމާއި، ދީލަތިވަންތަކަމާއި ކީރިތި ޤުރްއާނުގެ ފުރިހަމަކަން އެނގުމުން އެކުދިން އަމިއްލައަށް އިސްލާމްވަނީއެވެ. ވީމާ މީސްތަކުންނަށް އަންގައިދޭންވީ މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
1 އަހުރެންގެ ނިތްކުރި ބިންމަތީގައި ޖައްސަނީ އަހުރެން އުފެއްދެވި ﷲ ތަޢާލާއަށްޓަކައި ހެއްޔެވެ؟
2 އެއްވެސް ބޭނުމެއް ނުފުދިގެން އެއްވެސް މީހަކަށް ސަޖިދަޖެހުމެއް ނެތް ހެއްޔެވެ؟
3 ތިއަ ބުނަނީ އަހުރެންގެ ހުރިހާ ފާފަތަކަށް ﷲ ތަޢާލާ ޢަފޫކުރައްވަވާނެ ކަމަށް ހެއްޔެވެ؟
4 ތިއަ ބުނަނީ ކިތަންމެ ގިނަ ފާފަފަތަކެއް އަހުރެންނަށް ކުރެވިފައިވީނަމަވެސް ތައުބާވުމުން އަހުރެންގެ ފާފަތަކަށް ވަޤުތުން ޢަފޫކޮށްދެއްވަވާނެ ކަމަށްހެއްޔެވެ؟
5 ތިއަ ބުނަނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވާ މީހަކު ނަމަވެސް ތައުބާވެ، ފާފަކުރުމުން ދުރުހެލިވެ، ހެޔޮ ޢަމަލުކުރުންމަތީގައި ދެމިހުރެއްޖެނަމަ ސުވަރުގެ ވައްދަވާނެ ކަމަށް ހެއްޔެވެ؟
6 ތިއަ ބުނަނީ އިސްލާމް ދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އަނެކުންނަށް ރަޙުމްކުރުމާއި މާފުކުރުން ހިމެނޭކަން ކަމަށްހެއްޔެވެ؟
މިފަދަ ހުރިހާ ސުވާލުތަކެއްގެ ޖަވާބަކީ އާނއެކެވެ! މިހުރިހާ ކަންކަމަކީވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމުން މީސްތަކުންނަށް ލައްވަވާނެ ރަޙްމަތެވެ. އެއިން އެއްވެސް ކަމަކަށް ޝައްކުކުރުމެއްވެސް ނެތެވެ.
މުސްލިމުންގެ އީމާންކަން ތާޒާކުރަންވެސް ވިސްނަންވީ މިފަދަ ކަންކަމަށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން