އަހުރެމެން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާނީ ދަރިންދެކެއެވެ. ދަރިއަކު ލިބެނީ ކިހައި ތަކްލީފެއް އުފުލައިގެންހެއްޔެވެ؟ ކިހައި ބޮޑު ބުރައެއް އުފުލައިގެންހެއްޔެވެ؟ އަދި ގެންގުޅެ ބޮޑުކޮށް ކިޔަވައިދީ މީހުންނަށް ހެދެނީ ކިހައި ބުރަ މަސައްކަތްތަކެއް ކޮށްގެންހެއްޔެވެ؟
ދެން އޮތީ ކުރަންޖެހުނު ޚަރަދެވެ. ދަރިފުޅަށް ބަލިވެއިނީންސުރެ ކިޔަވައިދީ ނިމި ވަޒީފާއަށް ނުކުމެ މުސާރަލިބެން ފަށަންދެން ދަރިފުޅަށް ކުރި ޚަރަދު އެނގޭނީ ލިޔެގެން ބަލަހައްޓާ ނަމައެވެ. ނަމަވެސް އެކަން ބެލެހެއްޓުމަކީ ބެލެނިވެރިން ކުރާ ކަމެއް ނޫނެވެ. ކުރަންބޭނުންވާ ކަމެއްވެސް އަދި ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. ސަބަބަކީ އެކަންކަމަކީ ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަންކަމަށްވާތީއެވެ.
ދެން ބަލައިލަންވީ މިހުރިހާ ޚަރަދުތަކެއް ކޮށް ބުރަތަކެއް އުފުލުމުން ނުކުންނަ ނަތީޖާއަށެވެ. އަހުރެން ބުނާނީ ނަތީޖާ ހަމަ ރަނގަޅު ކަމަށެވެ. ހުރިހާ މައިންބަފައިންނަކީ އެއްގޮތް ބައެއް ނޫނެވެ. ވީމާ ހުރިހާ ދަރިންވެސް އެއްގޮތް ވާނެކަމަށް ބަލައިގެން ނުވާނެއެވެ.
ދަރިންނަކީ ކޮންމެ މީހަކާއިވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވާ އެންމެ ބޮޑު އެއް އަމާނާތެވެ. އެއަމާނާތަށް ރައްކައުތެރިވެ ތިމާ މީހާ އަދާކުރަންޖެހޭ ވާޖިބު، ތިމާގެ ފެންވަރުން އަދާކުރުމުން އެއޮތީ ތިމާގެ ވާޖިބް އަދާކުރެވިފައެވެ. ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ.
މިހާރަކަށް އައިސް މައްސަލަތައް ކުރިމަތިވުން ގިނަވާ އެންމެ ބޮޑު އެއް ސަބަބަކީ ދަރިންނަށް ޚަރަދުކުރިނަމަވެސް ތަރުބިއްޔަތުކުރުމުގައި އިހްމާލްވެވޭކަމެވެ. ޙަޤީޤަތަށް ބަލައިފިނަމަ ތަރުބިއްޔަތުގެ މުހިންމުކަން މާބޮޑެވެ. ކުރާ ފައިދާވެސް މާބޮޑެވެ. އެހެން ބުނަން މިޖެހެނީ ކިތަންމެ ގިނަ ނުވަތަ ބޮޑުހޭދައެއް ކުރިނަމަވެސް ދަރިންނާއި އަޅައިނުލެވި ތަރުބިއްޔަތު ނުކުރެވޭނަމަ ދަރިންގެ ކިބައިން ލިބެންޖެހޭ ލޯބި ލިބުމަށް ހުރަސްތައް ހުންނާނީއެވެ.
ހަމައެއާއިއެކު މައިންބަފައިން ފަޤީރުވީމާ ދަރިންނަށް ހޭދަކުރެވޭ މިންވަރު މަދުވި ނަމަވެސް އަޅާލައި ތަރުބިއްޔަތުކުރެވިއްޖެނަމަ އެދަރިންގެ ކިބައިން ލޯތްބާއި އަޅައިލުން އިތުރުވާތީއެވެ. ވީމާ މިކަންކަމަށް މައިން ބަފައިންގެ ސަމާލުކަން މިއަދު މިވަނީ ވަރަށް ބޮޑަށް އިތުރުކުރަން ޖެހިފައެވެ.
- އަލަފް